އެމްއެމްޕީއާރުސީ ހިޔާނާތުގެ ތަހުގީގަށް މިނިސްޓަރު ޒަހާ ފުލުހަށް ހާޒިރުވެ ޖަވާބުދާރީވެއްޖެ

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު: އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގަށް އޭނާ ފުލުހަށް ހާޒިރުކުރުމުން ވަނީ ސުވާލުތަކަށް ޖަވާބުދެއްވާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ ތަހުގީގަށް ސުވާލުކުރުމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހަށް ހާޒިރުކުރިކަން، މިނިސްޓަރު ޒަހާ ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ.

ތުހުމަތުތަކާ ބެހޭގޮތުން ސުވާލުކުރުމުން ޒަހާ ވިދާޅުވީ، އެއީ އޭނާއާ ފުލުސް އޮފީހާ ދޭތެރޭގައި އޮތް ކަމެއް ކަމަށާއި، ފުލުހުން ބޭނުންވާ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށެވެ.

ފުލުހުން ބުނީ، އެމްއެމްޕީއާރްސީގެ ތަހުގީގަށް މި ދުވަސްވަރު މީހުން ފުލުހަށް ހާޒިރުކުރަމުންދާ ކަމަށެވެ. އެކަމަކު، ހާޒިރުކުރާ މީހުންގެ މައުލޫމާތު ހާމަކުރެވެން ނެތްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ޒަހާގެ އިތުރުން ދެން ތުހުމަތު ކުރެވޭ މިނިސްޓަރުންނަކީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްއާއި ސައިންސް އެންޑް ޓެންކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ. އެ ދެ ބޭފުޅުންވެސް މީގެ ކުރިން ވަނީ ތުހުމަތުތައް ދޮގު ކުރައްވައިފައެވެ.

https://sun.mv/126294

ފުލުހުންނާއި، އޭސީސީއާއި، އެސެޓް ރިކަވަރީ ކޮމިޝަނުން ހާމަކުރި ގޮތުގައި، މިހާރުގެ ސަރުކާރުގައި ތިއްބެވި ޖުމްލަ ހަތް ބޭފުޅަކާއި، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކާއި އަދި ކުރިއާ މިހާރު ތިއްބެވި ފަނޑިޔާރުން ހިމެނޭ ގޮތުން ޖުލްމަ ހަ ފަނޑިޔާރަކަށްވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވެއެވެ.

އަދި މީގެ ކުރިން މުއައްސަސާތަކުގެ މެމްބަރުންގެ ގޮތުގައި ތިބި ފަސް ފަރާތަކަށާއި ކުރީ ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި 23 ފަރާތަކަށާއި، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކަށްވެސް ހިޔާނާތުގެ ފައިސާ ލިބިފައިވެއެވެ.

comment ކޮމެންޓް