އާންމު ޝަކުވާއެއް: މަގޭ ފޮޓޯ ކޮބާ؟ އަދިވެސް ނުދޭ!

ފޮޓޯ ގްރާފަރެއް ރިސޯޓެއްގައި -- ފައިލް ފޮޓޯ

ކައިވެނި ޕާޓީ އާއި އުފަންދުވަސް ފަދަ މުނާސަބަތްތަކަކީ ގިނަ ބަޔަކަށް ބޮޑެތި އަދި މުހިއްމު ދުވަސްތަކެވެ. އެފަދަ ދުވަސްތަކުގައި ތަންތަނުން މީހުން ހޯދައިގެން ފޮޓޯ ވެސް ނަގުވާނެ އެވެ. އެ ފޮޓޯތަކަކީ ފަހަށް ރައްކާކުރަން ބޭނުންވާ ހަނދާންތަކެވެ. އެ ހަނދާންތައް އަނބުރާ ނުލިބިއްޖެ ނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ސޯޝަލް މީޑިއާގައި ދާދި ފަހުން ވަނީ އެފަދަ މައްސަލަތަކެއް ފެންމަތިވެފަ އެވެ. އެކަމަކު މިއީ އެކަހަލަ މައްސަލައެއް ކުރިމަތިވީ ފުރަތަމަ ފަހަރެއް ނޫނެވެ.

ކައިވެނީގެ ފޮޓޯތައް ނެގުމަށްފަހު އެތައް ދުވަސްތަކެއް ވަންދެއް އެ ފޮޓޯތައް ނުލިބި ފޮޓޯ ގުރާފަރަށް ނުވަތަ ސުޓޫޑިއޯގައި އާދޭސް ކުރަން ޖެހެ އެވެ. މިފަދަ އެކި ކަހަލަ ބޮޑެތި މައްސަލަތައް ވަނީ ގިނަ ދިވެހީންނަށް ދިމާވެފަ އެވެ. ބޮޑު އަގެއް ދިނުމަށްފަހު ހަފްލާއެއްގެ ފޮޓޯތައް ނެގުމަށްފަހު އެތައް ޒަމާންގަނޑެއް ވާއިރުވެސް ފޮޓޯތައް ނުލިބެ އެވެ. ބައެއް ފޮޓޯގްރާފަރުންގެ ކިބައިން މިފަދަ އަމަލުތައް ފެނުން މިހާރު މިވަނީ ގިނަ ބަޔަކު ކަންބޮޑުކުރަމުންދާ މައްސަލައަކަށް ވެފަ އެވެ.

ގިނަ ބަޔަކު އެންމެ ކަންބޮޑުވާ އެއް ކަމަކީ އެފަދަ އަމަލުތަކުގެ ފަހަތުގައި ރާއްޖޭގެ ބައެއް ބޮޑެތި ފޮޓޯގްރާފަރުންވެސް ހިމެނުމެވެ.

އެފަދަ ތަޖުރިބާއެއް ކުރަން ޖެހުނު ޒުވާނަކު "ސަން" އަށް ވަނީ އޭނާގެ ވާހަކަ ކިޔައިދީފަ އެވެ. އޭނާ ބުނިގޮތުގައި މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ފޮޓޯގްރާފަރު ހަޔާ ކޮށްފައިވަނީ އޭނާގެ ކައިވެނީގެ ފޮޓޯ އާއި ވީޑިއޯ ތައްޔާރު ކުރުމަށެވެ.

އަދި ކައިވެނީގެ ވަގުތާއި ކައިވެނި ޕާޓީ ކުރިއަށް ގޮސްފައިވަނީ ދެ ދުވަހަކަށް ވުމުން އެ ދެ ދުވަހަށް ފޮޓޯގްރާފަރު ވަކީން ފައިސާ ނެގި ކަމަށް އޭނާ ކިޔައިދިނެވެ.

"ކުއޮޓޭޝަން ދިން އޭރުގައި. ފުރަތަމަ ފޮޓޯތަކަށް ނެގީ 14،000 ރުފިޔާ. ދެން ވީޑިއޯއަށް ވަކީން 16،000 ޗާޖުކުރި ފަހުން،" އޭނާ ކިޔައިދިނެވެ.

