ފުށިދިއްގާ ފުލުހުންގެ ބެލުމުގެ ދަށަށް

ފުށި ދިއްގާ: އެ ރަށަށް ގާނޫނާއި ހިލާފަށް ފަތުރުވެރިކަމަށް ބޭނުން ކުރަމުން ދަނިކޮށް ވަނީ ހުއްޓުވާފައި --- ފޮޓޯ: ޓުއަރިޒަމް މިނިސްޓްރީ

ގާނޫނާއި ހިލާފަށް ޓުއަރިސްޓުންނަށް ހިދުމަތް ދެމުން ދިޔަ އދ. ފުށިދިއްގާ ހުސްކޮށް އެ ރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

މީގެ ކުރިން އދ. ރަތްދިއްގާ ކިޔާ މި ރަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިނގި ޚިޔާނާތުގައި، ދެ ނަމެއްގައި ދެ ފަރާތަކަށް އޮތީ ކުއްޔަށް ދޫކޮށްފައެވެ.

އެރަށުގެ ބެލެނިވެރިކަމަށް ދައުވާކުރާ ދެ ފަރާތަކީ އެޗްއެމްއެޗްއައި ކިޔާ ކުންފުންޏަކާއި މޯލްޑިވިއާނާ ކިޔާ ކުންފުންޏެކެވެ. ނަމަވެސް އަމިއްލަ ފަރާތަކުން ދަނީ އެތަނުގައި ޓޫރިސްޓުންނަށް ހިދުމަތްތަކަކާއެކު އެ ރަށް ގަވައިދާ ހިލާފަށް ހިންގަމުންނެވެ. އެ ރަށުން ނަފާ ހޯދަމުން ދަނީ އެ ރަށުގެ ހައްގުވެރިކަމަށް ދައުވާކުރި، އަހްމަދު ހަލީލް ކިޔާ ފަރާތެކެވެ.

ފުށި ދިއްގާ: އެ ރަށަށް ގާނޫނާއި ހިލާފަށް ފަތުރުވެރިކަމަށް ބޭނުން ކުރަމުން ދަނިކޮށް ވަނީ ހުއްޓުވާފައި --- ފޮޓޯ: ޓުއަރިޒަމް މިނިސްޓްރީ

އެ މައްސަލައާ ގުޅިގެން މިރޭ ޓުއަރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ފުލުހުންނާއި ޓުއަރިޒަމް މިނިސްޓްރީން އެ ރަށަށް މިއަދު ގޮސް ބެލިބެލުމުން އެ ރުށުގައި ގާނޫނާއި ހިލާފަށް ޓުއަރިސްޓުންނަށް ހިދުމަތް ދެމުން ގެންދާކަން ފާހަގަވެފައިވާ ކަމަށާއި އެހެން ކަމުން އެ މިނިސްޓްރީން ވަކިގޮތެއް ނިންމަން ދެން ރަށް ބެލެހެއްޓުމަށް ފުލުހުންނަށް ދަންނަވާފައިވާ ކަމަށެވެ. އަދި ފުލުހުން ވަނީ އެ ރަށް ބަލަހައްޓަމުން އަންނަ ކަން ކަށަވަރު ކޮށް ދެއްވާފަ އެވެ.

"އަދި ފުލުހުންގެ ހުއްދަނެތި އެއްވެސް ފަރާތަކުން އެ ރަށަށް އަރައި ފައިބާ ނެހެދުމަށް ވެސް އަޅުގަނޑުމެން އިލްތިމާސް ކުރަން. އަދި އެ ރަށުގައި ތިބި މީހުނާއި ތަކެތި އެ ރަށުން ބޭލުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން. މާދަމާ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން މީހުނާއި ތަން ހުސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭނެ،" އަލީ ވަހީދު ވިދާޅުވި އެވެ.

ފުލުހުންނާއި ޓުއަރިޒަމް މިނިސްޓްރީގެ ޓީމުން އެ ރަށަށް ދިޔަ އިރު އެތަނުގައި ދެ ބިދޭސީން އުޅެމުން ދިޔަ ކަމަށާއި އެ ދެ މީހުންނަކީ ވެސް ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އައި ދެ ބިދޭސީން ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، އެތަނުން އެއް ބިދޭސީއަކީ ފިލައިގެން އުޅޭ ބިދޭސީއެއް ކަމަށް އިމިގްރޭޝަންގެ ރިކޯޑް ތަކުން އެނގޭ ކަމަށެވެ.

comment ކޮމެންޓް