557 ވެހިކަލްގައި ސްޓިކާ ޖަހައިފި

މާލޭގެ މަގުމަތީ ޓްރެފިކް ފުލުހަކު -- ސަން ފޮޓޯ

ގަވައިދާ ހިލާފަށް ޕާކުކޮށްގެން މިދިޔަ ހަފްތާ 557 ވެހިކަލްގައި ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތައް ދައްކައިފި އެވެ.

ފުލުހުން މިއަދު އާންމުކުރި ޓްރެފިކް މެނޭޖުމެންޓް ޑިޕާޓްމެންޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ 26 އިން މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 621 ވެހިކަލެއް ބަލާ ފާސްކޮށްފައިވެ އެވެ. މި މުއްދަތުގައި މަގުމަތީގެ 56 އެކްސިޑެންޓް ހިނގާފައިވާ ކަމަށާއި މި އެކްސިޑެންޓުތަކުގައި 14 މީހަކަށް އަނިޔާވި ކަމަށް ފުލުހުންގެ ތަފާސްހިސާބުތައް ދައްކަ އެވެ.

މި ތަފާސްހިސާބުތަކަށް ބަލާ އިރު އެކްސިޑެންޓުތަކާ ގުޅިގެން ނުވަ މީހެއްގެ ލައިސެންސް ވަނީ ހިފަހައްޓައިފަ އެވެ.

މިދިޔަ ހަފްތާގެ ޓްރެފިކް މައްސަލަތަކަށް ބަލާއިރު އަތުގައި ލައިސެންސް ކާޑުނެތި އުޅަނދު ދުއްވި 39 މައްސަލައަކާއި އެއްވެސް ގޮތަކަށް ލައިސެންސް ނެތި ދުއްވި 69 މައްސަލައެއް ވަނީ ފާހަގަކުރެވިފަ އެވެ. ހެޑް ސެޓް އަޅައިގެން ނުވަތަ ފޯނުގައި އިނދެ އުޅަނދު ދުއްވި 19 މައްސަލައެއް މި މުއްދަތުގައި ފާހަގަ ކުރެވިފައިވާ އިރު ހެލްމެޓު އަޅައިގެން ސައިކަލު ދުއްވަން ޖެހޭ ސަރަހައްދުގައި ހެލްމެޓު ނާޅާ ދުއްވި ހަތަރު މައްސަލައެއް މި މުއްދަތުގައި ވަނީ ފާހަގަ ވެފަ އެވެ.

މީގެ އިތުރުން ގަވައިދާ ހިލާފަށް ޓެކްސީ ކުރި ހަތަރު މައްސަލައަކާއި ވެހިކަލަށް މުދާ ބަރުކުރުން ހުއްދަ މިންވަރަށް ވުރެ ބަރުކޮށް މުދާ ލޯޑުކޮށްގެން ދުއްވި ފަސް މައްސަލައެއް ވެސް މިދިޔަ ހަފްތާ ފާހަގަވިކަމަށް ފުލުހުންގެ ތަފާސް ހިސާބުތައް ދައްކަ އެވެ.

comment ކޮމެންޓް