ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނީ ސުލްހައަށް: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއްމު މަޖިލީހުގައި--- ފޮޓޯ: ރައީސް އޮފީސް

ސުލްހަ މަސަލަސްކަން ދަމަހައްޓައި ކުރިއެރުވުމުގައި ބައިނަލްއަގުވާމީ މުޖުތަމައާއެކު ރާއްޖެއިން ކުރިއެކޭ އެއްގޮތަށް މަސައްކަތް ކުރަމުންގެންދާނެކަމުގެ ޔަގީންކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްވައިފި އެވެ.

އިއްޔެ ފާހަގަކުރި އ.ދ. ގެ 74 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވީ
އ.ދ. ދުވަހެއް ފާހަގަކުރަނީ ސިޔާސަތު ކަނޑައެޅުމާއި ގޮތް ނިންމުމުގެ ތެރެއިން ހަމަޖެހުމާއި ސުލްހައަށް މަގުފަހިކުރުމުގެ އަޒުމް ވަރުގަދަކުރުމަށް ކަމަށެވެ. އަދި އދ. އުފެއްދުމުގެ މަގުސަދުތައް ހާސިލްކުރުމުގައި ސާބިތުކަމާއެކު އެ ޖަމިއްޔާ މިހާތަނަށް ދެމިއޮތްކަން ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.
ރާއްޖެއިން އދ. ގެ ޗާޓަރުގައިވާ ކަންކަމަށް އިޖާބަދޭނެކަން ހާމަކުރައްވައި ރައީސް ވިދާޅުވީ އ.ދ.ގެ ޗާޓަރުގެ ރޫހާއި އެއްގޮތްވާ ގޮތުގެ މަތީން މަސައްކަތްކުރުމަކީ އެޖަމާއަތުގައި ހިމެނޭ އެންމެހާ ގައުމުތަކަށް ލާބައާއި މަންފާ ލިބޭނެ ކަމެއްކަން ޤަބޫލުކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ 2030 ވަނަ އަހަރުގެ ނިޔަލަށް ހާސިލްކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަކީ އެކަންކަމުގެ ސަބަބުން ގައުމުތަކުގެ އެންމެހާ ރައްޔިތުންނަށް ހަރުދަނާ، ރައްކާތެރި، ދުޅަހެޔޮ، ސުލްހަވެރި އަދި އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ބައްޓަންކުރެވިފައިވާ ފުރިހަމަ އޮނިގަނޑެއްކަމަށެވެ.

އޭގެ އިތުރުންވެސް 2030 ވަނަ އަހަރުގެ ނިޔަލަށް ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކާއި އެއްބަސްވުންތަކާއި އެއްގޮތަށް އަމަލުކުރުންމަތީ ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ސޯލިހް ދެއްވިއެވެ.

ރައީސް ވިދާޅުވީ އެކަންކަން ހާސިލްކުރުމުގައި މި ޖީލަށް ހުރި ގޮންޖެހުންތަކާއި އެކުގައިވެސް ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިގެން، މައުލޫމާތު ހިއްސާކުރެވޭ މާހައުލެއްގެ ތެރެއިން ހައްލުހޯދުމުގައި ރާއްޖެ ދެމިއޮންނާނެކަމަށެވެ.

comment ކޮމެންޓް