ޑީއާރްޕީގެ ޖަގަހަޔަށް ގްރޫޕަކުން ގެއްލުންތަކެއް ދީފި

ޑީއާރްޕީގެ ޖަގަހަޔަށް މިރޭ ގްރޫޕަކުން ވަދެ ގެއްލުންތަކެއް ދީފި އެވެ.

ބާއިންޖީނުގޭ ފުރަގަހުގައި ހުންނަ ޑީއާރްޕީގެ ޖަގަހަޔަށް ގުރޫޕަކުން ވަދެ އެތަނަށް ގެއްލުންތަކެއް ދީފައި ވަނީ މިރޭ 9:15 އެހާކަންހާއިރު އެވެ. ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ ޑީއާރްޕީގެ ޖަގަހަޔަށް ގެއްލުން ދިނީ ކޮންބައެއްކަން ނޭނގޭ ކަމަށާއި ފުލުހުން މިހާރު އެކަން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، ޑީއާރްޕީގެ މީޑިއާ އޮފިޝަލް އަލީ ސޯލިހު ވިދާޅުވީ ޕާޓީގެ ޖަގަހަޔަށް ގެއްލުން ދިނީ 50 ވަރަކަށް މީހުންގެ ހިމެނޭ ގްރޫޕަކުން ކަމަށާއި އެ މީހުން ޖަގަހަ ތެރެއަށް ވަދެ، ޖަގަހައަށް ވަންނަ ދިމާލުގައި ހުންނަ ޕާޓިޝަންތައް ވައްޓާލައި ގޮނޑިތައް އުކާފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ސޯލިހު ވިދާޅުވީ ޖަގަހަޔަށް ހަމަލާދިން ގްރޫޕްގައި ކުރިން އެ ޕާޓީގައި ތިބުމަށް ފަހު ޕާޓީ ދޫކޮށްލި މީހުން ހިމެނޭ ކަމަށެވެ.

"އަޅުގަނޑަށް ބެލެވޭ ގޮތުގައި އެއީ ބަޔަކު ގަސްތުގައި ފޮނުވައިގެން މިތަނަށް އައި ބައެއް. ޖަގަހަޔަށް ގެއްލުންދިންކަން އެ ބަޔަކަށް ޔަގީންކޮށްދޭން ވެގެން ފޮޓޯ ނެގީ ކަމަށް ބެލެވެނީ،" އަލީ ސޯލިހު ވިދާޅުވި އެވެ.

ޑީއާރްޕީގެ ޖަގަހަޔަށް ގްރޫޕަކުން ހަމަލަދިން އިރު އެ ސަރަހައްދުގައި ހުރި މީހަކު ބުނީ ސައިކަލްތަކެއްގައި އައިސް ޖަގަހަ ތެރެއަށް ވަދެ، "ދަރަނިބޯގެ ޖަގަހައޭ" ކިޔާ އަޑު ގަދަކޮށްފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު