އަފްރާޝީމާއި މަޖީދުގެ ހަނދާނަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު

ރ. އަފްރާޝިމް އަލީއާއި ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ --

އަވަހާރަވެފައިވާ ދީނީ ދެ އިލްމުވެރިން ކަމުގައިވާ ޑރ. އަފްރާޝިމް އަލީއާއި ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ ހަނދާނަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު މިރޭ އަރުވައިފިއެވެ.

އެ ދެ ބޭފުޅުންނަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދެއްވީ އިސްލާމް ދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި ހިދުމަތް ކުރުމާއި ދީނީ އިލްމު އުގައްނައިދިނުމުގެ ދާއިރާއިންނެވެ.

ޑރ. އަފްރާޝީމްގެ ފަރާތުން އިނާމާ ހަވާލުވެވަޑައިގަތީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބޭފުޅު އަބްދުލްނާސިރު އަލީ އެވެ. ޑރ. އަބްދުލްމަޖީދުގެ ފަރާތުން އިނާމާ ހަވާލުވެވަޑައިގެންނެވީ ދަރިކަލުން މުއާޒް އަބްދުލްމަޖީދެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު، މަރުހޫމް ޑރ. އަފްރާޝީމް އަލީގެ ހަނދާނަށް ދެއްވާ ގައުމީ އިނާމު އޭނާގެ ބޭބެ އަބްދުއްނާސިރު އަލީ ހަވާލުވެވަޑައިގަންނަވަނީ --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އެ ދެ ބޭފުޅުން ހިމެނޭ ގޮތަށް މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދީފައި ވަނީ ޖުމްލަ ފަސް ބޭފުޅަކަށެވެ. އެ ދެ ބޭފުޅުންގެ އިތުރުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަތީ މ. މަޑުލު، މުހައްމަދު ވަހީދާއި، ކުޅިވަރުގެ ދާއިރާއިން ސައްޔިދު އަލީ، އަދި އަލްމަރުހޫމް ސައްޔިދު ހުސައިންގެ ހަނދާނަށެވެ.

ޑރ. އަފްރާޝީމް އަކީ ދީނީ އިލްމު އުގައްނައިދެއްވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމާއި، ޖޭއެސްސީގެ މެމްބަރުކަންވެސް ކުރެއްވި ބޭފުޅެކެވެ ޑރ. އަފްރާޝީމް އަވާރަކޮށްލީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

ޑރ. އަބްދުލްމަޖީދުއަކީ ރާއްޖޭގައި އުފެއްދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މިނިސްޓަރުކަން ކުރެއްވި ފުރަތަމަ ބޭފުޅާއެވެ. އެއީ 2008 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައެވެ. ގައުމީ ޔުނިވާސިޓީ އާއި ވިލާ ކޮލެޖުގެ ލެކްޗަރާކަންވެސް ޑރ. މަޖީދު އަދާކުރެއްވިއެވެ. މަޖީދު އަވާރަވީ އާލާސްކަންފުޅަކަށް ފަރުވާ ދެމުން ދަނިކޮށް މިދިޔަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހު ސްރީލަންކާގައެވެ.

comment ކޮމެންޓް