ނަމަވެސް ކައިވެންޏަށް ތައްޔާރުވުމުގެ ފޮޓޯތައް ނަގަން ބޭނުން ނުވާ ކަމަށް ބުނުމުން ޖުމްލަ ފީން 4،000 ރުފިޔާ އުނިކޮށްފައިވާ ކަމަށް އެ ޒުވާނާ ކިޔަދިނެވެ.

ދެން އޭނާއަށް ޖެހުނީ ކައިވެނީގެ ހަފްލާގެ ފޮޓޯތައް ހޯދުމަށްވެސް ފޮޓޯގްރާފަރު ގާތުން އާދޭސް ކުރާށެވެ. ފޮޓޯތައް ލިބުނީ ކައިވެނީގެ އެއް މަސް ފަހުން ކަމަށާއި އެ ލިބުނު އިރުވެސް އެ ފޮޓޯތައް ހުރީ "ރޯ" ފޯމެޓުގައި އެޑިޓްވެސް ނުކޮށް ކަމަށް އޭނާ ބުންޏެވެ.

އޭގެ ފަހުން ވީޑިއޯ އަދި ފަހުން ދޭނެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އަދި އެ ވީޑިއޯ އޭނާއަށް ލިބިފައެއް ނުވެއެވެ.

އެއީ އެންމެ މީހެއްގެ ވާހަކައެކެވެ. ނަމަވެސް އެފަދަ އެތައް ބައިވަރު ވާހަކަތަކެވެ. ހަފްލާއެއްގެ ފޮޓޯތައް ނެގުމަށްފަހު އެތައް މަސްތަކެއް ވަންދެން ބައެއް ފޮޓޯގްރާފަރުން "ބަހަބަރު" ވާ ވާހަކައެވެ. ބައެއް ފޮޓޯގްރާފަރުންނާއެކު ކުރަން ޖެހުނު ހިތި ތަޖުރިބާތަކުގެ އުދާސްތައް އެތައް ބަޔަކު ވަނީ ބަންޑުންކޮށްލާފަ އެވެ.

ކުޑަ ކުއްޖެއްގެ މަންމައެއް ކިޔައިދިން ގޮތުގައި އެމީހާގެ ދަރިފުޅަށް އެއް އަހަރުވީ އުފަންދުވަހުގައި ފޮޓޯގްރާފަރަކަށް ފައިސާ ދައްކާ ފޮޓޯ ނަގާފައިވާ ކަމަށެވެ. އަދި އެ ފޮޓޯތައް ލިބިފައިވަނީ އެ ކުއްޖާއަށް ދެ އަހަރު ފުރެން އެއް މަހަށް ވެފައި ވަނިކޮށް ކަމަށް އޭނާ ބުންޏެވެ.

ރާއްޖޭގައި މޮޅެތި ހުނަރުވެރި އެތައް ފޮޓޯގްރާފަރުންނެއް އެބަތިއްބެވެ. ނަމަވެސް ބައެއް ފަހަރު އާންމު ފަރާތްތަކަށް މިފަދަ ލަނޑުދޭތީ އެ މީހުންގެ ނަން ކިލަނބުވެ އެވެ.

ފޮޓޯތައް ލިބެން ލަސްވަނީ ކީއްވެ؟

ކޮންމެ މީހަކަށްވެސް އެކި ކަހަލަ އިމާޖެންސީތަކާ ކުރިމަތިލާން ޖެހޭނެ އެވެ. އަދި ކަނޑައެޅިފައިވާ ޑެޑްލައިނަށް މަސައްކަތް ނުނިންމޭނެ ފަހަރުތައްވެސް އައިސްދާނެ އެވެ. އެހެންނަމަވެސް ހަވާލުކޮށްފައިވާ ގިނަ މަސައްކަތްތައް ނިންމަން ގިނަ ދުވަސް ވުމަކީ އިތުރު މައްސަލަތަކެއް ހުރި ކަންތައްތަކެއް އޭގެ ފަހަތުގައި ހުރި ކަމަކަށް ވެދާނެ އެވެ.

