ޖަޕާނުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ރާއްޖެއިން މިހާރު ބައިވެރިވެގެން އުޅޭ "ޓޫރިޒަމް އެކްސްޕޯ ޖަޕާން"ގައި ހުންނަ ރާއްޖޭގެ ސްޓޯލްއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޒިޔާރަތްކުރައްވައިފި އެވެ.
އެ ފެއާއަށް ރައީސް ޒިޔާރަތްކުރެއްވީ އެމަނިކުފާނުގެ ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިންނެވެ.
މޯލްޑިވިސް ޓޫރިޒަމް ބޯޑުން ބުނީ ރައީސްގެ އެ ޒިޔާރަތުގައި ރާއްޖޭގެ ޓޫރިޒަމް ސިނާއަށް ތަރައްގީކޮށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމަށް ކުރިއަށްގެންދާ "ޑެސްޓިނޭޝަން މާކެޓިން" އަށް ކުރިއެކޭ ވެސް އެއްގޮތަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
މާދަމާގެ ނިޔަލަށް ކުރިއަށްދާ "ޓޫރިޒަމް އެކްސްޕޯ ޖަޕާން" އަކީ އެ ގައުމުގައި ބާއްވާ އެންމެ ބޮޑު ޓްރެވެލް ފެއާ އެވެ. އެ ފެއާގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ހަތަރު ކުންފުންޏަކުން ވެސް ވަނީ ބައިވެރިވެފަ އެވެ.
އެކްސްޕޯގައި ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެކިއެކި ޕްރޮމޯޝަނަލް ހަރަކާތްތައް ބޭއްވުމުގެ އިތުރުން ރާއްޖޭގެ ކާތަކެތީގެ ރަހަތައް ވެސް ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ.
ޖަޕާނަކީ ރާއްޖެއަށް ނުވަ ވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ. މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ޖަޕާނުގެ 30،000 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރު ޖަޕާނުން ރާއްޖެ އައިސްފައި ވަނީ 42،000 ޓޫރިސްޓުންނެވެ.