އެންމެ ފަހުން ވީއޭއެމުގެ އިންތިހާބީ ކޮމިޓީން ސެންޓަރަލް ޒޯނުގައި ބައިވެރިވެއްޖެ

ވޯލްޑް ޗެމްޕިއަންޝިޕް އަންހެން ވޮލީބޯޅަ މުބާރާތުގެ އޭވީސީ ކޮލިފައިން ބުރުގައި ރާއްޖެ އާއި ނޭޕާލް މިއަދު ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ރާއްޖޭގެ ސްޕޯޓްސް ކޮމިޝަނުން އުފައްދާފައިވާ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ނޯމަލައިޒޭޝަން ކޮމިޓީން ގޮތް ދޫނުކޮށް ތިއްބާ، އުވާލާފައިވާ ކަމަށް އެ ކޮމިޓީން ދައުވާ ކުރާ ވީއޭއެމްގެ ކުރީގެ ލީޑާރޝިޕުން އޭޝިއަން ސެންޓްރަލް ސީނިއަރ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވެއްޖެ އެވެ.

އަންނަ މަހު ފަށަން ހަމަޖައްސާފައިވާ، "އޭޝިއަން ސެންޓްރަލް ސީނިއަރ ވުމެންސް ވޮލީ ޗެމްޕިއަންޝިޕް" އާ ގުޅޭ ގޮތުން ހިންގާ މުއާމަލާތްތައް ނޯމަލައިޒޭޝަން ކޮމިޓީއާ ނުކުރުމަށް އޭވީސީން މީގެ ކުރިން ވަނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝްއަށް އަންގައިފަ އެވެ. ކަން އެހެން އޮއްވާ، ސްޕޯޓްސް ކޮމިޝަނުން ގޮތް ދޫނުކޮށް އެކަމާ އަޅާ ނުލައި ތިއްބާ މިހާރު ވަނ މިބާރާތުގައި ބައިވެރިވާން ހުށައަޅާފައިވާ މުއްދަތު ވެސް ހަމަވެފަ އެވެ.

ނަމަވެސް ރާއްޖޭގެ ވޮލީބޯޅައިގެ މިހާރުގެ "ޙާލަތަށް" ބަލައި، މުބާރާތުގައި ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ބަންގްލަދޭޝްގެ ވޮލީބޯލް އެސޯސިއޭޝަނުން ވަނީ ދީފަ އެވެ. އަދި ނޯމަލައިޒޭޝަން ކޮމިޓީން އެކަމަށް ގޮތެއް ނިންމަން ތިބޭތާ ދުވަސްތައް ދިގުލަމުންދާއިރު، އެ މުބާރާތުގައި ދިވެހި ޓީމެއް ބައިވެރިކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބީ ހިންގާ ކޮމިޓީގެ ލަފާގެ މަތިން، 40 ކުޅުންތެރިން ރެޖިސްޓްރީކުރުމަށް ބަންގްލަދޭޝްގެ ވޮލީބޯލް އެސޯސިއޭޝަނަށް ފޮނުވާފައިވާ ކަމަށް ބުނެ ވީއޭއެމްގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފް މިއަދު ވަނީ ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމްއަށް ސިޓީއެއް ފޮނުވައިފަ އެވެ.

ގައުމީ އަންހެން ވޮލީ ޓީމު ރިފޯމް ކުރުމަށް ހިންގުނު ޕްރޮގްރާމަށްފަހު ވީއޭއެމްގެ އޮފިޝަލުންނާއި އިންސްޓްރަކްޓަރު ޝިޔާމް އަދި ޓީމުގެ ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިލައިގެން --- ފޮޓޯ/ ވީއޭއެމް

އެ ސިޓީގައި ދުނިޔޭގެ ވޮލީއާ ބެހޭ މައި އިދާރާ އެފްއައިވީބީއާއި އޭޝިޔާ ބައްރުގެ ވޮލީއާ ބެހޭ އޭވީސީން ފޮނުވާފައި ހުރި ބައެއް ސިޓީތަކާއި ސްޕޯޓްސް ކޮމިޝަނުން އެކުލަވާލި ކޮމިޓީގެ އެއްވެސް އަގެއް ބޭރު ދުނިޔޭގައި ނެތްކަން ހާމަކޮށް ގިނަ ވާހަތަކެއް ވަނީ ހިއްސާ ކޮށްފަ އެވެ.

