އެމްޑީއެން މައްސަލައިގައި ކުރި އިލްތިމާސް ގޯސްކަމަކަށް ނުދެކެން: އެމްއެންޔޫ

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބޭފުޅުންނާއި ބައްދަލުކުރުން---- ފޮޓޯ: މަޖިލިސް

އިސްލާމްދީނަށް ކުޑައިމީސްވާ ގޮތަށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ގައުމީ ޔުނިވާސިޓީގެ އެއްވެސް ލެކްޗަރާއަކު ސޯޝަލް މީޑިއާގައި ވާހަކަ ނުދެއްކުމަށް އެންގި އެންގުމުގައި ގޯހެއް އޮތްކަމަށް ގަބޫލުނުކުރައްވާކަމަށް އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީ ޖަލްސާގައި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް އެ އެންގުމާ ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ ޔުނިވާސިޓީގެ ބައެއް ކަންތައްތަކުގައި ނަސޭހަތް ދިނުމަކީ އަބަދުވެސް ކުރާ ކަމެއް ކަމަށެވެ.

"ދެން މި ވެދާނެ މި ފަހަރު ވަކި ކަމަކަށްވީމަ ބޭރަށް ފެނި ނޫސްތަކުގައި ޖެހުނީކަމަށް. އެހެން ނަމަވެސް ގައުމީ ޔުނިވާސިޓީން ހިފަހައްޓަން ޖެހޭ މިންގަނޑުތައް ހިފަހައްޓަން އަބަދުވެސް ނަސޭހަތްތެރިވާނެ މުވައްޒަފުންނަށާއި ދަރިވަރުންނަށްވެސް،"

ވައިސް ޗާންސެލަރ ވިދާޅުވީ އެ ސާކިއުލާގައި ގޯސް ވާހަކައެއް އޮތް ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އެމްއެންޔޫގެ ޗާންސެލަރ ޑރ. ހަސަން ހަމީދު އެ ޔުނިވާސިޓީގެ ހުރިހާ މުވައްޒަފުންނަށް ފޮނުއްވި ސާކިއުލާއެއްގައި ވިދާޅުވެފައިވަނީ އެމްއެންޔޫގެ ބައެއް ލެކްޗަރާ އިން، ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި، މުޖްތަމައު ހަލަބޮލި ވެދާނޭ ފަދަ ބީދައަކުން، އެ ރިޕޯޓާ ގުޅިގެން މީސްމީޑިޔާގައި ތަފާތު އެކި ހިޔާލު ފާޅުކުރަމުންދާކަން ސަރުކާރަށް ފާހަގަވެފައިވާ ކަމަށެވެ.

https://sun.mv/125868

އެމްއެންޔޫގެ މުދައްރިސުންނަކީ، ރާއްޖޭގެ އެތަކެއް ޒުވާނުންގެ ކުރިމަގު ބައްޓަންކުރުމުގައި ނުހަނު މުހިއްމު ދައުރެއް އަދާކުރާ ބަޔަކަށް ވާއިރު، އެބޭފުޅުންގެ ފަރާތުން އެފަދަ ކަންތައްތައް ތަކުރާރުވަމުން ދިއުމަކީ މުޖުތަމައަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނޭ ކަމެއް ކަމަށް ވިދާޅުވަމުން، ޗާންސެލަރ ވަނީ ބައިބައިވުމާއި ރުޅިވެރިކަން އުފެދޭ ވާހަކަތައް ފެތުރުން ހުއްޓުވުމަށް ސަރުކާރުން ޔުނިވާސިޓީގައި އެދިފައިވާ ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓު ކުށްވެރިކޮށް "އިލްމުވެރިންގެ ގުޅުން" ގެ ނަމުގައި ރާއްޖޭގައި ތިބި މަޝްހޫރު ދީނީ އިލްމުވެރިން ދަނީ އެ ޖަމިއްޔާ އުވާލުމަށް އެދި ސަރުކާރަށް ވަރަށް ބޮޑަށް ގޮވާލައްވަމުންނެވެ. އޭގެ ތެރޭގައި އެމްއެންޔޫގެ ގިނަ އަދަދެއްގެ ލެކްޗަރާއިންވެސް ހިމެނެއެވެ.

comment ކޮމެންޓް