މޯލްޑިވް ގޭސް އިން ކުޑަކުދިންގެ ހިޔާތަކަށް ހިލޭ ގޭސް

މޯލްޑިވް ގޭސް އިން ކުޑަކުދިން ބަލަހައްޓާ ތަންތަނަށް ގޭސް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކުުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންް ---- ސަން ފޮޓޯ

ވިލިމާލޭގައި ހުންނަ ކުޑަކުދީންގެ ހިޔާ އާއި ހުޅުމާލޭގައި ހުންނަ ފިޔަވަތި އަށް ހިލޭ ގޭސް ފޯރުކޮށްދިނުމަށް މޯލްޑިވް ގޭސް އިން އެއްބަސްވެއްޖެ އެވެ.

މޯލްޑިވް ގޭސް އިން އެގޮތަށް ނިންމާފައިވަނީ އެކުންފުންޏަށް 20 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެންނެވެ.

މޯލްޑިވް ގޭސް އިން ގޭސްފުޅި ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކުޑަކުދީން ބަލަހައްޓާ ތަންތަނާ ހަވާލުވެ ހުރި ޖެންޑާ މިނިސްޓްރީއާއެކުގައެވެ.

އެލައިޑް އިންޝުރެންސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވް ގޭސްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމް އެވެ. އަދި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިނިސްޓަރު ޝިދާތާ ޝަރީފެވެ.

ގޭސްގެ ހިދުމަތުގެ އިތުރުން މޯލްޑިވް ގޭސް އިން ވަނީ 10،000 ރުފިޔާގެ އަގުހުރި ތަކެތިވެސް މިނިސްޓްރީއާ ހަވާލުކޮށްފައެވެ. އެތަކެއްޗަކީ ކުޑަކުދީން ބަލަހައްޓާ ތަންތަނަށް މުހިއްމުވާނެ އެއްޗެހި ކަމަށް މޯލްޑިވް ގޭހުން ބުނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝިދާތާ ޝަރީފް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޖެންޑާ މިނިސްޓަރު ޝިދާތާ ވިދާޅުވީ ކުޑަކުދިން ބަލަހައްޓާ ތަންތަނަކީ ދައުލަތުގެ ފަރާތުން ބޮޑެތި ހަރަދުތަކެއް ކޮށްގެން ބަލަހައްޓާ ތަންތަން ކަމަށެވެ.

އެފަދަ ތަންތައް އެންމެ އެކަށީގެންވާ ގޮތުގައި ހިންގޭނީ ގިނަ ބައެއްގެ އެހީތެރިކަން ލިބިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މޯލްޑިވް ގޭސްގެ ފަރާތުން ލިބިފައިވާ އެހީއަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މޯލްޑިވް ގޭސްގެ ފަރާތުން އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިކްރާމް ވިދާޅުވީ ކުޑަކުދީން ބަލަހައްޓާ ތަންތަނުގެ ހަރަދުތައް ކުޑަކުރުމަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެވެން އޮތް އެހީއެއް ވެދެއްވާނެ ކަމަށް އިކްރާމް ވިދާޅުވިއެވެ.

comment ކޮމެންޓް