ނާމް ސަމިޓުގައި ރާއްޖެ އަޑުއުފުލީ ފަލަސްތީނުގެ ދިފާއުގައި

އިޒްރާއިލުން ފަލަސްތީނުގެ ބިންތައް ހިފައިގެން އުޅެނީ ގަވައިދާ ހިލާފަށް ކަމަށާއި އިޒްރާއިލުގެ އަމަލުތައް ބަލައި ނުގަނެވޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ކުރިއަށްދާ ނަން އެލައިންޑް މޫމަންޓުގެ ގައުމުތަކުގެ ވެރިންގެ 18 ވަނަ ސަމިޓްގައި ރާއްޖެ ތަމްސީލު ކުރައްވާ ތަގުރީރު ކުރައްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ފަލަސްޓީނަކީ މިނިވަން ދައުލަތަކަށް ވާންޖެހޭ ކަމަށާއި ރާއްޖެއިން އަބަދުވެސް ތާއީދު ކުރާނީ އެގޮތަށް ކަމަށެވެ.

ފަލަސްތީނުގެ އަހުންނާއި އުހުތުން މިނިވަންކަމަށޤޓަކާ ޖިހާދު ކުރާތާ އެތައް އަހަރެއް ވެއްޖެ ކަމަށާއި އެމީހުންގެ އެ ހިތްދަތިކަން ބަލަންތިބެންވީ ކިތައް އަހަރު ވަންދެންތޯ މިނިސްޓަރު ސުވާލު ކުރެއްވިއެވެ، މިނިސްޓަރު ޝާހިދު ވިދާޅުވީ ފަލަސްތީނުގެ ބިންތައް ނުހައްގުން ފޭރިގަނެގެން އުޅޭ އިސްރާއިލުގެ އަމަލުތައް ބަލައި ނުގަނެވޭނެ ކަމަށެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އަމާންކަން ލިބެންދެން ރާއްޖެއިން މި ގޮވާލުން ގޮވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް އޮތް ގޮންޖެހުންތައް މިނިސްޓަރުފާހަގަ ކުރެއްވިއެވެ. 2050 އަންނައިރު މޫސުމީ ބަދަލުތަކުގެ ސަބަބުން 200 މިލިއަނަށްވުރެ ގިނަމީހުން ރެފިޔުޖީންނަށް ވާނެ ކަމަށް ވޯލްޑުބޭންކުން ލަފާކޮށްފައިވާއިރު އެ މައްސަލައަށް ހައްލެއް ހޯދަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ސަމިޓުގައި ތަގުރީރު ކުރައްވަމުން މިނިސްޓަރު ވިދަޅުވީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ފަހަތަށް ޖެހިފައި އޮތުމަށްފަހު މިހާރު އެހެން ގައުމުތަކާއެކު ފައިހަމަކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ވަނީ ޓެރަރިޒަމުގެ ނުރައްކާ ރާއްޖެއަށް އޮތް މިންވަރާއި ޓެރަރިޒަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށްވެސް އަލިއަޅުވާ ލައްވާ ވާހަކަ ދައްކަވައިފައެވެ.

މި ސަމިޓްގެ ހަވާސާގައި ދުނިޔޭގެ ގައުމުތަކުގެ ވެރިންނާއި ބައްދަލުކުރައްވައި، މުހިއްމު މަޝްވަރާތަކެއް ކުރިއަށްގެންދަވާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެއެވެ.

ރާއްޖެ ހިމެނޭ ނޮން އެލައިންޑް މޫވްމަންޓްއަކީ އެމެރިކާއާ ރަޝިއާއާ ދެމެދު ފިނި ހަނގުރާމަ ހިނގި ދުވަސްވަރު، ވަކި ކޮޅަކަށް ނުޖެހޭ ގައުމުތަކުން ގުޅިގެން އުފެއްދި އިއްތިހާދެކެވެ. އެ އިއްތިހާދު އުފެއްދީ 1961 ވަނަ އަހަރުއެވެ. ނަން އެލައިންޑް މޫމަންޓުގައި 120 ގައުމެއް ހިމެނެއެވެ.

comment ކޮމެންޓް