އެސްޓީއޯ މަކިޓާ ހެއްޔާ މުބާރާތުގެ އެއްވަނަ މާޒް ސަލީމަށް

އެސްޓީއޯ އިން ކުރިއަށްގެންދިޔަ މަކިޓާ ހެއްޔާ މުބާރާތުގެ އިނާމު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: އެސްޓީއޯ

އެސްޓީއޯ އިން ކުރިއަށްގެންދިޔަ މަކިޓާ ހެއްޔާ މުބާރާތުގެ އެއްވަނަ އަހުމަދު ސަލީމް (މާޒް ސަލީމް) ހޯދައިފި އެވެ.

އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއައް ގެންދިޔަ އެ މުބާރާތަކީ މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމުގެ ފުރުސަތުތަކާއެކު ކުރިއަށްގެންދިޔަ މުބާރާތެކެވެ.

އެ މުބާރާތުގެ ވަނަ ވަނައަށް ގޮސްފައިވާ ފަރާތްތަކަށް އިނާމު ހަވާލުކުރުމަށް ބުދަ ދުވަހުގެ ރޭ އެސްޓީއޯ ޓްރެއިންނިގް ރޫމްގައި ބޭއްވި ރަސްމިއްޔާތުގައި މަކިޓާ ކުންފުނީގެ އިސް ބައެއް ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކުރީގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކޮށްފައިވާ މާޒް ސަލީމަށް އެއްވަނަ ލިބުމުން އޭނާއަށް ވަނީ އިނާމުގެ ގޮތުގައި މަކިޓާގެ އެންމެ ފަހުގެ އުފެއްދުންތަކުގެ ތެރެއިން ބައިލައްކަ ރުފިޔާގެ ތަކެތި ދީފައެވެ.

މަކިޓާ ހެއްޔާ މުބާރާތަށް ހުށަހެޅި ހުށަހެޅުމެއް -- ފޮޓޯ: އެސްޓީއޯ

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށްގެންދިއަ މި މުބާރަތުގެ ވަނަ ހޮވާފައިވަނީ ޖަޖުންގެ 50 ޕަސެންޓް މާކްސް އަދި ފޭސްބުކް ލައިކްގެ 50 ޕަސެންޓަށް ބަލައިގެންނެވެ.

މި މުބާރާތުގެ ޖަޖުންގެ ގޮތުގައި މަސައްކަތްކުރައްވާފައިވަނީ މިނިސްޓްރީ އޮފް އާޓްސް ކަލްޗަ އެންޑް ހެރިޓޭޖްގެ ކަލްޗަރަލް ހެރިޓޭޖް މެނޭޖަރ އަހުމަދު ހާޝިމްއާއި ލަކުޑި ވަޑާމުގެ ފަންނުވެރިއެއްކަމަށްވާ އަހުމަދު ޝަފީއު މަހުމޫދުއެވެ.

އެސްޓީއޯ އިން ބުނީ އިތުރު އިނާމު ތަކާއެކު އަންނަ އަހަރުވެސް މި މުބާރާތް ބާއްވާނެ ކަމަށެވެ. މި މުބާރާތާއެކު ކުރިޔަށް ގެންދިޔަ މަކިޓާ ހެއްޔާ ޕްރޮމޯޝަންގައި 25 ޕަސެންޓާއި ހަމައަށް ކަސްޓަމަރުންނަސް ޑިސްކައުންޓް ދީފައިވެއެވެ.

comment ކޮމެންޓް