ވަކިކޮޅަކަށް ނުޖެހޭ ގައުމުތަކުގެ ބައްދަލުވުމުގައި ރާއްޖެ ތަމްސީލު ކުރައްވާނީ ޝާހިދު

ނާމް ސަމިޓުގެ ހަވާސާގައި ގައުމުތަކުގެ އިސްވެރިންނާ މިނިސްޓަރު ބައްދަލު ކުރެއްވުން -- ފޮޓޯ: ފޮރިން މިނިސްޓްރީ

ނަން އެލައިންޑް މޫމަންޓް ނުވަތަ ވަކި ކޮޅަކަށް ނުޖެހޭ ގައުމުތަކުގެ ވެރިންގެ ބައްދަލުވުމުގައި ރާއްޖެ ތަމްސީލު ކުރައްވާނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކަމަށް ސަރުކާރުން ބުނެފިއެވެ.

މިނިސްޓަރު ޝާހިދު މިހާރު ވަނީ މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް އަޒަރުބައިޖާނަށް ވަޑައިގެންފައެވެ.

އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި މިހާރު ކުރިއަށްދާ ނަންއެލައިންޑް މޫވްމަންޓްގައި ހިމެނޭ ގައުމުތަކުގެ ވެރިންގެ 18 ވަނަ ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ފޮރިން މިނިސްޓަރު ބައިވެރިވެ ވަޑައިގަންނަވާއިރު މި ސަމިޓުގައި މިނިސްޓަުރ މާދަމާ ތަގުރީރު ކުރައްވާނެއެވެ.

މި ސަމިޓްގެ ހަވާސާގައި ދުނިޔޭގެ ގައުމުތަކުގެ ވެރިންނާއި ބައްދަލުކުރައްވައި، މުހިއްމު މަޝްވަރާތަކެއް ކުރިއަށްގެންދަވާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެއެވެ.

ނަން އެލައިންޑް މޫމަންޓް ސަމިޓްގެ ހަވާސާގައި މިއަދުވެސް މިނިސްޓަރު ޝާހިދު ވަނީ ބައެއް ގައުމުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފައެވެ.

އެގޮތުން އިންޑިއާގެ ނައިބު ރައީސް ވެންކައިއާ ނައިޑޫއާއި، އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީއާ މިނިސްޓަރު މިއަދު ބައްދަލު ކުރެއްވިއެވެ.

މިނިސްޓަރު ޝާހިދު އަޒަރުބައިޖާނަށް ވަޑައިގެންފައިމިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުގައި ޖަޕާނަށް ވަޑައިގަތުމަށްފަހުގައެވެ.

ރާއްޖެ ހިމެނޭ ނޮން އެލައިންޑް މޫވްމަންޓްއަކީ އެމެރިކާއާ ރަޝިއާއާ ދެމެދު ފިނި ހަނގުރާމަ ހިނގި ދުވަސްވަރު، ވަކި ކޮޅަކަށް ނުޖެހޭ ގައުމުތަކުން ގުޅިގެން އުފެއްދި އިއްތިހާދެކެވެ. އެ އިއްތިހާދު އުފެއްދީ 1961 ވަނަ އަހަރުއެވެ. ނަން އެލައިންޑް މޫމަންޓުގައި 120 ގައުމެއް ހިމެނެއެވެ.

comment ކޮމެންޓް