އެއް ރަށެއް، ދެ ނަމެއް، ބޮޑު އޮޅުވާލުމެއް!

އދ. ފުށިދިއްގާ: އެ ރަށުގައި ޓޫރިޒަމް ހިންގައި ނާޖާއިޒް ފައިދާ އަދިވެސް ނަގަމުން އެބަދޭ --

އދ. ރަތްދިއްގާއަކީ މީގެ އަހަރުތަކެއް ކުރިން ވަރުވާއަށް ދޫކޮށްފައި އޮތް ރަށެކެވެ. އެފަހުން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެ ރަށް ޓޫރިޒަމަށް ދޫކުރަން ނިންމައި، ބަޔަކަށް ދޫވެސް ކުރިއެވެ. ނަމަވެސް މަސައްކަތެއް ނުފެށުނެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ ރަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް، އޮޅުވާލައިގެން ދެ ނަމެއްގައި ދެ ކުންފުންޏަކަށް ވިއްކާލިއެވެ. މިހާރު އެ ރަށަށް ދެ ނަމެއް ކިޔާ އިރު، އެ ރަށް ހޯދުމަށް ތިން ފަރާތަކުން ދަނީ ކޯޅެމުންނެވެ.

އެއް ރަށެއް ދެ ބަޔަކަށް ވިއްކާލި!

އެންމެ ފުރަތަމަ، ރަތްދިއްގާ ވަރުވާއަށް ދޫކޮށްފައި އޮތީ އަހުމަދު ހަލީލް ނަމަކަށް ކިޔާ މީހަކަށެވެ. އެ ރަށް ފަހުން ޓޫރިޒަމަށް ދޫކުރަން ނިންމައި ސަރުކާރުން އެކަމަށް ހުޅުވާލުމުން، ހަލީލް ވަނީ އެކަމަށް ކުރިމަތިލައި އެ ރަށް ޓޫރިޒަމަށް ތަރައްގީ ކުރަން ހޯދައިފައެވެ. އެއީ ރައީސް ނަޝީދުގެ ސަރުކާރުގައެވެ.

އެކަމަކު، ސަރުކާރުން ހަލީލާއެކު އެ ރަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ނުވެއެވެ. ސޮއިކުރުމުގެ ކުރިން ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވީއެވެ. އެހެންކަމުން، އެއްބަސްވުމުގައި ސޮއިކޮށް، އެއާ އެއްގޮތަށް އަމަލު ކުރުމަށް އަމުރެއް ކުރުމަށް އެދި ހަލީލު އެ މައްސަލަ ސިވިލް ކޯޓަށް ލިއެވެ. އަދި އޭނާ އެ މައްސަލަ ކާމިޔާބުވެސް ކުރިއެވެ. އެއީ 14 ސެޕްޓެމްބަރު 2015ގައެވެ.

އދ. ފުށިދިއްގާ: އެ ރަށުގައި ޓޫރިޒަމް ހިންގައި ނާޖާއިޒް ފައިދާ އަދިވެސް ނަގަމުން އެބަދޭ --

އެ މައްސަލަ ސިވިލް ކޯޓުގައި ހިނގަހިނގައި އޮއްވާ، ރައީސް ޔާމީންގެ ސަރުކާރުގައި ދެ ނަމެއްގައި އެ ރަށް ދެ ކުންފުންޏަކަށް ވިއްކާލިއެވެ. ރަށް ފުރަތަމަ ވިއްކާލީ 20 އޮކްޓޯބަރު، 2014 ގައި އދ. މަހިބަދޫގެ އެޗްއެމްއެޗްއައި ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ. އެ އަހަރު އެ ރަށް ވިއްކާލީ "ފުށިދިއްގާ"ގެ ނަމުގައި ތިން މިލިއަން ޑޮލަރު ދެއްކުމަށް ޝުރުތުކޮށެވެ. އެކަމަކު، އެ ކުންފުނިން އެމްއެމްޕީއާރްސީއަށް ދެއްކީ އެއް މިލިއަން ޑޮލަރެވެ.

