އަންކާރާ (އޮކްޓޯބަރު 18): ތުރުކީން ސީރިއާގެ އުތުރުގައި ދެމުންދާ ހަމަލާތައް ފަސް ދުވަސް ވަންދެން ހުއްޓާލަން އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ވިދާޅުވެއްޖެއެވެ.
މިދިޔަ ބުދަ ދުވަހު ތުރުކީއަށް ވަޑައިގެން އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނާ ބައްދަލުކުރެއްވި ޕެންސް ވިދާޅުވި ގޮތުގައި، ތުރުކީން ވަނީ އެގައުމުން ސީރިއާގެ ބޯޑަރު ކައިރީ "ސޭފް ޒޯން"އެއް ހަދަން ބޭނުންވާ ސަރަހައްދުން ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓް (ވައިޕީޖީ)ގެ މެމްބަރުން ފައިބަން ފަސް ދުވަސް ދޭން ނިންމާފައެވެ.
ޕެންސް ވިދާޅުވި ގޮތުގައި 30 ކިލޯމީޓަރުގެ އެސަރަހައްދުން ކުރުދީން ފޭބުމުން، ތުރުކީން އެގައުމުގެ އަސްކަރީ އޮޕަރޭޝަން ނިންމާލާނެއެވެ. އަދި އެމެރިކާ ސަރުކާރުން މިހާރު ދަނީ ސީރިއާގެ ކުރުދީ ފައުޖުތަކާ ވާހަކަ ދައްކަމުން ކަމަށާއި، އެމީހުން ރައްކާތެރިކަމާ އެކު ބޯޑަރާ ދުރަށް ގެންދިޔުމުގައި އެމެރިކާއިން އެހީތެރިވާނެ ކަމަށް ވިދާޅުވެފައެވެ.
ތުރުކީން ސީރިއާގައި "އޮަޕަރޭޝަން ޕީސް ސްޕްރިންގް" ފެށީ އެމެރިކާގެ ފައުޖުތައް ދެގައުމުގެ ބޯޑަރު ކައިރިން ބޭލުމުންނެވެ. މީގެ ކުރިން އެމެރިކާއިން އެހީވަމުން އައި ވައިޕީޖީ އިސްކޮށް ތިބޭ ސީރިއަން ޑިމޮކްރެޓިކް ފޯސެސް (އެސްޑީއެފް) ހަރަކާތްތެރިވާ އެސަރަހައްދަށް ތުރުކީން ހަމަލާ ދޭން ފެށުމުން އެމެރިކާއިން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅިއެވެ.
ނަމަވެސް ތުރުކީން މިހާރު ހަމަލާތައް ހުއްޓާލަން އެއްބަސްވުމުން އިތުރު ފިޔަވަޅުތައް ނާޅާނެ ކަމަށާއި، އަސްކަރީ އޮޕަރޭޝަން ނިންމާލުމުން މިހާރު އަޅާފައިވާ ފިޔަވަޅުތައްވެސް އުވާލާނެ ކަމަށް ޕެންސް ވިދާޅުވިއެވެ.
އެމެރިކާގެ ނައިބު ރައީސް އެފަދައިން ވިދާޅުވި ފަހުން، ތުރުކީގެ ފޮރިން މިނިސްޓްރީންވެސް ވަނީ އެގައުމުން ސީރިއާގައި ދޭ ހަމަލާތައް އެއްކޮށް ހުއްޓާލަނީ، އެގައުމުން ހަދަން ބޭނުންވާ ސޭފް ޒޯންއިން ކުރުދީ ފައުޖުތައް ދުރަށް ދިޔުމުން ކަމަށް ބުނެފައެވެ.
އަދި އެސްޑީއެފްގެ ކޮމާންޑަރު މަޒްލޫމް އަބްދީ ވަނީ އެމެރިކާއިން އިސްވެ އޮވެ ހެދި އެއްބަސްވުމާ އެއްގޮތަށް އެޖަމާއަތުން އަމަލު ކުރާނެ ކަމަށް އިއްޔެ ވިދާޅުވެފައެވެ.
ނަމަވެސް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނި ގޮތުގައި ތުރުކީން ހަމަލާތައް ހުއްޓާލާނެކަން އިއުލާން ކުރި ފަހުންވެސް، ސީރިއާގެ ބޯޑަރު ކައިރީ އޮންނަ މުހިއްމު ސަރަހައްދެއް ކަމަށްވާ ރަސް އަލް އައިންގައި ދަނީ ހަމަލާތައް ބަދަލު ކުރަމުންނެވެ.
މިހަހުގެ ނުވައެއްގައި ތުރުކީން ސީރިއާގައި އަސްކަރީ އޮޕަރޭޝަން ފެށި ފަހުން އެގައުމުން ވަނީ ރަސަލް އައިންގައި ތިބި ކުރުދީން ބޭރުކޮށްލާފައިވާ ކަމަށް ބުނެފަ އެވެ.
ތުރުކީން ބުނާ ގޮތުގައި އެގައުމުން ސީރިއާގައި ހަދާ ސޭފް ޒޯނުގެ މަގުސަދަކީ، ތުރުކީގައި ތިބި އެތައް ހާސް ސީރިއާގެ ރެފިއުޖީން އެސަރަހައްދުގައި ވަޒަންވެރި ކުރުމެވެ.
ތުރުކީން ދެކޭ ގޮތުގައި ވައިޕީޖީއަކީ އެގައުމުގައި، ކުރުދީން ވެރިކަން ކުރާ ސަރަހައްދެއް ގާއިމު ކުރަން މަސައްކަތްކުރާ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ)ގެ ބަޔެކެވެ. ތުރުކީން ވަނީ ޕީކޭކޭގެ ހަރަކާތްތައް އެގައުމުގައި މަނާކޮށް އެއީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ކަނޑައަޅާފައެވެ.
ސީރިއަން އޮބްޒަވޭޓަރީން ބުނި ގޮތުގައި ތުރުކީގެ އަސްކަރީ އޮޕަރޭޝަނުގައި ސީރިއާގެ 72 އާއްމު ރައްޔިތުން މަރުވެ، 300،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައެވެ.