މުދިމު ބެހުނު ކަމަށް ބުނާ ކުދިންނަށް ދައުލަތުން އެހީ ނުވޭ

ބ. ގޮއިދޫ--

ބ. ގޮއިދޫގައި މުދިމެއްގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކުދިންނަށް ދައުލަތުން އެކަށީގެންވާ އެހީތެރިކަން ފޯރުކޮށް ދީފައި ނުވާ ކަން ފާހަގަކޮށް ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މީގެ 13 އަހަރު ކުރިން 2006 ގައި ފެންމަތިވި އެ މައްސަލައިގައި ތުހުމަތުވާ މުދިން މީހާގެ މައްޗަށް ކުރި ދައުވާގެ މައްސަލަ ކޯޓްގައި އޮންނަތާ 10 އަހަރު ފަހުން މި މަހުގެ އެއްވަނަ ދުވަހު ކޯޓުން ހުކުމް ކުރީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. އެކަމާ ގުޅިގެން އޭރު ޖިންސީ ގޯނާގެ ޝިކާރައަކަށްވީ ކުދިންނާއި އެ މީހުންގެ އާއިލާތަކުން އެކަމާ ކަންބޮޑުވުން ފާޅުކުރި އެވެ.

އެ މައްސަލައިގައި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ، ގޮއިދޫ ކުދިންތަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައެއް ކަމާބެހޭ ފަރާތްތަކުން ބަލަމުންދިޔުން ފިޔަވައި އިތުރު އެހީތެރިކަމެއް ދައުލަތުން އެ ކުދިންނާއި އާއިލާތަކަށް ފޯރުކޮށްދީފައިވާކަން ފާހަގަވެފައި ނުވާ ކަމަށެވެ.

އެގޮތުން ކަމާ ބެހޭ މުއައްސަސާތަކުން އެރަށަށް ގޮސް އެކުދިންނަށް ދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދީފައި ނުވާކަން ޖީހާން ފާހަގަ ކުރެއްވި އެވެ.

"އެެއްވެސް އިދާރާއަކުން އަދި މިހާތަނަކަށް ވިކްޓިމްސްގެ (ޖިންސީ ގޯނާގެ ޝިކާރާއަކަށް ވި ފަރާތްތަކުގެ) ކައިރިއަށް (ގޮއިދޫއަށް) ގޮސްފައެއް ނެތް... މާލޭއިން އަޅުގަނޑުމެންނާ އާއިލާތަކާ ދިމާވި ގޮތަށް ދިމާ ނުވާ ކަމެއް ނޭނގޭ، އެހެން ނަމަވެސް ގޮއިދޫއަށް ވިޒިޓެއް ނުކުރާކަން އަޅުގަނޑަށް ޔަގީން،" ޖީހާން ވިދާޅުވި އެވެ.

ޖީހާން ވިދާޅުވީ ގިނަ އާއިލާތަކަށް އަސަރުކުރާ މިފަދަ ބޮޑު މައްސަލައެއް ހިނގަމުންދާއިރު، ދައުލަތުން ނުވަތަ ޖެންޑާ މިނިސްޓްރީން އިސްނަގައިގެން އެރަށަކަށް ގޮސް އެފަރާތްތަކުގެ ހާލު ބަލައި އެހީވާން ޖެހޭނެ ކަމަށެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ރައްޔިތުން މަޖިލިސް

އެކަމާ ގުޅޭގޮތުން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ، ގޮއިދޫގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ކުދިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށެވެ.

އަދި އެ މައްސަލަ އެހާ ބޮޑަށް ފެންމަތިވެފައިވާއިރު، މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތް އެރަށުގައި ހުރުމަކީ ކުދިންނަށް އުނގަގޫތަކެއް ކުރިމަތިވާނެ ކަމެއް ކަމަށާއި އެކުދިންނަށް ބޭނުންވާ ސައިކޯސޯޝަލް ސަޕޯޓު ދިނުމަށް ޖެންޑަާ މިނިސްޓްރީގެ ޓީމެއް އެރަށަށް ދިއުމަށް އެދި ކޮމިޓީގެ ފަރާތުން ސިޓީއެއް ފޮނުވަން ނާޒިމް ވަނީ ހުށަހަޅުއްވާފަ އެވެ.

ނާޒިމްގެ އެ ހުށަހެޅުމަށް ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި އެހެން މެމްބަރުންގެ ތާއީދާއެކު، ވޯޓަށް އެހުމުން ވަނީ ފާސްވެފަ އެވެ. އެހެންކަމުން، ޖެންޑާ މިނިސްޓްރީގެ ޓީމެއް އެ ރަށަށް ގޮސް އެކަން ބެލުމަށް ކޮމިޓީއިން ޖެންޑާ މިނިސްޓްރީގައި އެދޭނެ އެވެ.

ގޮއިދޫގައި ޖިންސީ ގޯނާކުރި ކަމުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތާ ގުޅޭ އެފަދަ އެހެން މައްސަލަތަކެއް ވެސް ފުލުހުންނަށް ހުށަހެޅިފައިވާ ކަން ވެސް ކޮމިޓީ މެންބަރުން ފާހަގަ ކުރެއްވި އެވެ. އެ މައްސަލަތައް ބަލަމުންގެންދާ ކަން ކޮމިޓީއަށް ކަށަވަރުވެފައި ނުވާތީ އެކަން ކަށަވަރު ކުރަން ފުލުހުންނަށް ސިޓީއެއް ފޮނުވަން ވެސް އިއްޔެ ނިންމި އެވެ.

"ސަން" އިން ޖެންޑާ މިނިސްޓްރީއަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ އެ މިނިސްޓްރީގެ ބަހެއް ލިބޭގޮތެއް ނުވި އެވެ.

އެ މައްސަލަ ދައުލަތުން މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

comment ކޮމެންޓް