އެލްކުލެސިކޯ ފަސް ކުރަން ޖެހުމުގެ ޒިންމާ ނަގަން ޖެހޭނީ ބާސެލޯނާ: ލަޕޯޓާ

ބާސެލޯނާގެ ކުރީގެ ރައީސް ޖޯއާން ލަޕޯޓާ --- ފޮޓޯ// ޓޮމީ ޑޯލްމަން

ކުލަބު ފުޓުބޯޅައިގެން އެންމެ ވާދަވެރި ދެ ކުލަބު ކަމަށްވާ ބާސެލޯނާއާއި ރެއާލް މެޑްރިޑް ބައްދަލު ކުރާ އެލްކުލެސިކޯ، ކުރިން ހަމަޖައްސާފައި އޮތް ތާރީހުގައި މެޗު ނުކުޅެވުމުގެ ޒިންމާ ނަގަން ޖެހޭނީ ބާސެލޯނާއިން ކަމަށް އެ ކުލަބުގެ ކުރީގެ ރައީސް ޖޯއާން ލަޕޯޓާ ބުނެފި އެވެ.

ސްޕެއިންގެ ކެޓަލޯނިއާގައި ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން ސްޕެނިޝް ލަލީގާގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރާ އެލް ކްލެސިކޯ މިދިޔަ ހޮނިހިރު ދުވަހު ކުޅެން އޮތް ނަމަވެސް ދެ ކުލަބުގެ އެދުމުގެ މަތިން އެ މެޗު ވަނީ ޑިސެމްބަރު 18 އަށް ފަސްކޮށްފަ އެވެ. އެގޮތަށް ސްޕެއިންގެ ރޯޔަލް ފުޓުބޯޅަ ފެޑެރޭޝަނުން ނިންމާފައި އޮތް ނަމަވެސް މެޗު ފަސް ކުރެވިގެން ނުވާނެ ކަމަށާއި އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ ބާސެލޯނާއިން ކަމަށް އެކުލަބުގެ ކުރީގެ ރައީސް ލަޕޯޓާ ވަނީ ބުނެފަ އެވެ.

"އަހަރެން ކުރިން ހުރި މަގާމުގައި ހުރި ނަމަ އެ މެޗު ފަސް ކުރުމަށް އެއްބަސް ނުވާނަން. އެއީ ރެއާލް މެޑްރިޑުން ވެސް ފުރަތަމައިން ބޭނުންވެފައި ތިބީ އެ މެޗު އެ ދުވަހު ކުޅެން،" 2003 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާއި ހަމައަށް ބާސެލޯނާގެ ރައީސްގެ މަގާމުގައި ހުރި ލަޕޯޓާ ބުނެފައިވެ އެވެ.

ލަޕޯޓާ ބުނީ، މެޗު ފަސް ކުރުމަކީ ސިޔާސީ ބޭނުމެއްގައި ބަޔަކު ކުރި ކަމެއް ކަމަށެވެ. އެގޮތުން އެ މެޗު ފަސް ކުރުމުން ބާސެލޯނާ އަކީ ބިރުވެރިތަނެއްގައި ގިނަ ބަޔަކު ސިފަ ކުރާނެ ކަމަށާއި ހަގީގަތަކީ އެއީ ނޫން ކަމަށެވެ. އަދި ސިޔާސީގޮތުން މަންފާއެއް ހޯދުމަށް އެފަދަ އަމަލުތައް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ލަ ލީގާ [ސްޕެނިޝް ލީގު] އަކީ އަބަދު ވެސް، އޭގެތެރެއަށް ސިޔާސީ ކަން ކަން އިންތިހާއަށް ވެދަފަ އޮންނަ ލީގެއް. މިކަން މިގޮތަށް ދެމިއޮންނަ ހިނދަކު ފައިދާ ވާނީ ވަކި ބަޔަކަށް. ބާސެލޯނާއިން މިފަހަރު ޖެހޭނެ ލީގުން ސިޔާސީ ފައިދާ ނެގުމުގެ ޒިންމާ ނަގަން." ލަޕޯޓާ ބުންޏެވެ.

ބާސެލޯނާ އަކީ ކެތަލޯނިއާގެ އެންމެ ބޮޑު ސިޓީ އެވެ. ކެތަލޯނިއާއިން ވަކި ދައުލަތެއްގެ ގޮތުގައި ހިންގި ނަމަވެސް އެ ތަނަކީ އަދިވެސް ސްޕެއިންގެ ބާރުގެ ދަށުގައި އޮތް ތަނެކެވެ.

comment ކޮމެންޓް