ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަމާގަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކުރީގެ ޑިރެކްޓަރު ފަތުހުﷲ ޖަމީލް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމެޓީ އިން ފާސްކޮށްފި އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވީ ފަތުހުﷲ ޖަމީލް ގެ ނަމުގެ އިތުރުން ކަސްޓަމްސްގެ އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނާޝިދުގެ ނަންފުޅެވެ.
އެ މަގާމަށް ފަތުހުﷲ އައްޔަނު ކުރާނީ މަޖިލީހުގެ ތަޅުމުން ނަން ފާސްކުރުމަށް ފަހުއެވެ.
ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހަ ބޭފުޅެއްގެ ނަން ރައީސް ވަނީ ފޮނުއްވައިފައެވެ. އެ ބޭފުޅުންނަކީ:
- މުހައްމަދު ސިރާޖު މުނީރު / ދަނޑިމަގު، ނިއުލައިޓް، ޏ. ފުވައްމުލައް
- އަސްމާ ޝަފީއު / ވައިޖެހޭގެ، ހއ. އިހަވަންދޫ
- އިސްމާއިލް ސާޖިދު / މއ. ވިލާރޮދި
- އަހްމަދު ޝަރީފް / އަނބުގަސްދޮށުގެ، ނ. މަނަދޫ
- އަހްމަދު ވާފިރު / ވ. އެލަމް
- ހަމްދީ އަގީލް / ހ. ރަންގަލި 4
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް މީހަކު ހޯދުމަށް މިދިޔަ މަހު އިއުލާނުކުރީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހަކާ އެކު އެވެ. އޭރު އެ މަގާމުގައި ހުންނެވީ ޔަޒީދު މުހައްމަދެވެ. ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވީ ހަސަން ޒަރީރެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް މިފަހުން މަޖިލީހުން ގެނައި ބަދަލުގައިވާ ގޮތުގައި ބިލް ތަސްދީގުކުރާ ތާރީހުން ފެށިގެން، 30 ދުވަހުގެ ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަނާއި އޭނާގެ ޑެޕިއުޓީގެ މަގާމަށް ރައީސް ބޭފުޅުން ހަމަޖައްސަވަން ޖެހެ އެވެ.
އެ މުއްދަތު މިދިޔަ ހޮނިހިރު ދުވަހު ހަމަވެފައި ވާއިރު، މީރާ މިވަގުތު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ.