މައިބަފައިންނާއި ތިމާގެ މީހުން އަދި ޅަދަރިން ދޫކޮށްލާފައި ސީރިއާއަށް ގޮސް ކުރަނީ ދީނީ ހަނގުރާމައެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަސް ފާހަގަކުރުމަށް ޖުމްހޫރީ ޕާޓީއިން އެ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ދީނީ ހައްދު ފަހަނައަޅައި ގޮސް ހަނގުރާމަތަކަށް ދިއުމަކީ ރަނގަޅު ކަމެއް ނޫންކަމަށެވެ. ހަރުކަށި ފިކުރު މީހުން އެމީހުންގެ އާއިލާތައް ދޫކޮށް ތުއްތު ކުދިން ދޫކޮށް ހަނގުރާމައަށް ދާތީ ގާސިމް އިބްރާހިމް ފާޑު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދީނަށްޓަކައި ކުރާ ޖިހާދެއް ކަމަށް ބުނެ ސީރިއާއަށް ހަނގުރާމައަށް ދިއުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.
ގާސިމް އިޝާރާތްކުރެއްވީ ޖިހާދަށް ދިއުމުގެ ނަމުގައި ސީރިއާއަށް ހަނގުރާމައަށް ދާ މީހުންނަށެވެ. ހަނގުރާމައަށް ދިއުމުގެ ނަމުގައި ގައުމު ދޫކޮށް ދިއުމާއި ހަނގުރާމަތަކުގައި ބައިވެރިވުމާއި، ހަނގުރާމައަށް ދިއުމަށް ހިތްވަރު ދިނުމަކީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުންވެސް ކުއްވެރިވާނެ ކަންކަމެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެއީކީ ހަމަގައިމުވެސް ދީނީ ހަނގުރާމައެއް ނޫން އަތަނުގައި އެކުރަނީ. އެކަން އަޅުގަނޑުމެންނަށް އަންގައިދެނީ އަޅުގަނޑުމެންނަށް ފެންނަން ހުރި ހެއްކާއި ގަރީނާތަކަށް ބަލާއިރު. ދީނީ ހަނގުރާމައެއް ނޫން އެތާ އެހިނގަނީ." ގާސިމް ވިދާޅުވިއެވެ.
މާތް ﷲ އަމާނާތެއްގެ ގޮތުގައި ހަވާލުކުރައްވާފައި ކުޑަކުޑަކުދިން ދޫކޮށްލާފައި، މައިބަފައިންނާއި އެއްބަނޑު ތިމާގެ މީހުން ދޫކޮށްލާފައި ގޮސް ހަނގުރާމައިގައި މަރުވުމަކީ ޝަހީދުވުންކަމަށް ގަބޫލު ނުކުރެވޭކަމަށް ގާސިމް ވިދާޅުވިއެވެ.
ދީނަށް ފުރައްސާރަކޮށް ރަސޫލާއަށް ހަޖޫ ޖަހާ މީހުންނަށްވެސް ގާސިމް ފާޑުވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދީނަށް ހަޖޫޖެހުމާއި ރަސޫލާއަށް ފުރައްސާރަކުރުމަކީ މާބޮޑު ކަމެއް ނޫން ކަމަށް ދެކޭ މީހުން މިގައުމުގައި އުޅޭ ކަމަށާއި އެއީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓުގައި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ މައްސަލާގައި ގައުމުގައި ނުތަވަސްކަމެއް އުފެދިފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވަނީ އެކަމާ ގުޅިގެން ވާހަކަފުޅުތަކެއް ދައްކަވާފައެވެ. ސިޔާސީ ހުޅު ރޯކުރާ ދަރަކަށް ދީން ނުހެދުމަށް އިލްމުވެރިންނަށް ރައީސް ރޭ އިލްތިމާސް ކުރެއްވިއެވެ.
ރައީސް ސޯލިހު ރޭ ދެއްކެވި ވާހަކަފުޅަށް ގާސިމް މިރޭ ތައުރީފު ކުރެއްވިއެވެ. އެގޮތުން ދީނަށް އިހާނެތި ބަސްތައް ބުނެ ދައްކާ ވާހަކަތަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވުމުން "ހިތަށް އާރޯޝަނީ ކަމެއް ގެނެސްދިން" ކަމަށް ގާސިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގައުމިއްޔަތާއި ދީން ވަކި ނުކުރެވޭނެ ކަމަށެވެ.އަދި ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ހައްގު އަދަބު ދޭންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"އެބާވަތުގެ ކަންތައްތައް ކުރާ [އިސްލާމްދީނަށް ފުރައްސާރަކުރާ] މީހުންނަކީ ކޮންމެ މީހެއް ކަމަށް ވިޔަސް ޖެހޭނީ އެމީހަކަށް ލިބެންޖެހޭ ހައްގު އަދަބު އެމީހަކަށް ލިބިދޭން. އެއްގޮތަކަށްވެސް ވަކި މީހަކަށް ވީމަ މިގައުމު ހަލާކުވެ ގޮސްގެނެއް ނުވާނެ." ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިގައުމަށް ހަމަޖެހުން ގެނެސްދެއްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.