އޭގެ ފަހުން އަނެއްކާވެސް 19 މެއި 2015 ގައި ހަމަ އެ ރަށް، މޯލްޑިވިއާނާ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ދޫކުރިއެވެ. މިފަހަރު އެ ރަށް ދޫކުރީ "ރަތްދިއްގާ"ގެ ނަމުގައެވެ. މޯލްޑިވިއާނާއަށް ރަށް ދޫކުރީ 2.1 މިލިއަން ޑޮލަރު ދެއްކުމަށް ޝަރުތުކޮށެވެ. އެ ކުންފުނިން ވަނީ އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އެމްއެމްޕީއާރްސީއަށް ހަ ލައްކަ ޑޮލަރު ދައްކައިފައެވެ.

އޭސީސީއިން ހިންގި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގަށް ބަޔާން ދެމުން ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ، ފުށިދިއްގާއާއި ރަތްދިއްގާ ނިސްބަތްކުރަނީ އެއް ރަށަކަށް ކަމެއް ނޭނގޭ ކަމަށެވެ. އެކަމަކު، އެ ރަށް މޯލްޑިވިއާނާއަށް ދޫކުރީ، އދ. އިންނަފުށި މޯލްޑިވިއާނާއަށް ދޫކުރަން ނިންމާފައި ވަނިކޮށް، އެ ރަށް ސީގަލްއަށް ދިނުމުން، އެކަމާ ހިތްހަމަނުޖެހިގެން މޯލްޑިވިއާނާއިން އެ މައްސަލަ އޭރުގެ ރައީސް އަބްދުﷲ ޔާމީން ގާތުގައި ޖެއްސުމުން، އިންނަފުށީގެ ބަދަލުގައި ރަތްދިއްގާ މޯލްޑިވިއާނާއަށް ދިނުމަށް ރައީސް ޔާމީން އެންގެވުމުން ކަމަށް އަދީބު ވިދާޅުވިއެވެ. ހަތެއް ފެބްރުއަރީ 2017 ގައި ރައީސް ޔާމީން އޭސީސީއަށް ދެއްވި ބަޔާނުގައި އެމަނިކުފާނު އެކަން ދޮގުކުރެއްވިއެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާ އެކު-- ސަން ފޮޓޯ/ އަލީ ނަސީރު

އޭސީސީގެ ތަހުގީގަށް އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ދިން ބަޔާނުގައި ވިދާޅުވީ، ފުށިދިއްގާ އެހެން ފަރާތަކަށް ދޫކޮށްފައި ވަނިކޮށް އެހެން ނަމެއްގައި ދެވަނަ ފަހަރަށް ވިއްކާލީ ކުރީގެ ނައިބު ރައީސް އަދި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ބޭނުންފުޅުވެގެން ކަމަށެވެ. އަދި ދެވަނަ ފަހަރަށް ރަށް ވިއްކާލީ ފުރަތަމަ ވިއްކާލި އެޗްއެމްއެޗްއައި ކުންފުނިން، އެއްބަސްވި ތާރީހުތަކާ އެއްގޮތަށް ފައިސާ ނުދައްކާތީހެން ހީވާ ކަމަށެވެ.

"ބޮޑު އޮޅުވާލުމެއް"

ފުށިދިއްގާއަކީ ރަތްދިއްގާއަށް މީގެ ކުރީންވެސް ކިޔައި އުޅޭ ނަމެކެވެ. ރާއްޖޭގެ ޗާޓުތަކުގައިވެސް އެއީ ދެ ނަން ކިޔާ ރަށެއްގެ ގޮތުގައި ޖަހާފައި އޮވެއެވެ. އެކަމަކު، ރަސްމީ ލިޔެކިޔުންތަކުގައި އެ ރަށަށް ކިޔައި އުޅެނީ ރަތްދިއްގާއެވެ.

އދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހްމަދު ރަޝީދު ވިދާޅުވި ގޮތުގައި، މިހާރު ބައެއް ރަސްމީ ލިޔެކިތުންތަކުގައި ރަތްދިއްގާއަށް ފުށިދިއްގާއޭ ކިޔައި އުޅެއެވެ. އޭނާ ވިދާޅުވީ، އިދާރީ ގޮތުން ރަތްދިއްގާއަށް ދެ ނަމެއް ކިޔުމުން މިހާރު ވަރަށް ބޮޑު އޮޅުން ބޮޅުމެއް އުފެދިފައިވާ ކަމަށެވެ.

