ގައުމީ ޓީމަށް ލަފާ ދޭ ކޮމިޓީގެ ކޮންފަރެންސް: އަލީ ވަހީދު ހުށައެޅީ 23 ކަމެއް

މިނިސްޓަރު އަލީވަހީދު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށާއި، އެފްއޭއެމްގެ އެކްސްކޯއަށް ލަފާ ދިނުމަށް ދާދި ފަހުން އެކުލަވާލި އައު ކޮމިޓީއަށް ޚިޔާލުތައް ހުށައެޅުމާއި، މުސްތަގުބަލުގައި ފުޓުބޯޅައަށް ގެންނަން ޖެހޭ ބަދަލުތަކާ މެދު މަޝްވަރާ ކުރުމަށް ހާއްސަ ކޮންފަރެންސެއް ބާއްވައިފި އެވެ.

މިއަދު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށް ދިޔަ މި ކޮންފަރެންސްގައި ފުޓުބޯޅައިގެ އާއިލާއަށް ނިސްބަތްވާ ގިނަ ބައެއްގެ ޚިޔާލުތައް ވަނީ ހުށައަޅަައިފަ އެވެ. އެގޮތުން ދާދި ފަހުން އެކުލަވާލި ގައުމީޓީމަށް ލަފާ ދޭ ކޮމިޓީގެ ޗެއާމަން އަދި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އާއި އެ ކޮމިޓީގެ އިތުރު ދެ މެންބަރުން ކަމަށްވާ ކުރީގެ އަންހެން ގައުމީ ޓީމުގެ ކެޕްޓަން މިރުފަތް އަހުމަދުއާއި އެފްއޭއެމްގެ ނައިބު ރައީސް އަހްމަދު ޝަކީބް އަދި ފުރަތަމަ ޑިވިޝަން ކުލަބުތަކުގެ އިސްވެރިންނާއި މީޑިއާ ވަނީ އެ ކޮންފަރެންސްގައި ބައިވެރިވެފަ އެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ކައިރި މުސްތަގުބަލުގައި ފުޓުބޯޅައަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ދުރު ރާސްތާ ޕްލޭނެއް އެކުލަވާލުން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އެގޮތުން ކޮންފަރެންސްގެ ބައިވެރިންނާ އެކު މިއަދުގެ ކޮންފަރެންސް ވަނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 3:00 ޖަހަންދެން ކުރިއަށް ގެންގޮސްފަ އެވެ.

އެގޮތުން ކޮންފަރެންސް ފެށުމުގެ ގޮތުން އަލީ ވަހީދު ވަނީ ގައުމީ ޓީމާއި ފުޓުބޯޅަ ކުރިއެރުވުމަށްޓަކައި ކޮންމެހެން ބޭނުންވާނެ 23 ކަމެއްގެ މައްޗަށް ވަރަށް ތަފްސީލުކޮށް އަލިއަޅުވާލައިފަ އެވެ. އަދި ކުރިމަގުގައި ފުޓުބޯޅައަށް ފައިދާވާނެ ގޮތްތަކެއްގެ މައްޗަށް ބައިވެރިންގެ ހިޔާލު ހުރި ގޮތްތަކެއް ވެސް ބައްލަވާފަ އެވެ.

"އަޅުގަނޑުމެންނެއް ނޫން ގައުމީ ސްކޮޑު ކަނޑައަޅާނީ، ގައުމީ ކޯޗް ކަނޑައަޅާނީ، އެހެންނަމަވެސް ގައުމީ ސްކޮޑެއް އެކުލަވާލުމަށްޓަކައި 23 ކަމެއް އަޅުގަނޑުމެންގެ ސިކުނޑީގައި މިއަދުން ފެށިގެން ބިންވަޅު ނަގަން އަޅުގަނޑުމެން ބޭނުންވޭ،" އަލީ ވަހީދު ވިދާޅުވި އެވެ.

