ކަނޑިންމަ ރިސޯޓުގެ ޕޫލަކަށް ވެއްޓުނު ވެލައެއް ސަލާމަތްކޮށްފި

ދ. ކަނޑިންމައިގައި ހިންގާ ކަނޑިންމަ މޯލްޑިވްސް ރިސޯޓުގެ ޕޫލަކަށް ވެއްޓުނު ވެލައެއް ސަލާމަތްކޮށްފިއެވެ.

ކަނޑިންމަ މޯލްޑިވްސްއިން ބުނި ގޮތުގައި، އެ ރަށުގެ ގޮނޑުދޮށަށް އަރައި އުޅުނު ވެލައެއް ރިސޯޓުގެ ބީޗު ވިލާއެއްގެ ސްވިމިންގް ޕޫލަށް ވެއްޓުނީ ކަމަށެވެ.

ރިސޯޓުން ފޭސްބުކްއަށް ދޫކޮށްލި ވީޑިއޯއިން ދައްކާ ގޮތުގައި، ރިސޯޓުގެ މުވައްޒަފަކު ޕޫލަށް އެރި، އެ ވެލާ ޕޫލުން ސަލާމަތްކުރެއެވެ. އަދި ގޮނޑުދޮށަށް ދޫކޮށްލުމާއެކު މޫދާ ދިމާލަށް ވެލާ މިސްރާބު ޖަހައެވެ.

ކަނޑިންމަ ރިސޯޓުން ބުނީ ވެލާ ކަހަނބަކީ ރާއްޖޭގެ ރީތި ރަށްރަށާއި މޫދާއި ގޮނޑުދޮށްތަކައި ދިރިއުޅޭ އެއްޗެހި ކަމުން އެތަކެއްޗަށް ކަމޭހިތަންޖެހޭ ކަމަށެވެ.

"ރާއްޖެއަށް ފަތުރުވެރިން އައިސް ރާއްޖޭގެ ދިރުންތައް ބަލާ ހަދާ. އެކަމަކު އެހާ ކައިރިން ބޮޑު ވެލައެއް ނުވަތަ އެހެން ދިރުންތައް ފެނުމުން ބިރުގަތުންވެސް އެކަށީގެންވޭ. ގެސްޓުންނަށް މިކަންކަމާ ބެހޭގޮތުން މައުލޫމާތު ދިނުމަކީ އަހަރެމެންގެ ޒިންމާއެއް،" ކަނޑިންމަ ރިސޯޓުން ބުންޏެވެ.

https://sun.mv/125875

ދާދި ފަހުން ރ. އަތޮޅުގެ ފަޅުރަށެއްގައި ބަނދެފައި އޮއްވާ ފެނުނު ބޮޑު ވެލައެއް، އެންވާރަމަންޓް މިނިސްޓްރީއާއި އީޕީއޭ ގުޅިގެން ވަނީ ސަލާމަތްކޮށްފައެވެ.

އަދި ރިސޯޓެއްގެ ކޮޓަރިއަކަށް ވަދެ އުޅުނު މާކަނާއެއް މަރާލާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވި އިރު، އެ މައްސަލަ އީޕީއޭއިން ދަނީ ބަލަމުންނެވެ. މާކަނައަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫނީގެ ބާވަތެކެވެ.

comment ކޮމެންޓް