ކޮންގުރެސް ބާއްވައި ލަތީފްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި

މުހައްމަދު ލަތީފް --

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ދުނިޔޭގެ ވޮލީއާ ބެހޭ މައި އިދާރައިން ހުއްދަ ނުދޭ ކަމަށް ބުނެ މޯލްޑިވްސް އޮލިމިޕް ކޮމިޓީ ގާތުން ވޮލީގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފް އެދި އެދި ހުއްޓައި ކުލަބުތަކުން އޭނާގެ އިތުބާރު ނެތް ކަމަށް މިއަދު ފާސްކޮށްފި އެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ކޮންގްރެސްގައި ވީއޭއެމްގެ ފުރިހަމަ މެމްބަރުންގެ ގޮތުގައި އޮތް އަށް ކްލަބްގެ ތެރެއިން ހަ ކްލަބްގެ އިއްތިފާގުން ވަނީ ލަތީފްގެ އިތުބާރު ނެތް ކަމަށް ފާސް ކޮށްފަ އެވެ. މިއީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބީ ހިންގާ ކޮމިޓީގެ މައްޗަށް، ކޮމިޝަނަރު އޮފް ސްޕޯޓްސް ޤާނޫނާ ޚިލާފަށް، ނޮމަލައިޒޭޝަން ކޮމިޓީއެއް އިސްކޮށް އެ ކޮމިޓީން ވީއޭއެމްގެ މައްސަލަތައް ހައްލު ކުރުމަށް ކުރި މަސައްކަތެކެވެ.

ނަމަވެސް އެކަމަކީ ބައިނަލްއަގްވާމީ ވޮލީބޯޅައިގެ މައި އިދާރާ އެފްއައިވީބީ އިން ބަލައިގަންނަކަމެއް ނޫންކަމަށާއި އެފްއައިވީބީގެ ތާއީދު ނެތް ކޮމިޓީ އަކުން ވޮލީގެ އެއްވެސް ހަރަކާތެއް ނުބޭއްވޭނެ ކަމަށް ބުނެ އެ ކޮންގްރެސް ނުބޭއްވުމަށް އެދި ލަތީފް ވަނީ މިއަދު ހެނދުނު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ. އެކަމަކު މިއަދުގެ ކޮންގްރެސްގައި އޮބްޒާވަރެއްގެ ގޮތުގައި އޮލިމްޕިކް ކޮމިޓީގެ މެމްބަރު ހުސެއިން ރަޝީދު ބައިވެރިވެފައި ވުމުން އެ ކޮންގްރެސް ކުރިއަށް ދިޔައީ އެމްއޯސީގެ ވެސް ތާއީދާ އެކު ކަން ދޭހަވެ އެވެ.

އެފްއައިވީބީން މިކަން ބަލައި ނުގަންނާނެ ކަމަަށް ބުނެ ސިޓީއެއް ލަތީފުއަށް ފޮނުވާފައިވާ ކަމަށް އޭނާ ބުނި ނަމަވެސް، އޮލިމްޕިކް ކޮމިޓީން މިއަދުގެ ކޮންގްރެސްގައި އޮބްޒާވަރެއްގެ ގޮތުގައި ބައިވެރިވީ ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން އެފްއައިވީބީގެ އެދުމާ އެކު ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ. އަދި މިއަދު ކޮންގްރެސްއާ ބެހޭ ގޮތުން އޮލިމްޕިކް ކޮމިޓީން ތައްޔާރުކުރާ ރިޕޯޓެއް އެފްއައިވީބީ އަށް ފޮނުވާނެ އެވެ.

"މި ދެންނެވި ސިޓީ އެފްއައިވީބީގެ ފަރާތުން ފޮނުއްވާފައިވަނިކޮށް، ނޮމަލައިޒޭޝަން ކޮމިޓީއިން އިސްނަންގަވައިގެން، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެކްސްޓްރާ އޯޑަނަރީ ކޮންގްރެސްއެއް މިރޭ ބާއްވަން ތައްޔާރުވާކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވޭ. އަދި މި ބައްދަލުވުމުގައި ބައިވެރިކުރަނީ، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެމްބަރު ކުލަބުތަކުގެ ތެރެއިން ބައެއް ކުލަބުތައްކަމާއި އަނެއް ކުލަބުތަކަކީ އެސޯސިއޭޝަނުގެ ދަފްތަރުގައި ނެތް ކުލަބުތަކެއްކަމަށް ވެސް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވޭ،" ލަތީފް މިއަދު އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދުއަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ލަތީފް އެގޮތަށް ވިދާޅުވި ނަމަވެސް، މިއަދުގެ ކޮންގްރެސްގައި ބައިވެރިވީ ސައްހަ މެމްބަރުންގެ ކްލަބްތައް ކަނޑައެޅުމުގައި ބެލީ ވީއޭއެމް ގަވާއިދުގައިވާ ގޮތަށް ފާއިތުވި ހަތަރު އަހަރުގެ ތެރެއިން ތިން އަހަރު އިންޑޯ މުބާރާތްތަކުގައި ކުޅެފައިވާ ޓީމުތަކަށް ސައްހަ މެމްބަރުކަން ދިނުމަށެވެ.