ގައުމީ ޓީމުގެ ހާލަތު ރަނގަޅު ކުރުމަށް ބޭނުންވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި 23 ކަންތައް:

1. ކުޅުންތެރިން: މިއީ ވަކި ވަކި ކޮންމެ ކުޅުންތެރިއެކެވެ. ގައުމީ ޓީމު ރަނގަޅު ހާލަތަކަށް ގެންދިއުމަށްޓަކައި ވަކި ވަކި ކޮންމެ ކުޅުންތެރިއެއްގެ ބޭނުން ވަރަށް މުހިއްމު ވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

2. ވިސްނުން: ކުޅުންތެރިންގެ މެންޓާލިޓީ އަކީ ކުޅުމަށް އެންމެ ބޮޑު އަސަރެއް ކުރާނެ އެކައްޗެވެ. ކުޅެމުންދާއިރު ނަގަން ޖެހޭ ޑިސަޝަންތަކާއި ކުޅުމަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަތުމަށް ކުޅުންތެރިންގެ މެންޓާލިޓީ ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަން ފުޓުބޯޅައިގެ ބައެއް އިސްފަރާތްތަކުން ވަނީ ފާހަގަ ކޮށްފަ އެވެ.

3. އާއިލާ: ކުޅުންތެރިންގެ އާއިލާ އަކީ ވެސް ޓީމު ބިނާ ކުރުމުގައި މުހިއްމު ބައެކެވެ. ކުޅުންތެރިން ކުޅުމަށް މޯޓިވޭޓް ކުރުމާއި އެ ކުޅުންތެރިންނަށް އާއިލާއިން ދޭން ޖެހޭ ސަޕޯޓް ދިނުމަކީ އެކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބޭނެ ކަމެކެވެ.

4. ސްޕޮންސަރުން: ފަހަކަށް އައިސް ކުލަބުތަކަށް ދޭ ސްޕޮންސަރުން ވަނީ މަދު ވެފަ އެވެ. ނަތީޖާއެއްގެ ގޮތުން ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދެވި ކުލަބުތައް އަންނަނީ ބޮޑެތި އަދަދުތަކުން ދަރަމުންނެވެ.

5. އެފޯރޓް: މިއީ ކުޅުންތެރިންނާއި، ކޯޗުން އަދި މިކަމުގައި ޝާމިލްވާ ހުރިހާއެއްމެންގެ ޒިންމާ އެކެވެ. ކުޅުމުގައްޔާއި ކުޅުމުން ބޭރުގައި ވެސް ޓީމު ކުރިއެރުވުމަށް ލާން ޖެހޭ ހުރިހާ އެފޯރްޓެއް ލުމުން ނޫނީ ގައުމީ ޓީމު ކުރިއެއް ނާރާނެ ކަން ޔަގީނެވެ.

6. ރައްޓެހިން: ރައްޓެހިންނަކީ ކުޅުންތެރިންގެ ދިރިއުޅުމާ ގުޅިފައިވާ އެންމެ ބޮޑު އެއްބައެވެ. ކުޅުންތެރިޔާ އެކުގައި އުޅޭ ރަހުމަތްތެރިންނަކީ ކުޅުންތެރިޔާގެ މޯޓިވޭޝަން ރަނގަޅުކޮށްދީ ހިތްވަރު ދޭ ބަޔަކަށް ވާންޖެހޭނެ އެވެ.

7. އެފްއޭއެމް: އެފްއޭއެމް އަކީ ދިވެހި ރާއްޖޭގެ ފުޓުބޯޅައިގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނެ ފުޓުބޯޅައިގެ "ބައްޕަ" އެވެ. އެ އިދާރާ އަކީ ގައުމީ ޓީމެއް ބިނާ ކުރުމުގައި އެންމެ އިސް ފަރާތެވެ. އެހެން ކަމުން އެފްއޭއެމްގެ ހިންގުން އަދިވެސް އިތުރަށް ހަރުދަނާކޮށް ގައުމީ ޓީމު ވަރުގަދަ ކުރުމުގައި އެއްވެސް ހުއްޓުމެއް ނެތި މަސައްކަތް ކުރަން ޖެހެއެވެ.

