އައިއެސްގެ ލީޑަރު ބަޣްދާދީ މަރުވެއްޖެކަން ޓްރަމްޕް އިއުލާނުކުރައްވައިފި

އައިއެސް ޖަމާއަތުގެ ލީޑަރު އަބޫބަކުރު އަލް ބަގުދާދީ ވީޑިއޯގެ ސްކްރީންޝޮޓެއް: އޭނާ މަރުވެފައިވާކަން އެމެރިކާއިން ވަނީ ޔަގީންކޮށްދީފައި --

އައިއެސް ޖަމާއަތުގެ ލީޑަރު އަބޫބަކުރު އަލް ބަޣުދާދީ މަރުވެފައިވާކަން އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕް އިއުލާނުކުރައްވައިފިއެވެ.

ދާދި ދެންމެއަކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ބަޣުދާދީ މަރުވެފައިވަނީ އެމެރިކާގެ އަސްކަރިއްޔާއިން ސީރިއާގެ ބަރީޝާގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އަދި އޭނާ މަރުވީ ޖާނުން ފިދާވުމުގެ ހަމަލާ ދޭއިރު އަޅާ ފަދަ ސުއިސައިޑް ވެސްޓެއް ގޮއްވާލައިގެން ކަމަށްވެސް އެމެރިކާގެ ރައީސް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާ ދޭން ފެށުމުން ބަޣްދާދީ އޭނާގެ ތިން ދަރިން ގޮވައިގެން ފިލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭނާ ފިލަން ވަން ހޮހޮޅައިން ނުކުމެވޭނެ ގޮތެއް ނެތުމުން، އަޅައިގެން ހުރި ޖެކެޓު ގޮއްވާލީކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އޭނާ ޖާނުން ފިދާވެގެން މަރުވީ ކުޑަ ތިން ދަރީންނާވެސް އެކުއެވެ.

ޓްރަމްޕް ވިދާޅުވީ ބަޣުދާދީ ހޮހޮޅަ ތެރެއަށް ވަދެގެން ދިޔައީ ރޮމުން، ހަޅޭއްލަވަމުން ކަމަށެވެ.

"އޭނާ މަރުވީ ފިނޑިއެއްގެ ގޮތުގައި. އޭނާއާ ނުލައި މި ދުނިޔެއަކީ ކުރިއަށް ވުރެ ރައްކާތެރި ތަނެއް،" ޓްރަމްޕް ވިދާޅުވިއެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޓްރަމްޕް ވިދާޅުވީ، މަރުވީ ބަޣުދާދީކަން ކަށަވަރު ކުރުމަށް، އޭނާ މަރުވި ތަނުގައި ވަގުތުން ޓެސްޓު ހެދި ކަމަށެވެ. އަދި ޓެސްޓުގެ ނަތީޖާއިން އެއީ ބަޣްދާދީކަން ކަށަވަރު ކުރެވުނު ކަމަށެވެ.

ބަޣުދާދީއަށް އަމާޒުކޮށް އެމެރިކާއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ހެލިކޮޕްޓަރާއި، ޖެޓާއި ޑްރޯން ވަނީ ބޭނުންކޮށްފައެވެ. ފުރަތަމަ ބަޣްދާދީއަށް ހަމަލާ ދީފައި ވަނީ ވައިގެ މަގުންނެވެ.

މި ހަމަލާތަކުގައި އައިއެސްގެ އިތުރު ބައެއް އިސް ފަރާތްތައް ވެސް މަރާލާފައިވާ ކަމަށާއި އަދި ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. މި ހަމަލާތަކުގައި އެމެރިކާ އަސްކަރިއްޔާގެ އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައެއް ނުވެއެވެ.

ބަޣްދާދީ މަރުވެފައި މިވަނީ، އޭނާ މަރާލުމަށް އެމެރިކާގެ އިތުރުން އިރާގުން ވެސް މަސައްކަތް ކުރާތާ އެތައް އަހަރެއް ފަހުންނެވެ.

އައިއެސްއަކީ ފަހުގެ ތާރީޚުގައި އިސްލާމީ ދުނިޔޭގައި އުފެދުނު އެންމެ ހަރުކަށި އެންމެ މުއްސަނދި އަދި ނުރައްކާތެރި ޖަމާއަތެވެ. މިޖަމާއަތް 2012 ވަނަ އަހަރު އާދަޔާ ޚިލާފު ބާރުމިނެއްގައި ކުރިއަރަމުން ގޮސް 2014 ވަނަ އަހަރުވަނީ އިރާގާއި ސޫރިޔާގެ ބޮޑުބައި ހިފައި އިސްލާމީ ޚިލާފަތުގެ ނަމުގައި ތަކްފީރީ ވިސްނުމުގެ ވެރިކަމެއް ވެސް އިއުލާންކޮށްފައެވެ.

އިރާގުގެ މޫސަލްގެ ނޫރީ މިސްކިތުގައި 2014 ވަނަ އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހު ބަޣުދާދީ، އިސްލާމީ ޚިލާފަތެއް އިއުލާނުކޮށް، އޭނާއަކީ މުސްލިމުންގެ ޚަލީފާކަމަށް އިއުލާނުކުރިއެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުގެ މުސްލިމުން އެ ދައުލަތަށް ހިޖުރަކުރުމަށާއި މުދަލާއި ނަފްސާ އަދި ދުއާއިން އެދައުލަތަށް ވާގިވެރިވރުމަށް އޭނާ ގޮވާލިއެވެ.

ނަމަވެސް 2016 ވަނައަހަރުން ފެށިގެން އެޖަމާއަތާ ދެކޮޅަށް އިރާގުން ފެށި ގަދަފަދަ ހަނގުރާމައާ ގުޅިގެން އެ ޖަމާއަތްވަނީ ބަލިކަށިވާން ފަށާފައެވެ.

comment ކޮމެންޓް