ނާމްގެ ހަވާސާގައި ގިނަ ގައުމުތަކުގެ ލީޑަރުންނާ ޝާހިދު ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު ޝާހިދު، އިންޑިއާގެ ނައިބު ރައީސް ވެންކައިއާ ނައިޑޫއާ ބައްދަލުކުރައްވަނީ --- ފޮޓޯ/ ފޮރިން މިނިސްޓްރީ

އަޒަރްބައިޖާންގެ ވެރިރަށް ބާކޫގައި މިހާރު ކުރިއަށްދާ ނަން އެލައިންޑް މޫވްމަންޓް (ނާމް)ގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ 18 ވަނަ ސަމިޓްގެ ހަވާސާގައި ގައުމުތަކުގެ ލީޑަރުންނާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރު ވަނީ އިންޑިއާ، ޕާކިސްތާން، ނޭޕާލް، ގަތަރު، މެލޭޝިޔާ، ބަންގްލަދޭޝް، ތަޖިކިސްތާން، އުރުދުން، ކިއުބާ، އަޒަރްބައިޖާން އަދި އަފްގާނިސްތާންގެ އިސްވެރިންނާ ބައްދަލުކުރައްވައިފައެވެ.

އޭގެ އިތުރުން ދެކުނު އޭޝިއާ އާއި އިރުމަތީ އޭޝިޔާގެ އިސްވެރިންނާ ވެސް މިނިސްޓަރު ބައްދަލުކުރެއްވިއެވެ. އޭގެ ތެރޭގައި އަފްޣާނިސްތާންގެ ރައީސް، އަޝްރަފް ޣަނީ އާއި، ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ، ޕާކިސްތާނުގެ ރައީސް އާރިފް އަލްވީ، މެލޭޝިޔާގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދު އަދި އިންޑިއާގެ ނައިބު ރައީސް ވެންކައިއާ ނައިޑޫ ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި އެ ގައުމުތަކާ ރާއްޖެއާ ދެމެދު އޮންނަ ގުޅުންތަކާއި، އެ ގުޅުންތައް އިތުރަށް ބަދަހިކުރުމާމެދު މަޝްވަރާ ކޮށްފައިވެއެވެ. ހަމައެއާއެކު ބައެއް ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާ ވެސް މިނިސްޓަރު ޝާހިދު ވަނީ ބައްދަލުކުރައްވައިފައެވެ.

އެގޮތުން މި އަހަރުގެ ނާމް ސަމިޓް ބާއްވާ ގައުމު، އަޒަރްބައިޖާންގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައި، އެމަނިކުފާނަށް މަރުހަބާ ދެއްނެވިއެވެ. އަދި އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށާއި، ދެގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ރާއްޖެ ހިމެނޭ ނޮން އެލައިންޑް މޫވްމަންޓްއަކީ އެމެރިކާއާ ރަޝިއާއާ ދެމެދު ފިނި ހަނގުރާމަ ހިނގި ދުވަސްވަރު، ވަކި ކޮޅަކަށް ނުޖެހޭ ގައުމުތަކުން ގުޅިގެން އުފެއްދި އިއްތިހާދެކެވެ. އެ އިއްތިހާދު އުފެއްދީ 1961 ވަނަ އަހަރުއެވެ. ނަން އެލައިންޑް މޫމަންޓުގައި 120 ގައުމެއް ހިމެނެއެވެ.

ނާމް ސަމިޓުގައި ފޮރިން މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުންނެވެ. އެ ސަމިޓުގައި މިނިސްޓަރު ވަނީ ތަގުރީރު ކުރައްވައިފައެވެ.

comment ކޮމެންޓް