އުނގަންނައި ދިނުމުގައި ބޭނުންކުރެވިދާނެ ޓެކުނޮލޮޖީ 2

22 މެއި 2017: 2016 ވަނަ އަހަރުގެ އޭ ލެވެލްގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އުނގެނުމާއި އުނގަންނައިދިނުމުގައި ބޭނުންކުރުމަށް އެތައް ޓެކުނޮލޮޖީއެއް ބާޒާރަށް ނެރެވިއްޖެ އެވެ. ނަމަވެސް މިފަދަ ކޮންމެ އުފެއްދުމެއް ހުރިހާ އިސްކޫލެއްގައި ބޭނުން ނުކުރެވިދާނެ އެވެ. މިސަފުހާ މެދުވެރިކޮށް އަޅުގަނޑު މިގެނެސްދެނީ ރާއްޖޭގެ އިސްކޫލުތަކުގައި ބޭނުންކުރުމަށް އެކަށޭނަ ބައެއް އުފެއްދުމުގެ މައުލޫމާތެވެ. އިތުރު ޚަރަދާއި ބޮޑެތި ތަމްރީނުތަކަކާ ނުލައި މިއުފެއްދުންތައް މުދައްރިސުންނަށް ބޭނުން ކުރެވިދާނެ އެވެ. ކުރިން ލިޔެވުނު ލިޔުމެއްގައި މިފަދަ އިތުރު ބައެއް އުފެއްދުމަށް އަލިއަޅުވާލެވިފައި ވާނެ އެވެ.

ސީސޯ

ސީސޯ (Seesaw) އަކީ ވަކި މާއްދާއަކުން ދަރިވަރުން ކުރާ މަސައްކަތް ޖަމާކޮށް ޝާއިއުކުރުމަށް ބޭނުންކުރެވިދާނޭ އިލެކްޓްރޯނިކް ޖަރނަލް އެކެވެ. ނުވަތަ އީ-ޕޯޓްފޯލިޔޯ ޓޫލް އެކެވެ. މުޅި ޓާމުގައި ދަރިވަރު ކުރާ މަސައްކަތް ސީސޯ ބޭނުންކޮށްގެން ބެލެނިވެރިންނާ ވެސް ހިއްސާ ކުރެވިދާނެ އެވެ. މިގޮތުން ޓާމު ނިމޭއިރު އެމާއްދާއަކުން ދަރިވަރުން ކުރި ހުރިހާ މަސައްކަތެއް ހުންނާނީ އެއްކުރެވި، ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް ވެސް ބަލައިލެވޭ ގޮތަށް ތަރުތީބު ކުރެވިފަ އެވެ.

ސީސޯ ބޭނުންކުރުމަށް ޓަކައި ސީސޯ ވެބްސައިޓުން މުދައްރިސްގެ އެކައުންޓު، ފުރަތަމަ ހަދާށެވެ. އެއަށް ފަހު މުދައްރިސް ކިޔަވައިދޭ ވަކި ކޮންމެ ގުރޫޕަކަށް ކިލާހެއް ހެދިދާނެ އެވެ. މިގޮތުން "ކްރިއޭޓް ނިއު ކްލާސް" އަށް ފިތައި، މުދައްރިސް ބޭނުންވާ ގޮތަށް ކިލާހުގެ ސެޓިން ހަދާށެވެ. ސެޓިން ހެދުމުގައި ދަރިވަރު ޕޯސްޓުކުރާ ތަކެތި މުދައްރިސް "އެޕްރޫވް" ކުރުމުން ޝާއިއުވާގޮތަށް ހަދަން ސަމާލުކަން ދޭށެވެ. އެއަށް ފަހު ސީސޯ ކިލާހަށް ދަރިވަރުން ވައްދާށެވެ. މިކަން ދެގޮތަކަށް ކުރެވިދާނެ އެވެ. އެއްގޮތަކީ ދަރިވަރުގެ އީމެއިލް އެޑްރެސް ބޭނުންކޮށްގެން ސީސޯ ކިލާހަށް ރަޖިސްޓަރީ ކުރުމެވެ. ދެވަނަ ގޮތަކީ ކިއުއާރު ކޯޑެއް ނުވަތަ ޓެކްސްޓް ކޯޑެއް ބޭނުންކޮށްގެން މިކަންކުރުމެވެ. މިއީ ގިނަ މުދައްރިސުންނާއި ދަރިވަރުންނަށް، ޚާއްސަކޮށް، ދަށް ގުރޭޑުތަކުގެ ދަރިވަރުންނަށް އެންމެ ފަސޭހަވާނެ ގޮތްކަމަށް ފެނެ އެވެ. މިގޮތަށް ދަރިވަރުން ރަޖިސްޓަރީ ކުރުމަށް ކޮންމެ ދަރިވަރެއްގެ ޓެބްލެޓަށް ސީސޯ އެޕް ޑައުންލޯޑް ކުރުމަށް ބުނާށެވެ. ދެން ސީސޯ ކިލާހަށް މުދައްރިސް ވަދެ، "އެޑް ސްޓުޑެންޓްސް" އަށް ފިތާލާށެވެ. އެއަށް ފަހު އަންނަ އިސްކިރީނުގައި އެމާއްދާއަށް ދަރިވަރުން ރަޖިސްކުރުމަށް ބޭނުންކުރާނޭ ކިއުއާރު ކޯޑާއި ޓެކްސްޓްކޯޑް އަދި އަމަލުކުރަން ޖެހޭ ގޮތުގެ އިރުޝާދު ފަސޭހައިން އެނގޭގޮތަށް ލިޔެފައިވާނެ އެވެ. އެއިރުޝާދާ އެއްގޮތަށް އަމަލުކުރާށެވެ. ކިލާހުގެ ހުރިހާ ކުދިންގެ ރަޖިސްޓަރީގެ ކަންކަން ގިނަވެގެން ހައެއްކަ މިނިޓުގެ ތެރޭގައި މުދައްރިސަށް ނިންމައި ލެވިދާނެ އެވެ.

