1އެމްޑީބީއާ ގުޅުން ހުރި 700 މިލިއަން ޑޮލަރު ހޯދަން އެމެރިކާއިން އެއްބަސްވުމެއް

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ވަނީ 1އެމްޑީބީއާ ގުޅުން ހުރި 700 މިލިއަން ޑޮލަރު ހޯދަން ޖޯ ލޯއާ އެކު އެއްބަސްވުމެއް ހަދައިފި -- ފޮޓޯ: ގެޓީ

ވޮޝިންޓަން (އޮކްޓޯބަރު 31): މެލޭޝިއާގެ އިންވެސްޓްމެންޓް ފަންޑު 1އެމްޑީބީގެ ކޮރަޕްޝަނުގެ މައްސަލައާ ގުޅުން ހުރި 700 މިލިއަން ޑޮލަރުގެ މުދާ ހޯދަން އެމެރިކާއިން އެމައްސަލައާ ގުޅުން ހުރި ވިޔަފާރިވެރިއަކާއެކު އެއްބަސްވުމެއް ހަދައިފިއެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓު (ޑީއޯޖޭ)އިން ބުނާ ގޮތުގައި 2009 ވަނަ އަހަރު އުފެއްދި 1އެމްޑީބީން ވަނީ ފުރަތަމަ ހަ އަހަރު ތެރޭ 4.5 ބިލިއަން ޑޮލަރު ގަވާއިދާ ހިލާފަށް އެކި އެކައުންޓުތަކަށް ޓްރާންފާސްކޮށްފައެވެ. އޭގެ ތެރޭގައި މިހާރު ފިލައިގެން އުޅޭ މެލޭޝިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖޯ ލޯއަށް ފޮނުވި އެތައް މިލިއަން ޑޮލަރު ހިމެނެއެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ލޯ ވަނީ އެމެރިކާގެ ބެވާލީ ހިލްސް އާއި ނިއުޔޯކާއި އިނގިރޭސިވިލާތުގެ ލަންޑަން ފަދަ ސިޓީތަކުން ލަގްޒަރީ ރިއަލް އެސްޓޭޓާއި ހޮޓަލެއް ގަތުމަށާއި އެތައް މިލިއަން ޑޮލަރުގެ އިންވެސްޓުމެންޓުތައް ހެދުމަށް އެފައިސާ ބޭނުންކޮށްފައެވެ.

އަދި ލޯގެ މައްޗަށް ވަނީ އޭނާގެ އާއިލާގެ މެމްބަރުންނާ އެކު އެމެރިކާ އާއި ސުވިޒަލޭންޑާއި ސިންގަޕޫރާއި ލަގްޒެމްބާގުގައި ފައިސާ ދޮވުނު ކަމަށް ތުހުމަތުކޮށްފައެވެ.

އެމައްސަލައިގައި ޑީއޯޖޭއިން ވަނީ 1އެމްޑީބީގެ ފައިސާއިން ގަނެފައިވާ މުދާ ހޯދުމަށްޓަކައި ކޯޓަށް މައްސަލަތަކެއް ހުށަހަޅާފަ އެވެ. އަދި މީގެ ކުރިން ލޯ ވަނީ އޭނާގެ 120 މިލިއަން ޑޮލަރުގެ ޔޮޓަކާއި 140 މިލިއަން ޑޮލަރުގެ އެހެނިހެން މުދާވެސް ދޫކޮށްލަން އެއްބަސްވެފައެވެ.

ޑީއޯޖޭއިން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން ލޯއާ އެކު ފަހުން ހެދި އެއްބަސްވުމުގައި އޭނާ ވަނީ 700 މިލިއަން ޑޮލަރުގެ ރިއަލް އެސްޓޭޓާއި އިންވެސްޓުމެންޓުތައް ދޫކޮށްލަން އެއްބަސްވެފައެވެ.

އަދި ލޯގެ ތަރުޖަމާނު ނެރުނު ބަޔާނެއްގައިވާ އޭނާ ޑީއޯޖޭއާ އެކު އެ އެއްބަސްވުން ހެދި ނަމަވެސް އެއްވެސް ކުށަކަށް އިއުތިރާފުވެފައެއް ނޯންނާނެއެވެ.

އެމެރިކާއާއި މެލޭޝިއާއިންވެސް ވަނީ ލޯގެ މައްޗަށް ފައިސާ ދޮވުމާއި އެހެނިހެން ކޮރަޕްޝަނުގެ ދައުވާތައްކޮށްފައެވެ. އަދި އޭނާ ހޯދުމަށް އިންޓަޕޯލްއިން ވަނީ ރެޑް ނޯޓިސް ނެރެފައެވެ.

1އެމްޑީބީއަކީ 2009 ވަނަ އަހަރު ބޮޑުވަޒީރު ނަޖީބު ރައްޒާގު މެލޭޝިއާގެ ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ގައުމުގެ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ އެއްކުރުމަށް އުފެއްދި އިންވެސްޓްމެންޓް ފަންޑެކެވެ. ނަމަވެސް އެ ފަންޑާ ގުޅުން ހުރި ފަރާތްތަކުން ވަނީ އަމިއްލަ ބޭނުމަށް އެ ފައިސާ ބޭނުންކޮށްފައެވެ.

އެގޮތުން އެމެރިކާގެ ޕްރޮސިކިއުޓަރުން ތުހުމަތު ކުރާ ގޮތުގައި 1އެމްޑީބީން ބޮޑުވަޒީރު ނަޖީބުގެ އެކައުންޓަށް އެކަނިވެސް 681 މިލިއަން ޑޮލަރު ފޮނުވާފައި ވެއެވެ. ނަމަވެސް ނަޖީބުގެ ވެރިކަމުގައި އެ މައްސަލަ ބެލި ކޯޓަކުން ވަނީ އެއީ ސައުދީ ޝާހީ އާއިލާ އިން އޭނާއަށް އެރުވި ހަދިޔާއެއް ކަމަށް ނިންމާފައެވެ.

އެ މައްސަލައިގައި ނަޖީބު ކުށްވެރި ނުވާކަމަށް އޭރު ކޯޓުން ނިންމި ނަމަވެސް މިދިޔަ އަހަރު ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި ޑރ. މަހާތިރު މުހައްމަދު ވަނީ އެ މައްސަލައިގެ ތަހުގީގު އަލުން ފައްޓަން އަމުރު ކުރައްވައިފައެވެ.

ނަޖީބުގެ މައްޗަށް ވަނީ މިހާތަނަށް ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ 42 ދައުވާއެއް ކޮށްފައެވެ. ނަމަވެސް އޭނާ ވަނީ ހުރިހާ ދައުވާތަކަށް އިންކާރު ކުރައްވާފައެވެ.

comment ކޮމެންޓް