ބޮޑު ބްރޭކަށް ދިއުމުގެ ކުރިން މާޒިޔާ ލީޑު ފުޅާކޮށްފި

ދިވެހި ލީގުގައި މާޒިޔާއާއި ދަ ގްރާންޑޭ މިއަދު ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން ހަނި މޮޅާ އެކު ލީގުގެ ބޮޑު ބްރޭކަށް ދިއުމުގެ ކުރިން މާޒިޔާ އެއްވަނައިގައި ލީޑު ފުޅާކޮށް ހަމަޖެހިލައިފި އެވެ.

މިއަހަރުގެ ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވި މާޒިޔާއިން ސީޒަނުގައި އަލަށް ވާދަކުރާ ދަ ގްރާންޑޭގެ މައްޗަށް މިރޭ ކުރި ހޯދީ 0-1 ގެ ނަތީޖާ އަކުންނެވެ. މި މޮޅާ އެކު މާޒިޔާއިން އެއްވަނައިގައި އަށް ޕޮއިންޓްގެ ލީޑެއް ވަނީ ނަގައިފަ އެވެ. މާޒިޔާއިން މިހާތަނަށް ލީގުގައި 12 މެޗު ކުޅެފައިވާ އިރު އެ ޓީމުން ވަނީ 29 ޕޮއިންޓް ހޯދައިފަ އެވެ. އެންމެ ގާތުން ވާދަ ކުރާ ގްރީން ސްޓްރީޓްސްއަށް 11 މެޗު ކުޅެގެން ލިބެނީ 21 ޕޮއިންޓެވެ.

ދިވެހި ލީގުގައި މާޒިޔާއާއި ދަ ގްރާންޑޭ މިއަދު ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

މިރޭގެ މެޗަށް ފަހު ލީގު މި ވަނީ އަނެއްކާވެސް ބޮޑު ބްރޭކަކާ ކުރިމަތިލާން ޖެހިފަ އެވެ. މިއީ ޖުލައި މަހު ލީގު ފެށި ފަހުން މިގޮތަށް ބްރޭކް ނަގައި ހަތަރު ވަނަ ފަހަރެވެ. އެގޮތުން 45 ދުވަހުގެ ބްރޭކަކަށް މިފަހަރު މިދަނީ ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު 14 ވަނަ ދުވަހު ގައުމީ ޓީމުން ފިލިޕީންސާ ދެކޮޅަށް މާލޭގައި ކުޅޭ މެޗަށާއި އަންނަ މަހު 19 ވަނަ ދުވަހު މާލޭގައި ގުއާމާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޑިސެމްބަރު މަހު ކުރީކޮޅުގައި ނޭޕާލުގައި އޮންނަ ސައުތު އޭޝިއަން ގޭމްސް އަށެވެ.

އަދި ކުލަބު ބްރޭކާ އެކު ގައުމީ ޓީމު ޓްރެއިނިންގް ކޭމްޕަކަށް ކުޅުންތެރިން މެލޭޝިޔާއަށް ދިއުމަށް ފުރާނެ އެވެ. ފުޓުބޯޅައިގެ ކޯޗުންނާއި އޮފިޝަލުންގެ ވެސް މިފަހަރުގެ އެންމެ ބޮޑު އަމާޒަކީ ގައުމީ ޓީމު އޭޝިއަން ކަޕަށް ކޮލިފައިވުން ކަމަށް ވާ އިރު ލީގު މެދު ކަނޑާލައިގެން ވެސް ގައުމީ ޓީމަށް ވަގުތު ދިނުމަށް ގިނަ ބަޔަކު އިއްތިފާގުވެ އެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިރޭގެ މެޗުގައި މާޒިޔާއިން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ. އޭނާ މިރޭގެ މެޗުގައި މޮޅު ކުޅުމެއް ވަނީ ދައްކައިފަ އެވެ.

މެޗު ފެށިގެން ދެ ޓީމުން ވެސް ޓީމު ކުރިއަށް ޖައްސައިގެން ހަމަލާތައް އުފައްދަން މަސައްކަތް ކުރި އެވެ. އެގޮތުން މެޗު ފެށިގެން ހަތަރު ވަނަ މިނަޓުގެ ތެރޭގައި މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ހަމަލާ ވަނީ ދަ ގްރާންޑޭގެ ކީޕަރު މުހައްމަދު ފައިސަލް މަތަކޮށްފަ އެވެ. އޭގެ އިރަކޮޅެއް ފަހުން ދަ ގްރާނޑޭގެ ޒުވާން ފޯވާޑް އަހުމަދު ހުސާމް ޖެހި ބޯޅަ ބޭރުވީ މާޒިޔާގެ ގޯލްކީޕަރު އަފްގާނިސްތާންގެ އޮވޭސް އަޒީޒީ އަތުގައި ޖެހިފައި ހުރަސް ދަނޑީގައި ވެސް ޖެހިފަ އެވެ.

ދިވެހި ލީގުގައި މާޒިޔާއާއި ދަ ގްރާންޑޭ މިއަދު ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

އެ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. މާޒިޔާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ދަ ގްރާންޑޭގެ ޑިފެންސް ފޫ އަޅުވާލައި ރަނގަޅު ހަމަލާތަކެއް އުފެއްދޭ ގޮތް ނުވި އިރު ދަ ގްރާންޑޭއަށް ވެސް މާޒިޔާގެ ގޯލަށް ނުރައްކާތެރި ގިނަ ބޯޅަތަކެއް ފޮނުވާލެވޭ ގޮތެއް ނުވި އެވެ.

ނަމަވެސް ދެވަނަ ހާފު ވެގެން ދިޔައީ ފޯރިގަދަ ހާފަކަށެވެ. އެގޮތުން މާޒިޔާގެ ބެންޗުން ވަނީ ރެފްރީއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. މާޒިޔާގެ ކުޅުންތެރިންނަށް ފައުލު ކުރުމުން ކާޑު ނުދައްކާ ކަމަށް ބުނެ މާޒިޔާއިން ގިނަ ޝަކުވާތަކެއް އެ ހާފުގައި ރެފްރީއަށް އަމާޒުކޮށްކޮށް ތިއްބާ އެ ޓީމަށް ހިތްހަމަ ޖެހުމެއް ލިބުނީ، އަސަދުﷲގެ ގޯލާ އެކު އެވެ.

މި މެޗަށް ފަހު، ދެން ލީގް ފަށާނީ ޑިސެމްބަރު 13 ވަނަ ދުވަހު އެވެ. މާޒިޔާ ނުކުންނާނީ ކުލަބު ގުރީން ސްޓްރީޓާ ދެކޮޅަށެވެ. އެ ރޭ ކުޅޭ މެޗުގައި ގުރާންޑޭ ނުކުންނާނީ ވިކްޓަރީ އާ ދެކޮޅަށެވެ.

comment ކޮމެންޓް