ފައިސާ ލިބުނު ގޮތް ސާފުކޮށްދޭން އަލީ ހުސެއިން އަމިއްލައަށް ފުލުހަށް!

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު މެމްބަރުންގެ ލިސްޓުގައި ހިމެނޭތީ، ފައިސާ ލިބުނު ގޮތް ސާފުކޮށްދެއްވަން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން މިދިޔަ އާދީއްތަ ދުވަހުގެ ރޭ އަމިއްލަފުޅަށް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެންފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ފުލުހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނު ގުޅިގެން ކުރަމުންދާ މަސައްކަތުން ދައްކާ ގޮތުގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 267އަށް އަރައިފަ އެވެ. އޭގެ ތެރޭގައި ކުރިއާއި މިހާރުގެ މަޖިލިސް މެމްބަރުން ހިމެނެ އެވެ.

އަލީ ހުސެއިން "ސަން"އަށް މިއަދު ވިދާޅުވީ، އޭނާއަށް އަދީބު ދިން ފައިސާ އަކީ ހަލާލު މަސައްކަތުން ހޯދާފައިވާ ފައިސާ ކަމަށެވެ. އަދި އޭނާގެ ނަން ލިސްޓުގައި އޮވެގެން ނުވާނެ ކަމަށެވެ. ފުލުހަށް ހާޒިރުވީ އެކަން ސާފުކޮށްދެއްވަން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ އަޅުގަނޑު ހަމަ ސީދާ ގާނޫނީ ލެޖިޓިމޭޓް ހުއްދަ މަސައްކަތްތަކެއް ކޮށްގެން ހޯދާފައި ހުރި ފައިސާ. އަސްލު އަޅުގަނޑުގެ ނަމެއް [ލިސްޓަށް] އައިސްގެންވެސް ނުވާނެ،" އަލީ ހުސެއިން ވިދާޅުވި އެވެ.

ގާނޫނީ ވަކީލެއް ކަމަށްވާ އަލީ ހުސެއިނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމުގެ ކުރިން، އެމްއެމްޕީއާރްސީގެ މައްސަލައިގައި ތުހުމަތުވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ގާނޫނީ މަސައްކަތްތައް ކޮށްދެއްވި ބޭފުޅެކެވެ. އޭނާ "ސަން"އަށް ވިދާޅުވީ 2011 ވަނަ އަހަރުން ފެށިގެން އަދީބަށް އެކި އެކި ގާނޫނީ މަސައްކަތް ކޮށްދީފައިވާނެ ކަމަށެވެ.

އަދީބުގެ ބައްޕަ ފުލުހަށް ހާޒިރު ކުރުމުން ވަކީލެއްގެ ގޮތުގައި ވަޑައިގަތުމާއި، އަދީބާ ގުޅުން އޮންނަ ތިން ކުންފުންޏެއްގެ ވަކީލުކަން ކުރެއްވުމާއި، އަދީބު މަސައްކަތް ކުރެއްވި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމާއި، އަދީބުގެ ބޭނުމަށް ގާނޫނީ ރިސާޗް މަސައްކަތެއްވެސް ކޮށްދީފައިވާނެ ކަމަށްވެސް އަލީ ހުސެއިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، 18 ވަނަ މަޖިލީހުގެ ކެމްޕޭން ދުވަސްވަރު ބޯމަތިވި އިރު، އޭނާ ކުރެއްވި މަސައްކަތްތަކަށް ދޭން ޖޭހޭ ފައިސާ އަދީބު ހުރީ ނުދައްކާ ކަމަށެވެ. އެހެންކަމުން، އެ ފައިސާ އަދީބު އަތުން ހޯދަން އެދުމުން ދެ ޕޭމަންޓަކުން ގާތްގަނޑަކަށް 500،000 ރުފިޔާ އޭނާއަށް ދީފައިވާ ކަމަށް ވިދާޅުވި އެވެ. އަދިވެސް އަދީބު އޭނާއަށް ދޭން ޖެހޭ ފައިސާ ހުރި ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

"ޕޭމަންޓު ހަދާފައި ވަނީ 2014 ވަނަ އަހަރުގެ ކުރީ ކޮޅު. އޭރު މެމްބަރެއް ނޫން އަޅުގަނޑަކީ. ދައުލަތުގެ މަގާމެއްގައި ހުރި މީހެއްވެސް ނޫން. ވަޒީރެއްވެސް ނޫން. ހަމަ އުޅުނު ލޯޔަރެއް،" އަލީ ހުސެއިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އޭނާގެ ނަން ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓަށް އަރާ ނަމަ، އަދީބަށް އެހެނިހެން ސައްހަ މަސައްކަތްކޮށްދިން މީހުންގެ ނަންވެސް ލިސްޓަށް އަރަން ޖެހޭނެ އެވެ.

"އަޅުގަނޑުގެ ނަން އަންނަންޏާ އަދީބު މި މައްސަލައިގައި ހައްޔަރު ކުރުމަށް ފަހު ގާނޫނީ ވަކީލުކަން ކުރި މީހުންނަށް ލިބުނު ފައިސާގެ ވާހަކަވެސް އަންނަން ޖެހޭނެތާ އެއަށް. އަދި އަދީބު ތަންތަން ކުއްޔަށް ހިފައިގެން ދެއްކި ކުލީގެ ވާހަކަވެސް އެ ލިސްޓަށް އަންނަން ޖެހޭނެތާ،" އަލީ ހުސެއިން ވިދާޅުވި އެވެ.

ކަމާ ބެހޭ ފަރާތްތަކުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ހާމަ ކުރި ގޮތުގައި، މިހާރުގެ ސަރުކާރުގައި ތިއްބެވި ހަތް ބޭފުޅަކާއި، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކާއި އަދި ކުރިއާ މިހާރު ތިއްބެވި ފަނޑިޔާރުން ހިމެނޭ ގޮތުން ޖުލްމަ ހަ ފަނޑިޔާރަކަށްވެސް ހިޔާނާތުގެ ފައިސާ ލިބިފައިވެ އެވެ.

އޭގެ އިތުރުން، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކަށް ހިޔާނާތުގެ ފައިސާ ލިބިފައިވެ އެވެ. ހަމައެއާއެކު އޭރު މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ ގޮތުގައި ތިބި ފަސް ފަރާތަކަށާއި ކުރީ ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި 23 ފަރާތަކަށް ވެސް ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތަހުގީގަށް އެނގިފައިވެ އެވެ.

comment ކޮމެންޓް