އެގޮތުން މިއަދު ބޭއްވި ކޮންގްރެސްގައި ބައިވެރިވެފައިވަނީ ދިވެހި ސިފައިންގެ ކްލަބާއި މޯލްޑިވްސް ޕޮލިސް ކްލަބާއި ގުޑީސް ސްޕޯޓްސް ކްލަބާއި މޯލްޑިވިއަން، ސްޕޯޓްސް ކްލަބް ސިޓީ ސްޕޯޓްސް ކްލަބް ހޯކްސް އެވެ. ޖަލްސާގައި ބައިވެރިނުވަނީ ކްލަބް ހާފް ލައިން ލިންކްއޭޖް އާއި ޔޫތު ނިއު ޖެނެރޭޝަނުންނެވެ. މި ކުލަބުތަކަކީ ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ކުލަބުތަކެވެ.

"އެފްއައިވީބީ އިން ހަތަރެއް ސެޕްޓެމްބަރު 2019ގައި ފޮނުއްވާފައިވާ ސިޓީގައި، ވޮލީއާ ގުޅޭ ގޮތުން އެއްވެސް ޙަރަކާތެއް ހިންގުމުގެ ބާރު ނޮމަލައިޒޭޝަން ކޮމިޓީއަށް ނެތްކަމަށް ސާފު ޢިބާރާތުން ބަޔާންކުރައްވާފައި ވާނެ. ނޮމަލައިޒޭޝަން ކޮމިޓީއިން، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަމުގައި އިޢުލާނުކުރައްވާ، 31 އޮކްޓޫބަރު 2019ގައި ބާއްވަން އުޅުއްވާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ހުއްޓުވައިދެއްވުން އެދެން." ލަތީފް މިއަދު ފޮނުވި ސިޓީގައި އޭނާ ބުނެފައިވެ އެވެ.

މިއަދުގެ ކޮންގްރެސްގައި ބައިވެރިވި މެންބަރު ކުލަބުތަކުން ހުށައެޅީ މައިގަނޑު ތިން ކަމެކެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި ލަތީފްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ދިވެހި ސިފައިން ކްލަބުންނެވެ. އެކަމަށް ހާޒިރުވެތިބި ހަ ކްލަބްގެ ތާއީދު ލިބުނެވެ.

އެއަށް ފަހު ދެން ސިފައިންގެ ކްލަބުން ހުށަހެޅީ ވީއޭއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން 30 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވާއިރު، އެކަން ކުރިއަށް ގެންދަން ތިން މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލުމަށެވެ. އެ ކޮމިޓީގައި ތިބުމަށް ހުށައެޅި ތިން ފަރާތަކީ އެސޯސިއޭޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަލީ ފަޒާދާއި ކޯޗާސް ކޮމިޝަންގެ ޗެއާމަން މުހައްމަދު ސާޖިދު (ބޮޑު ކާއްޓެ) އަދި ބީޗް ވޮލީބޯލް ޗެއާމަން އަބްދުﷲ ނަޝީދު (އަބުޅޯ) އެވެ. އެ ތިން މެމްބަރުންނަށް ވެސް ކޮންގްރެސްގައި ބައިވެރިވި ހަ ކްލަބްގެ ތާއީދު ލިބުނެވެ.

މީގެ އިތުުރުން ވޮލީ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދުގައި ހުރި ބައެއް ކުށްތައް އިސްލާހު ކުރުމަށް 100 ދުވަހުގެ މުއްދަތެއް ކަނޑައެޅުމަށް ޕޮލިސް ކުލަބުން ވަނީ ހުށައަޅައިފަ އެވެ. ޕޮލިސް ކުލަބުން އެކަމަށް ހުށައެޅީ އެސޯސިއޭޝަނުގެ ގަވާއިދުގައި، އޮލިމްޕިކް ޗާޓަރާއި އެފްއައިވީބީގެ ގަވާއިދާ ފުށުއަރާ ގިނަ ކަންތައްތަކެއް ހުރި ކަމަށް ފާހަގަ ވުމުންނެވެ. މި ކަމަށް ވެސް ހާޒިރުވެ ތިބި ހުރިހާ ކުލަބަކުން ވަނީ ތާއީދުކޮށް ފާސްކޮށްފަ އެވެ.

comment ކޮމެންޓް