ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ އަތަށް ފައިސާދޭ ގޮތަށް އުސޫލު ބަދަލުކުރަނީ

ހިލޭ ޑިގްރީއަށް ފެށުން އިފްތިތާހް ކުރުމަށް ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ އަތަށް ފައިސާދޭ ގޮތަށް އުސޫލު ބަދަލުކުރަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

މީގެ ކުރިން ކަނޑައަޅާފައި އޮންނަ އުސޫލުގެ ދަށުން ދަރިވަރުންނަށް ފައިސާ ދޫކުރަނީ އެ ދަރިވަރަކު ކިޔަވާ ރާއްޖޭގެ އިންސްޓްޓިއުޝަނުން ދަރިވަރުގެ ކޯސް ފީގެ ފުރިހަމަ މައުލޫމާތު ހިމެނޭ އިންވޮއިސް މިނިސްޓްރީއަށް ހުށަހެޅުމުންނެވެ.

އިއްޔެ ބޭއްވި ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ކޮލެޖުތަކުން އިންވޮއިސް ފޮނުވުން ލަސްވުމުން ވަރަށް ގިނައިން ފައިސާ ދޫކުރުމުގައި ލަސްވުމުގެ މައްސަލަ ކުރިމަތިވަމުންދާ ކަމަށެވެ. އަދި އިންވޮއިސް ނެތި ފައިސާ ދުކުރުމަކީ މާލިޔައްތު ގަވައިދާ ތައާރަޒުވާކަމެއްކަން ވެސް މިނިސްޓަރު ވަނީ ފާހަގަކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވީ ދަރިވަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހެއްދެވުމަކީ ރައީސް އިބްރާހިމް ސޯލިހްގެ ވައުދެއް ވެސް ކަމަށެވެ.

"އަޅުގަނޑުމެނަށް އެކުއްޖާގެ ލިޔެކިޔުން ލިބުނީމާ އެކުއްޖާ ކިޔަވާ ތާކަށް އެ އިންވޮއިސް ފޮނުވާށެކޭ ކިޔާފައި އަޅުގަނޑުމެންނަށް އަންގާކަށް ނުޖެހޭނެ އަޅުގަނޑުމެން އިންވޮއިސް އަންނަންދެކަށް މަޑުކުރާކަށް ނުޖެހޭނެ. އަޅުގަނޑުމެން އެކުއްޖާ އޭނާގެ އިނީޝިއަލް އެޕްލިކޭޝަން ހުރިހާ ޑޮކިއުމެންޓަކާ އެކު ލީމާ އަޅުގަނޑުމެން ކުއްޖާއަށް ވަގުތުން ފައިސާ ދޭނަން. މުޅި ޕްރޮސެސް ވަރަށް ބޮޑަށް ފެސޭހަވެގެންދާނެ. ކުއްޖާގެ އަތަށް ވަރަށް އަވަހަށް ފައިސާ އަރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ދަރިވަރުންގެ އަތަށް ފައިސާ ދޭއިރު ދޫކުރާނީ ކޮންމެ ސެމިސްޓާއެއްގައި ވެސް އެ ސެމިސްޓާއަކަށް ކަމަށެވެ.

comment ކޮމެންޓް