ޕާޓީގެ ނައިބުކަން ލިބޭނެ ކަމާމެދު އަސްލަމްގެ އުންމީދު ބޮޑު!

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް: އެމްޑީޕީގެ ނައިބު ރައީސްކަމަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި --- ސަން ފައިލް ފޮޓޯ

ކުރިއަށް އޮތް އެމްޑީޕީގެ އިންތިހާބުގައި، ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނު ކުރައްވާފައިވާ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް ބަލިކޮށް، އެ މަގާމަށް ހޮވޭނެކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހާރު ވަނީ ޕާޓީގެ ނައިބު ރައީސްކަމަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވައިފައެވެ. އަސްލަމް މިރޭ "ސަން" އަށް ވިދާޅުވީ މާދަމާ ފޯމު ހުށަހެޅުމަށްފަހު ކެމްޕޭނުގެ ހަރަކާތްތައް ފައްޓަވާނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލެއްވީ، ސިޔާސީ ދާއިރާގައި ލިބިފައިވާ ތަޖުރިބާގެ އަލީގައި އެމްޑީޕީ އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދަން ބޭނުންވާތީ ކަމަށެވެ.

އަދި އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް އުންމީދާ އެކީ ކުރިމަތިލާން ނިންމީ. މިއީ އެތެރޭގެ އިންތިހާބެއް. އަޅުގަނޑު އުންމީދު ކުރަން ޕާޓީ ތެރެއިން އަޅުގަނޑަށް ތާއީދު ލިބޭނެކަމަށް. ވަރަށް އުންމީދު އެބަ އޮތް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމްގެ އިތުރުން އެމްޑީޕީގެ ނައިބު ރައީސްކަމަށް ދެން ކުރިމަތިލައްވަނީ ޝިފާޒްއެވެ. ޝިފާޒް އެކަން އިއުލާނު ކުރެއްވުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީ ޕީޖީގެ ޑެޕިއުޓީ ލީޑަރު އިމްތިޔާޒް ފަހުމީ ވެސް ވަނީ ޝިފާޒް އަށް ތާއީދުކުރާކަން ހާމަކުރައްވައިފައެވެ.

އަސްލަމް ވިދާޅުވީ އިންތިހާބެއް ވިއްޔާ ވާދަވެރިކަމެއް އޮންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް ބައެއް ފަހަރު، އެ ވާދަވެރިކަމުގެ ތެރެއިން އެކަކު އަނެކެއްގެ އަބުރު ކަތިލާ، ފިތުނަ އުފެދޭ ކަހަލަ ކަންކަން ވެސް ބައެއް ފަރާތްތަކުން ކުރާކަން އަސްލަމް ވަނީ ފާހަގަ ކުރައްވައިފައެވެ.

އަދި ބައެއް ފަހަރު އެހެން ޕާޓީތަކުން ވެސް، އެފަދަ އަމަލުތައް ހިންގާފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ ވާދަވެރި އިންތިހާބެއްގައި ކެމްޕޭނު ކުރުން އޮންނަން ވަނީ އެކަކު އަނެކަކަށް އޮންނަ އިހްތިރާމް ނުގެއްލޭ ގޮތަށް ކަމަށެވެ.

comment ކޮމެންޓް