ސީސޯ ކިލާހުގައި ބައިވެރިވެވުމުން، ދަރިވަރު ކުރާ ތަފާތު ބާވަތުގެ މަސައްކަތް ޓެބުލެޓް ބޭނުންކޮށްގެން ސިސޯ ކިލާހަށް އަޕްލޯޑް ކުރެވޭނެ އެވެ. މިގޮތުން ފޮޓޯ، ވީޑިއޯ، ނޯޓު، ކުރެހުން، ފައިލް އަދި ލިންކުގެ ގޮތުގައި ދަރިވަރުގެ މަސައްކަތް ކިލާހަށް ޕޯސްޓު ކުރެވޭނެ އެވެ. ސީސޯ ކިލާހުގެ އެއްދަރިވަރެއްގެ މަސައްކަތަށް އަނެއް ދަރިވަރަށް "ލައިކް"ކޮށް، ކޮމެންޓުކޮށް ހެދޭނެ އެވެ. ނަމަވެސް ދަރިވަރު ކުރާ ޕޯސްޓާއި ކޮމެންޓުތައް ސީސޯ ކިލާސް ޕޭޖުން ފެންނާނީ މުދައްރިސް އެޕްރޫވް ކުރީމަ އެވެ. މިހެންވުމުން ކަމުނުދާ ކޮމެންޓާއި ޕޯސްޓުތައް މޮޑަރޭޓްކޮށް މުދައްރިސަށް ކޮންޓުރޯލު ކުރެވިދާނެ އެވެ.

ސީސޯ އަކީ ޕޯޓްފޯލިޔޯ ޓޫލް އަކަށްވުމުން،ކޮންމެ މާއްދާއަކާ ގުޅުވައިގެން ވެސް ޕޯޓްފޯލިޔޯ އެއް ނުވަތަ ޖަރނަލްއެއް ދިނުމަށް މިޓޫލް ބޭނުންކުރެވިދާނެ އެވެ. މިގޮތުން ދަރިވަރުގެ ފެންވަރު ވަޒަންކުރުމަށް ދެވޭ އެސައިންމެންޓެއްގެ ގޮތުގައްޔާއި މުޅި ޓާމުގައި ކުރާ މަސައްކަތް ޝާއިއުކުރުމަށް ބޭނުންކުރާނެ ބޯޑެއްގެ ގޮތުގައި ބޭނުންކުރަން މިއީ ނުހަނު އެކަށޭނަ ޓޫލް އެކެވެ.