"އަސްލު މިއީ އެންމެ ރަށެއް. އެއީ ރަތްދިއްގާ. އެކަމަކު ފަހުން މި ޖެހުނު މައްސަލަގަނޑެއްގެ ސަބަބުން ދެ ރަށަށް ވެގެން ދިޔައީ. މިހާރު ސަރުކާރު ލިޔެކިޔުންތަކުގަ ވެސް ޑޮކިއުމެންޓް ކޮށްފަ އޮންނަނީ ދެ ރަށެއްގެ ގޮތުގައި. އެކަމު އަސްލު އޮންނާނީ އެންމެ ރަށެއް. ފުށިދިއްގާ ކިޔާ ރަށެއް ނެތް." ރަޝީދު ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް އެނގޭނެ ދެއްތޯ މި އަތޮޅުގައި ހުންނަ ރަށްތަކާއި ތިލައާއި ފަޅާއި ހުރިހާ އެއްޗެއް،"

އދ. ފުށިދިއްގާ: އެ ރަށުގައި ޓޫރިޒަމް ހިންގައި ނާޖާއިޒް ފައިދާ އަދިވެސް ނަގަމުން އެބަދޭ --

އޭނާ ވިދާޅުވީ، ދެ ނަމެއްގައި އެއް ރަށެއް ވިއްކާލީ ގިނައިން ފައިސާ ހޯދަންކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އެއީ ސީދާ އޮޅުވާލުމެއް ކަމަށް ވިދާޅުވިއެވެ. އެކަން އެނގެނީ އެ މައްސަލައިގައި 2017 އިން ފެށިގެން މިނިސްޓަރު ފެންވަރުގެ މީހުންނާ ބައްދަލުކުރަން އުޅުމުންވެސް އެކަން ނާކާމިޔާބުވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މައްސަލަ ކޯޓުގައި އޮތް އިރު ރަށުން ނާޖާއިޒު ނަފާ

ފުށިދިއްގާ (ރަތްދިއްގާ) އެއްބަސްވުމުގައި ސޮއިކުރުމަށް ސަރުކާރުގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އެ ހުކުމް އެޓާނީ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އަދި އެ އިސްތިއުނާފު މައްސަލައިގެ ތެރެއަށް އެޗްއެމްއެޗްއައި ޕްރައިވެޓް ލިމިޓެޑުން ތަދައްހުލުވިއެވެ.

ހައިކޯޓުން ކުރި ހުކުމުގައި ފާހަގަކޮށްފައި ވަނީ ސަރުކާރުން އެ އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާކަމާއި، އަދި ފަހުން އެއްބަސްވުމުގައި ސޮއިކުރަން ދެކޮޅު ހަދާފައިވާ ކަމެވެ. އެފަދަ ހާލެއްގައި ސޮއިކުރަން މަޖުބޫރު ނުކުރެވޭނެކަމާއި، އެ ރަށް އޭރު އޮތީ އެޗްއެމްއެޗްއައިއަށް ދޫކޮށްފައިކަން ފާހަގަކޮށް، ހައިކޯޓުން ހުކުމް ކުރީ ހަލީލްއާ ދެކޮޅަށެވެ. އެ ހުކުމް ކުރީ 22 އޭޕްރިލް 2018ގައެވެ.

ހަލީލްގެ ފަރާތުން 27 ޖޫން 2018ގައި އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފަށް ހުށަހެޅުމުން، 20 ސެޕްޓެމްބަރު 2018ގައި އެ ކޯޓުން ވަނީ އިސްތިއުނާފު ބަލައިނުގަންނަން ނިންމައިފައެވެ. އަދި މި ސަރުކާރު އައި ފަހުން އަނެއްކާވެސް، މި މަހުގެ ހަތަރުވަނަ ދުވަހު އޭނާ ވަނީ ސުޕްރީމް ކޯޓަށް ސިޓީލައިފައެވެ. އެ ސިޓީގެ ޖަވާބުގައި އެ ކޯޓުން ބުނެފައި ވަނީ އެ މައްސަަލަ ނުބަލަން މީގެ ކުރިން އެ ކޯޓުން ނިންމާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ފުށިދިއްގާ (ރަތްދިއްގާ)ގެ މައްސަލައިގައި މިހާރު ދެބަސްވުން އުފެދިފައި ވަނީ އެޗްއެމްއެޗްއައިއާއި މޯލްޑިވިއާނާއާ ދެމެދު އެކަންޏެވެ. އެތަނުން ހައްގުވެރިފަރާތަކީ ކޮބައިތޯ ވަނީ ސުވާލު އުފެދިފައެވެ.

