ގައުމީ ޔުނިވާސިޓީއަށް ތިން ޑެޕިއުޓީ ވައިސް ޗާންސެލަރުން ހޯދަނީ

ސިނަމާލެ ބުރިޖުގައި ބޭއްވި ޔުނިވާސީޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

ގައުމީ ޔުނިވާސިޓީއަށް ތިން ޑެޕިއުޓީ ވައިސް ޗާންސެލަރުން ހޯދަން އިއުލާންކޮށްފިއެވެ.

ގައުމީ ޔުނިވާސިޓީން މިއަދު ކުރި އިއުލާންއެއްގައި ބުނީ ތިން ދާއިރާއަކުން ޑެޕިއުޓީ ވައިސް ޗާންސެލަރުން ބޭނުންވާ ކަމަށެވެ.

އެ ތިން ދާއިރާތަކުގެ ތެރޭގައި އެކެޑެމިކް އެފެއާޒްއާއި، އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސްގެ އިތުރުން ރިސާޗް އެންޑް އެންޓަޕްރައިސް ހިމެނެއެވެ.

ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް މާސްޓާސް ފެންވަރު ހުރިނަމަ 18125.00 އާއި 21367.22 ދެމެދުގެ އަދަދެއް މުސާރައިގެ ގޮތުގައި ލިބެއެވެ. އަދި ޓެނުއަރޝިޕް އެލަވަންސްއެއްގެ ގޮތުގައި މަހަކު 15000 ރުފިޔާވެސް ވަކި ޝަރުތުތަކާއެކު ލިބެއެވެ. އެ ބޭފުޅުން އައްޔަނުކުރަނީ ހަތަރު އަހަރަށެވެ.

ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފް "ސަން" އަށް މިރޭ ވިދާޅުވީ ޑެޕއުޓީ ވައިސް ޗާންސެލަރުންގެ މަގާމަށް ކުރިމަތިލައްވާ ފަރާތްތަކާ އިންޓަވިއުކޮށް އަންނަ މަހުގެ މެދުތެރޭގައި ބޭފުޅުން އައްޔަނުކުވޭވަރު ވާނެ ކަމަށެވެ. އަދި އޭގެ ތެރެއިން އެއް ޑެޕިއުޓީ ވައިސް ޗާންސެލަރަކު އެމްއެންޔޫގެ ކައުންސިލްގައިވެސް ހިމެނޭނެ ކަމަށެވެ.

އެމްއެންޔޫގެ ކައުންސިލަށް އަށް ބޭފުޅަކު މިދިޔަ މަހު ވަނީ އައްޔަނުވެސްކޮށްފައެވެ. އެ ބޭޅުން މަގާމަށް އައްޔަނުކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ، އިބްރާހިމް ހަސަންއެވެ.

މީގެ ކުރިން ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ ގޮތުގައި ތިއްބެވީ ދެ ބޭފުޅުންނެވެ. އެ މަގާމުގައި ކުރިން ތިއްބެވި އައިޝަތު ޝާހީންއާއި މުއާވިޔަތު މުހައްމަދު މަގާމުން ވަކިކުރީ މިދިޔަ އޮގަސްޓު މަހުއެވެ.

އެ ދެ ބޭފުޅުން މަގާމުން ވަކިކުރިއިރު ގައުމީ ޔުނިވާސިޓީގެ ގާނޫނަށް ބަދަލު ގެނެސްފައެވެ.

އާ ގާނޫނުގެ ދަށުން ޑެޕިއުޓީ ވައިސް ޗާންސެލާގެ މަގާމަކީ އެމްއެންޔޫގެ ކައުންސިލުން އިންތިހާބުކޮށްގެން ހަމަޖައްސަން ޖެހޭ މަގާމެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ.

އެމްއެންޔޫގެ ޗާންސެލަރަކީ ޑރ. ހަސަން ހަމީދެވެ. އަދި ވައިސް ޗާންސެލަރަކީ ޑރ. މުހައްމަދު ޝަރީފެވެ.

comment ކޮމެންޓް