މިއަދުގެ މެޗަށް ވެސް ވިކްޓަރީ ހާޒިރު ނުވި، ނިލަންދޫއަށް ތިން ޕޮއިންޓް

ވިކްޓަރީ ސްޕޯޓްސް ކުލަބުން މެޗަކަށް ރެޑީ ވެގެން --- ފޮޓޯ// އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ނިލަންދޫ ސްޕޯޓްސް ކްލަބާއި ދެކޮޅަށް ކުޅެން އޮތް މެޗަށް ވެސް ވިކްޓަރީގެ ކުޅުންތެރިން ހަމަނުވުމުގެ ސަބަބުން މެޗު ކެންސަލު ކުރަން ޖެހިއްޖެ އެވެ.

މިއަދު ހަވީރު ނިލަންދޫއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވިކްޓަރީ ހާޒިރު ނުވުމުން އެ މެޗު ކެންސަލްކޮށްފައިވާ އިރު ލީގުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އިދިކޮޅު ޓީމަށް ވަނީ ދެ ގޯލުގެ ލީޑަކާ އެކު ތިން ޕޮއިންޓް ލިބިފަ އެވެ. މިއަދުގެ މެޗަކީ ވިކްޓަރީ ވިދިވިދިގެން ލީގުގެ މެޗަށް ހާޒިރު ނުވި ތިންވަނަ މެޗެވެ. އެ ޓީމުން މި ސީޒަނުގައި ޖުމުލަ ހަތަރު މެޗަށް ހާޒިރުނުވެ ދިޔަ އިރު މިދިޔަ ސީޒަނުގައި ވެސް ވަނީ ދެ މެޗަކަށް ހާޒިރު ނުވެފަ އެވެ.

މިއަދުގެ މެޗު ފެށުމަށް ހަމަޖެހިފައިވާ ގަޑި ހަމަވި އިރު ދަނޑަށް ހާޒިރުވެފައި ތިބީ ވިކްޓަރީގެ 10 ކުޅުންތެރިންނެވެ. ނަމަވެސް މެޗު ކުޅެވޭތޯ ބެލުމަށް 11 ކުޅުންތެރިން ހަމަކުރުމަށް، ނިލަންދޫ ޓީމުގެ އިޒުނައާއެކު ވިކްޓަރީ ޓީމަށް އިތުރު ފަސް މިނެޓް ދިނެވެ. އެ ފަސް މިނެޓުގައި އެޓީމުގެ އެއް ކުޅުންތެރިއަކު ގެނެވޭތޯ ޓީމުން މަސައްކަތް ކުރި ނަމަވެސް އެކަން އެޓީމަށް ކާމިޔާބު ނުވުމާއެކު މެޗު ކެންސަލް ކުރުމަށް މެޗު ކޮމިޝަނަރު ވަނީ ނިންމާފަ އެވެ.

ލީގުގައި މިހާތަނަށް ވިކްޓްރީން ހާޒިރުނުވެ އޮތް މެޗުތަކަށް އެ ޓީމު ޖޫރިމަނާ ކޮށްފައިވާއިރު، އެންމެ ފަހުން ކުޅެން އޮތް ދެ މެޗަށް ހާޒިރުނުވުމުން އެފްއޭއެމުން ވަނީ ކުށް ތަކުރާރުކުރުމުން އަދަދު ބޮޑުވާ އުސޫލުން ޖޫރިމަނާކޮށްފަ އެވެ. އެފްއޭއެމް އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިރާގު ދިވެހި ޕްރިމިއާ ލީގު 2019 ފުޓުބޯޅަ މުބާރާތުގެ ގަވާއިދުގެ 11.4 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެފްއޭއެމްގެ ޑިސިޕިލިނަރީ ކޯޑުގެ 32 ވަނަ މާއްދާގެ ދަށުން، ކުށް ތަކުރާރު ކުރުމުން ކުށްކުރާ ފަރާތަށް ދީފައިވާ އަދަބުގެ %50 އިތުރުވާ ގޮތުގެ މަތިން ވިކްޓަރީ ސްޕޯޓްސް ކުލަބަށް އަދަބު ދީފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެ ބަޔާނުގައި ވިކްޓަރީއަށް ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ވަކި މިންވަރު ހާމަކޮށްފައެއް ނުވެ އެވެ. މީގެ ކުރިން ކްލަބްތަކަށް އެ ގޮތަށް ފިޔަވަޅު އަޅާއިރު ޖޫރިމަނާކުރާ އަދަދު ހާމަކޮށްފައިވެ އެވެ. ހިސާބުތައް ހަދާލުމުން ވިކްޓަރީ އިން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ އަދަދު 150،000ރ. އަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

މިއަދުގެ މެޗަށް ހާޒިރުނުވުމާއި އެކު ލީގުން ވިކްޓަރީ ބޭރު ކުރުމުގެ ފުރުސަތު އެއްއޭއެމްއަށް ލިބިގެންދާނެ އެވެ. އަދި އެކްލަބަށް 130،000ރ. ގެ ޖޫރިމަނާއެއް ކުރުމުގެ ބާރު އެފްއޭއެމްއަށް ލިބިގެންދާނެ އެވެ.

comment ކޮމެންޓް