8. އެޓިޓިއުޑް: މިއީ ވެސް ފުޓުބޯޅައިގައި ވަރަށް މުހިއްމު ކަމެކެވެ. ކޮންމެ މީހަކީ ވެސް ތަފާތު މިޒާޖެއްގެ މީހެކެވެ. އެކަން އެންމެން ވެސް ދަންނަން ޖެހެ އެވެ. އަދި އިހުތިރާމު ވެސް ކުރަން ޖެހެއެވެ. އެހެން ނޫނީ ޓީމުގެ އެއްބައިވަންތަކަމެއް ނުފެންނާނެ އެވެ.

9. ކުލަބްތައް: ކުލަބުތަކަކީ ގައުމީ ޓީމެއް އެކުލަވާލުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރާނެ އެއްބައެވެ. ކުޅުންތެރިން ގައުމީ ޓީމަށް ނެގުމުގައި އެންމެ އިސްކަމެއް ދެނީ ކުލަބުގައި ދައްކާ ޕަފޯމެންސަށް ކަމަށްވާ އިރު ކުލަބުތަކުން ކުޅުންތެރިންނަށް ދޭން ޖެހޭ އެއްބާރުލުމާއި ކުޅުންތެރިން އުފެއްދުމަކީ ވަރަށް ބޮޑު ޒިންމާ އެކެވެ.

10. ކުޅިވަރު މިނިސްޓްރީ: ޔޫތް އެންޑް ސްޕޯޓްސް މިނިސްޓްރީ އަކީ ފުޓުބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމުގައި އެންމެ އިސްދައުރެއް އަދާ ކުރަން ޖެހޭނެ އެއް ބައެވެ. އެ މިނިސްޓްރީ އަކީ ފުޓުބޯޅައަށް މިއަދު ދިމާވެފައި އޮތް ހާލަތުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ބަޔަކަށްވާ އިރު ގައުމީ ޓީމެއް ބިނާ ކުރުމުގެ ފެށުން އަންނަނީ މިނިސްޓްރީއާ ހިސާބުން ކަމަށް ބުނެވިދާނެ އެވެ.

11. އޯނަރުން: ކުލަބުތަކުގެ އޯނަރުންނަކީ ވެސް މިކަމުގައި ވަރަށް މުހިއްމު ބައެކެވެ. ކުޅުންތެރިން ރަނގަޅު ފެންވަރެއްގެ ޕްރެކްޓިސް ދިނުމާއި މައްސަލަ ނުޖެހި މުސާރަ ދެވޭނީ އޯނަރުންގެ ޒިންމާ މިހާރަށް ވުރެން ބޮޑު ކޮށްގެންނެވެ.

12. ތައުލީމް: ފުޓުބޯޅައަކީ ވަކި އުމުރަކަށް އޮންނަ ކަމެއް ނޫނެވެ. އެއީ އެންމެ ތުއްތު އިރުން ފެށިގެން، ސުކޫލާއި ހަމައިން ވެސް ބޮޑު ދައުރެއް އަދާ ކުރާ އެއްޗަކަށް ވާއިރު ތައުލީމީ ނިޒާމުގެ ތެރެއިން އެކަމަށް ދޭން ޖެހޭ އެއްބާރުލުން މިނިސްޓްރީއާއި ސުކޫލު ތަކުން ދިނުމަކީ މުސްތަގުބަލުގައި ފުޓުބޯޅައިގެ ރަނގަޅު ޖީލެއް ބިނާވެގެން ދާނެ ކަމެކެވެ.