އެގޮތުން، ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ސެންޓްރަލް ސީނިއަރ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބައިވެރިވުމާއި ގުޅޭ ގޮތުން އެއްވެސް މުޢާމަލާތެއް، ނޯމަލައިޒޭޝަން ކޮމިޓީއާއި ނުކުރުމަށް އޭޝިއަން ވޮލީބޯލް ކޮންފެޑަރޭޝަންގެ ރައީސް ސޮއިކުރައްވާ 2019 އޮކްޓޫބަރު 26 ވަނަ ދުވަހުގެ ތާރީޚުގައި ބަންގްލަދޭޝަންގެ ވޮލީބޯލް އެސޯސިއޭޝަނަށް ސިޓީއެއް ފޮނުއްވާފައިވާ ކަން މި ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ.

އަދި އޭވީސީއިން ބަންގްލަދޭޝްއަށް ފޮނުވި އެ ސިޓީ އާއި ގުޅިގެން، އޭޝިއަން ސެންޓްރަލް ސީނިއަރ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމާ ގުޅޭ ގޮތުން، ސްޕޯޓްސް ކޮމިޝަނުން އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީއިން ބަންގްލަދޭޝްގެ ވޮލީބޯލް އެސޯސިއޭޝަނަށް ފޮނުއްވާފައިވާ ލިއުންތައް، ބަންގްލަދޭޝްގެ ވޮލީބޯލް އެސޯސިއޭޝަނުގެ ފަރާތުންވަނީ އަނބުރާ ލަތީފުއަށް ފޮނުވާފައިވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ޤާނޫނުތަކާއި އޮލިމްޕިކް ޗާޓަރާއި ޚިލާފަށް، ވީއޭއެމްގެ އިންތިޚާބީ ހިންގާކޮމިޓީގެ ބާރުތައް ކަނޑުވާލައި، އެ އެސޯސިއޭޝަނުގެ ހިންގާކޮމިޓީގެ އަތުން އެސޯސިއޭޝަނުގެ ރަސްމީ އޮފީސް އަތުލާފައި ވަނީ އެފްއައިވީބީގެ އުސޫލްތަކާއި އޮލިމްޕިކް ޗާޓަރާ ޚިލާފަށްކަމަށް ބަޔާންކުރައްވާ އެފްއައިވީބީ އިން ސިޓީއެއް ފޮނުވިކަމަށް ވެސް މިިއަދު ލަތީފު ފޮނުވި ސިޓީގައި ވަނީ ބަޔާން ކޮށްފަ އެވެ.

"ޤާނޫނުތަކާއި އޮލިމްޕިކް ޗާޓަރާއި ޚިލާފަށް މަނިކުފާނު ތަކުރާރުކޮށް ކުރައްވަމުން ތިޔަ ގެންދަވާ ކަންތައްތަކުން ދިވެހި ކުޅިވަރަށް މި އަންނަނީ އިންތިހާއަށް ގެއްލުންވަމުން. ބައިނަލްއަގްވާމީ ޖަމްޢިއްޔާތަކުގެ ކުރިމަތީގައި ރާއްޖެ މިއަންނަނީ ބަދުނާމުވެ ފަޞީލަތްވަމުން،" ލަތީފު މިއަދު ހީނާއަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ވޮލީގެ ހަނގުރާމައިގައި އެ އެސޯސިއޭޝަނުގެ އިންތިހާބީ ލީޑާރޝިޕާއި ނޯމަލައިޒޭޝަން ކޮމިޓީއާ ދެމެދު ހަނގުރާމަ ކުރާތާ ދުވަސްތަކެއް ވެފައިވާ އިރު އަދި ވެސް އެކަމަށް ހައްލެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހްލޫފް މިކަމުގައި އަދި އެއްޗެއް ވިދާޅުނުވެ ހުންނެވީ އެކަން އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި ފާހަގަ ނުވާތީ ކަމަށް އޭނާ ވަނީ ކުރިން ވިދާޅުވެފަ އެވެ.

ރާއްޖޭ އިން ވަނީ އަންނަ އަހަރުގެ އޭވީސީ ސެންޓަރަލް ޒޯނުގެ އަންހެން ކެޓަގަރީގެ މުބާރާތް ބޭއްވުމަށް މިއަހަރު ކުރި ބިޑު ކާމިޔާބުކޮށްފަ އެވެ.

comment ކޮމެންޓް