ސަން އަށް މައުލޫމާތު ދިން ފޮޓޯގްރާފަރެއް ބުނެފައިވަނީ ޝެޑިއުލް ހުންނަ ގޮތުން ބައެއް ފަހަރު ޑެޑްލައިން ތަކަށް ރީޗް ނުވެވޭ ކަމަށެވެ.

"މިސާލަކަށް އެއްބައި ފަހަރަށް ހުރެދާނެ ހަމަ ޖެހިޖެހިގެން ވަރަށް ބައިވަރު ޝޫޓްތައްވެސް. އޭރުން އެ ހުރިހާ ކަމެއް ކުރަމުން ވަގުތެއް ނުވެދާނެ. އެއީ ލަސްވެދާނެ ސަބަބެއް،" ޒުވާން ފޮޓޯގްރާފަރު ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި ފުލްޓައިމް ފޮޓޯގްރާފަރުންނަކީ ވަރަށް ބޮޑު އެކްސްޕޯޝާއެއް ލިބިފައިވާ އާންމުންނަށް އެނގޭ ފަރާތަކަށް ވުމުން ހަމައެކަނި އެކަމަށް ބަރޯސާ ވެގެން ތިބެވެ އެވެ.

އެހެންނަމަވެސް ބައެއް ފޮޓޯގްރާފަރުންނަކީ އެހެން ވަޒީފާތަކަށް ދާ ފޮޓޯގްރާފަރުން ކަމަށް އޭނާ ފާހަގަކުރި އެވެ. އެހެންކަމުން ޕްރޮޖެކްޓްތައް ޑެޑްލައިން އަށް ނިންމުމުގައި ދަތިތައް ހުންނަ ކަމަށް އޭނާ ބުންޏެވެ.

ހައްލަކީ ކޮބާ؟

އެކި ކަހަލަ މުނާސަބަށް ފޮޓޯތައް ނެގުމަށް ފޮޓޯގްރާފަރެއް ހިޔާރުކުރާއިރު ބައެއް ފަހަރު ކޮންޓްރެކްޓެއް ހެދިފައެއް ނޯވެ އެވެ. އެހާ ހިސާބުން ބައެއް ފަހަރަށް ހާލަތުގެ ނާޖައިޒު ފައިދާ ނެގުމަށް މެދުވެރިވެ އެވެ.

ކޮންޓްރެކްޓުގައި ދެފަރާތުން އެއްބަސްވާގޮތުގެ މަތީން ޑެޑްލައިނެއް ކަނޑައަޅާފައި އޮންނަ ނަމަ ވަގުތަށް މަސައްކަތް ކުރާނެ ގޮތް ސާފުކޮށް ގަނޑުގައި އޮންނާނެ އެވެ. ނަމަވެސް ކޮންޓްރެކްޓެއް ނެތް ނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟

ކޮންޓްރެކްޓަކަށް ވާނީ ހަމައެކަނި ގަނޑުތަކެއްގައި ލިޔެވިގެނެއް ނޫނެވެ. އެހެންނަމަވެސް ދެ މީހެއްގެ ދެމެދުގައި ކުރެވޭ މުއާމަލާތްވެސް ކޮންޓްރެކްޓަށް ވާނެ އެވެ.

ކޮންޓްރެކްޓެއް ނެތް ނަމަވެސް ދެ ފަރާތުގެ ދެމެދުގައި ކުރެވިފައިވާ މުއާމަލާތްތަކާއި ވެފައިވާ އެއްބަސްވުންތައް ސާބިތުކޮށްދެވޭނެ ގޮތެއް އޮތް ނަމަ އެ މައްސަލަ ހިފައިގެން ކޯޓަށް ދެވޭނެ އެވެ. މިއީ ގިނަ ބަޔަކަށް ނޭނގޭ ކަމަކަށް ވެދާނެ އެވެ.

comment ކޮމެންޓް