13. ޕްރެކްޓިސް: ޕްރެކްޓިހަކީ ކުޅުންތެރިއަކު މެޗެއްގައި ދައްކާނެ ކުޅުމަށް އެންމެ މުހިއްމު ކަމެވެ. ރަނގަޅަށް ޕްރެކްޓިސް ނުކުރެވިއްޖެ ނަމަ މެޗުގައި އެތަން ދައްކާނެ އެވެ. އެހެން ކަމުން ކުޅުންތެރިން ވެސް ޓީމުގެ ޕްރެކްޓިސްތަކަށް ފަރުވާ ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ.

14. ކޯޗުން: ކޯޗުންނަކީ ޓީމެއް ޓީމަކަށް ހަދައިދޭ ފަރާތެވެ. އަދި ކުޅުންތެރިއަކު ކުޅުންތެރިއަކަށް ވެސް ހަދަނީ ކޯޗުންނެވެ. އެހެން ކަމުން ކޯޗުންނަކީ ގައުމީ ޓީމެއް ހޯދާނެ ހުރިހާ ކާމިޔާބުގެ މައި ތަނބު ކަމުގައި ބުނެވިދާނެ އެވެ.

15. ޖިމް: ޒަމާނުއްސުރެން ރާއްޖޭގައި ދެކެވޭ އެއްވާހަކަ އަކީ ކުޅުންތެރިންގެ ގައިގައި ހުންނަން ޖެހޭ ވަރު ނުހުންނަ ވާހަކަ އެވެ. އެހެން ކަމުން ބޮޑެތި ގައުމުތަކާ ކުޅޭ އިރު އެކަމުގެ ގެއްލުން ވަރަށް ބޮޑަށް ފެނެއެވެ. އެހެން ކަމުން ރަނގަޅު ފެންވަރުގެ ޖިމްތައް އޮޕަރޭޓް ކުރުމަކީ ކުޅުންތެރިންގެ ފިސިކަލިޓީ ރަނގަޅު ކުރުމަށް ވަރަށް ބޭނުންތެރި ކަމެކެވެ.

16. ތިމާ: ދިވެހި ކޮންމެ ފަރުދަކީ ވެސް ކޮންމެސް ގޮތަކުން ގައުމީ ޓީމަށް އެހީވެދެވޭނެ މީހެކެވެ. ސަޕޯޓް ކޮށްގެންނާއި ކުޅުންތެރިންނަށް ހިތްވަރުދީ މީހުންގެ ތެރޭގައި ޕޮސިޓިވް ވާހަކަ ދެއްކުމަކީ ޓީމާ ދޭތެރޭ ގިނަ މީހުން ދެކޭ ގޮތް ބަދަލު ކުރެވޭނެ ކަމެކެވެ. އެހެން ކަމުން ތިމާ އަކީ ވެސް ޓީމަށް ކޮންމެވެސް ހިދުމަތެއް ކޮށްދެވޭނެ މީހަކު ކަމުގައި ހުރިހާ ދިވެހީން ވެސް ދެކެން ޖެހެ އެވެ.

17. އަގީދާ: އަގީދާ ބަލިކަށި ވެއްޖެ ނަމަ ހުރިހާ ކަމަކުން ވެސް ލިބޭނީ ނާކާމީޔާބީ އެވެ. އެއީ މުސްލިމަކަށްވީތީ ކޮންމެހެން ވެސް އަހަރަމެންގެ ގައިގައި ހުރުން ލާޒިމު ކަމެކެވެ.

18. މީޑިއާ: "ރައްޔިތުންނަށް ފެންނާނީ މީޑިއާ ދެއްކި އެއްޗެއް" އަލީ ވަހީދު ވިދާޅުވި އެވެ. ތެދެކެވެ. މީޑިއާ އަކީ ރައްޔިތުންނާއި ގައުމީ ޓީމާއި ގުޅުވައިދޭ ވަސީލަތެވެ. މީޑިއާއަށް އެކަން ރަނގަޅު ގޮތެއްގައި ނުކުރެވޭ ނަމަ ރައްޔިތުންނާއި ގައުމީ ޓީމާއި ދެމެދު އޮންނަ ގުޅުން ހީނަރުވެ އެވެ.