ވީލް ޑިސައިޑް

ވީލް ޑިސައިޑް (Wheel Decide) ނުވަތަ ނަސީބު ބުރަކީ މައުލޫމާތު މުޠާލިއާ ކުރުމަށާއި ފިލާވަޅުން އެނގުނު މިންވަރު ދެނެގަތުމަށް ގެންދެވޭ އުނގެނުމުގެ ހަރަކާތްތަކުގައި ބޭނުންކުރަން ފަސޭހަ ޓޫލް އެކެވެ. މިއީ ހުރިހާ އުމުރެއްގެ ދަރިވަރުންނާ ގުޅޭ، ފިލާވަޅުގައި ދަރިވަރުން ބައިވެރިވާ މިންވަރު އިތުރުކޮށް ކުޅިވަރެއްގެ ތެރެއިން އުނގެނުމަށް ބޭނުންކުރަން ރަނގަޅު އެއްޗެކެވެ. ކިޔަވައިދެވޭ ކޮންމެ މާއްދާއަކާ ގުޅުވައިގެން ވެސް މި ބޭނުން ކުރެވިދާނެ އެވެ. ފިލާވަޅާ ގުޅޭ ގޮތުން ނަސީބު ބުރެއް ހެދުމަށްޓަކައި މުދައްރިސްގެ އެކައުންޓެއް ހަދާކަށް ނުޖެހޭނެ އެވެ.

ނަސީބު ބުރެއް ހެދުމަށްޓަކައި ވީލް ޑިސައިޑުގެ ވެބްސައިޓަށް ވަންނާށެވެ. އެއަށް ފަހު ވެބްޕޭޖުގައިވާ "މޮޑިފައި ވީލް" އަށް ފިތާލާށެވެ. ދެން ނަސީބު ބުރު ގައި ހިމަނަން ބޭނުންވާ އޮޕްޝަންތައް(ސުވާލުތައް)، ކަނޑައެޅިފައިވާ ގޮޅީގައި ލިޔާށެވެ. އެއްފޮޅުވަތުގައި ލިޔެވޭ ދިގު ނޫން ސުވާލު ހިމެނޭތޯ ބަލާށެވެ. ސުވާލުތައް ކުރިން ޓައިޕްކޮށްފައިވާ ނަމަ ހުރިހާ ސުވާލެއް އެއްފަހަރާ ކޮޕީކޮށް، "ޕޭސްޓް" ކުރެވިދާނެ އެވެ. ސުވާލުތައް ލިޔެ ނިމުމުން، ނަސީބު ބުރަށް ނަމެއް ދީ، "އެޑްވާންސްޑް އޮޕްޝަންސް" އަށް ގޮސް މުދައްރިސް ބޭނުންވާގޮތަށް ސެޓިން ހަދާށެވެ. އެއަށް ފަހު "އެޕްލައި ވީލް ޗޭންޖަސް" އަށް ފިތާލުމުން މުދައްރިސް ހެދި ނަސީބު ބުރު ވެބައިޓުގައި ސޭވް ކުރެވޭނެއެވެ. ނަމަވެސް އެންމެ ފަހު ކަމަކަށް ނަސީބު ބުރުގެ "ޔޫއާރުއެލް" ސޭވްކުރަން ހަނދާން ކުރާށެވެ. އެހެނީ މުދައްރިސް ހެދި ބުރު ފަހުން ބޭނުންކުރުމަށް ޓަކައި މިވެބް އެޑްރެސް ބޭނުންވާނެ އެވެ. މިގޮތުން ކިލާހުގައި ބޭނުންކުރުމުގެ ވަގުތު ޖެހުމުން މުދައްރިސް ކުރިން ސޭވްކުރި ޔޫއާރުއެލް، ބްރައުޒަރގެ އެޑްރެސް ބާރގައި "ޕޭސްޓް" ކުރާށެވެ. ނަސީބު ބުރު ދަރިވަރުންނަށް ދައްކާނީ ކިލާހުގެ ޕުރޮޖެކްޓަރުންނެވެ.

ވީލް ޑިސައިޑް އަކީ ފިލާވަޅު އޮޅުންފިލުވައި ދިނުމަށް ފަހު ދަރިވަރުންނަށް އެނގުނު މިންވަރު ދެނެގަތުމަށާއި ފަރިތަކުރުމެއް ދިނުމުގެގޮތުން ގެންދާ އުނގެނުމުގެ ހަރަކާތްތަކުގައި ބޭނުންކުރަން އެކަށޭނަ އެއްޗެކެވެ. ހަމަ އެހެންމެ ފިލާވަޅުގެ ނިމުމުގައި މުޠާލިއާ ކުރުމަށް ގެންދާނެ ކުޅިވަރެއްގެ އިތުރުން ދަރިވަރުން ގުރޫޕުތަކަށް ބެހުން ފަދަ ކަންކަމަށް ބޭނުންކުރަން ވެސް ރަނގަޅު އެއްޗެކެވެ.

comment ކޮމެންޓް