އެ މައްސަލަ ހަލީލާ ދެކޮޅަށް ނިމިފައި އޮތަސް އޭނާ އަދިވެސް ގޮތެއް ދޫނުކުރެއެވެ. އޭނާ ބުނަމުން ދަނީ ރަތްދިއްގާއަކީ އޭނާގެ ތަނެއް ކަމަށެވެ. އަދި އެ ރަށުގައި އޭނާ ގެންދަނީ ޓޫރިޒަމް އޮޕަރޭޝަނެއް ހިންގައި ނަފާ ހޯދަމުންނެވެ.

އދ. ފުށިދިއްގާ: އެ ރަށުގައި ޓޫރިޒަމް ހިންގައި ނާޖާއިޒް ފައިދާ އަދިވެސް ނަގަމުން އެބަދޭ --

އދ. އަތޮޅުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ރަތްދިއްގާގައި ޓޫރިސްޓުންނަށް ހިދުމަތްދޭ ވަސީލަތްތައް ވަނީ ގާއިމުކޮށްފައެވެ. ރަށަށް އަރަން ޓޫރިސްޓުން އަތުން ޑޮލަރު ނަގައެވެ. ޓޫރިސްޓުންނަށް ބާބެކިއުއާއި ޕިކްނިކް ހެދޭނެ ގޮތާއި، އޯވަނައިޓުކޮށް މަޑުކުރެވޭނެ އިންތިޒާމު ރަށުގައި ގާއިމުކޮށްފައި ހުރެއެވެ. އަދި އެތަނުގައި ހިދުމަތްދޭން ބިދޭސީންތަކެއްވެސް ބަހައްޓާފައި ހުރެއެވެ.

އދ. އަތޮޅު ކައުންސިލުން ވިދާޅުވި ގޮތުގައި އެ ރަށަށް އެރުމުގެ ފުރުސަތުވެސް އެ ރަށުގައި ތިބޭ ބިދޭސީން ނުދެއެވެ. އަދި އެތަނުގައި އޮޕަރޭޝަން ހިންގައި ނާޖާއިޒު ފައިދާ ހޯދުން ހުއްޓުވައި، ރަށް އަތޮޅު ކައުންސިލާ ހަވާލުކުރަން އެންގުމަށް ޓޫރިޒަމް މިނިސްޓްރީގައި އެދުމުންވެސް، އެ މިނިސްޓްރީއިން އެކަން އަދިވެސް ކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޓޫރިޒަމް މިނިސްޓްރީގައިވެސް އެދުނިން، އެތަނުގައި ހިންގާ އޮޕަރޭޝަން މިހާރުން މިހާރަށް ހުއްޓުވާފައި ގޮތެއް ނިމެންދެން ވަކި ބަޔަނަށް އޭގެ މަންފާ ނެގިޔަ ނުދޭށޭ. ސަރުކާރުގެ ތަނެއް ވެއްޖެއްޔާ ސަރުކާރުގެ ބެލުމުގެ ދަށުގައި، އަތޮޅު ކައުންސިލުގެ ބެލުމުގެ ދަށުގައި އެތަން ބާއްވަން ޖެހޭނެއޭ. އެހެން ބުނިން އެކަމަކު އަދިވެސް އޭގެ އަަމަލީ ސިފައެއް ނާދޭ،" އދ. އަތޮޅު ކައުންސިލުގެ ނައިބު ރައީސް އަހްމަދު ރަޝީދު ވިދާޅުވިއެވެ.

އެއް ރަށެއް ދެ ނަމެއްގައި ދެ ފަރާތަކަށް ވިއްކާލުމަކީ ސަރުކާރަކުން ކޮށްގެން ނުވާނެ ވަރުގެ ކަމެކެވެ. ޓޫރިޒަމްގެ ހިދުމަތް ދޭން ސަރުކާރުން ހުއްދަ ނުދެނީސް ފަޅު ރަށެއް އަމިއްލަ ތަނަކަށް ހަދައި، ހިދުމަތް ދިނުމަކީވެސް ބޮޑު މައްސަލައެކެވެ. މިއަދުގެ ސަރުކާރުން މި ރަށާ ގުޅޭ މައްސަލަތަކާ ގުޅިގެން އެއްޗެއް މިހާތަނަށް ނުބުނެއެވެ.

comment ކޮމެންޓް