19. ގައުމު: ގައުމީ ޓީމު ރަން މެޑަލް ހޯދައިގެން އަންނަ ވަގުތު މުޅި ގައުމު ޓީމުގެ ފަހަތުގައި އޮންނަ ފަދައިން ނަތީޖާ ނުނެރެވޭ ވަގުތު ވެސް ޓީމާ އެކު ވާން ޖެހެ އެވެ.

20. އޮފިޝަލުން (ރެފްރީ، މެޑިކަލް، ސަޕޯޓް ސްޓާފް): މިއީ ކުޅުންތެރިންގެ ހުރިހާ ކަމެއް ބެލުމުގައި ވަރަށް މުހިއްމު ދައުރެއް އަދާ ކުރާ ބައެކެވެ. ޕްރެކްޓިހުން ފަށައިގެން މެޗަށް ގޮސް މެޗު ނިންމުމާ ހަމައަށް ކުޅުންތެރިންގެ އެންމެ ގާތުން މަސައްކަތް ކުރާނީ އޮފިޝަލުންނެވެ.

21. ސަޕޯޓަރުން: ޓީމުގައި ހިމެނޭ 12 ވަނަ ކުޅުންތެރިއާ އަކީ ސަޕޯޓަރުން ކަމީ އެންމެން ވެސް ގަބޫލު ކުރާނެ ހަގީގަތެވެ. ސަޕޯޓަރުންގެ ސަޕޯޓަކީ ކުޅުންތެރިޔާގެ ހިތްވަރެވެ. ޖޯޝާ ފޯރީގައި ސަޕޯޓް ދޭ އަޑު އިވުމުން ކުޅުންތެރިންނަށް މޮޅު ހޯދަން ފަސޭހަވާނެ އެވެ.

22. ޓީމް ވޯކް: ޓީމް ވޯކަކީ އެއާ ނުލައި ފުޓުބޯޅަ މެޗެއް ކާމިޔާބު ނުކުރެވޭނެ އެއްޗެކެވެ. ހުރިހާ ކަމެއްގައި ވެސް އެއްބައިވަންތަ ބައެއްގެ ގޮތުގައި ތިބެފި ނަމަ ކާމިޔާބު ލިބޭނެ އެވެ. ކުޅުންތެރިންނާ، ކޯޗުން އަދި ސަޕޯޓަރުންނަކީ ވެސް އެއްބައެކެވެ. އެންމެން އެކުވެގެން ނަތީޖާ ނެރުމަށް މަސައްކަތް ކޮށްފި ނަމަ ކޮންމެސް ދުވަހަކުން އޭގެ ފައިދާ ފެންނާނެ އެވެ.

23. މާހައުލު: ކުޅުންތެރިން އުޅޭ މާހައުލަކީ ވެސް ސްޓްރެސް ފުރީ ތަންތަނަށް ހެދުމަކީ އެކަމުގެ ސަބަބުން ކުޅުމަށް ބޮޑެތި އަސަރު ކުރާނެ ކަމެކެވެ.

މަތީގައި އެވާ 23 ކަމަކީ މިއަދު އަދި މާދަމާ ބޮޑެތި ބަދަލުތަކެއް ނުގެނެވިދާނެ ކަންތައްތަކެއްކަން ފާހަގަ ކުރައްވަމުން އަލީ ވަހީދު ވިދާޅުވީ ފުރަތަމައިން ވިސްނާނީ ޝޯޓް ޓާމް ޕްލޭނަކަށެވެ. އެ ޕްލޭނަކީ ކުރިއަށް އޮތް ދެ މެޗު ކަމަށްވާ ފިލިޕީންސްއާއި ގުއާމް މެޗު ކާމިޔާބު ކުރުމަށް ހުރި ޕްލޭންތަކެއް ކަމަށެވެ. އަދި ދުރު ރާސްތާ ޕްލޭން އެކުލަވާލާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ކުރިން ކަމަށެވެ.

comment ކޮމެންޓް