އެމްއެންބީސީގެ ހަބަރެއް ބްރޯޑްކާސްޓް ކުރި މައްސަލައެއްގައި ދިއެފްއެމްގެ ނޫސްވެރިއަކު ފުލުސް އޮފީހަށް ހާޒިރުކޮށްފި

ލައިވް ފީޑެއްގެ ތެރެއިން މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްއެންބީސީ ވަންގެ އަށެއްގެ ހަބަރަށް ސުވިޗް ކުރެވި ދިއެފްއެމް އިން އެމްއެންބީސީގެ ހަބަރު ބްރޯޑްކާސްޓް ކުރެވުނު މައްސަލައެއްގައި ދިއެފްއެމްގެ ނޫސްވެރިޔަކު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

އެ މައްސަލާގައި މިއަދު މެންދުރު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކުރީ ދިއެފްއެމްގެ ހެޑް އޮފް ނިއުސް އެންޑް ކަރަންޓް އެފެއާޒް މުހައްމަދު ޖިނާހު (ޖިނާ) އާ އެވެ.

ފުލުސް އޮފީހުން ނުކުމެ ސަންގެ ނޫސްވެރިއަކާ ވާހަކަ ދައްކަމުން ޖިނާ ބުނީ އޭނާ ފުލުސް އޮފީހަށް ހާޒިރުކުރީ އެމްއެންބީސީ އަށް މައާފަށް އެދިފައިވަނިކޮށް ކަމަށާއި އެކަންތައް ހިނގަން މެދުވެރިވި ސަބަބު ވަރަށް ތަފްސީލުކޮށް ބަޔާންކޮށް، ސިޓީއެއް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހަށް ވެސް ފޮނުވާފައިވާ ވަނިކޮށް ކަމަށެވެ.

"އެމްއެންބީސީގެ ހަބަރެއް އޮޅިގެން ބްރޯޑްކާސްޓް ކުރި މައްސަލައެއްގައި އެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާތީ އެ މައްސަލައާ ބެހޭ މައުލޫމާތު ސާފްކޮށްލަން އަޅުގަނޑު ގެންދިޔައީ. އެކަމަކު އަޅުގަނޑުމެން ވާނީ މައްސަލައާ ބެހޭ ތަފްސީލު ސިޓީއެއް ފުލުހުންނަށް ހުށަހަޅާފައި. އަޅުގަނޑު ފުލުސް އޮފީހަށް ހާޒިރު ކުރި އިރު އެ ބޭފުޅުންނަކަށް ނޭނގެ ސިޓީއެއް ހުށަހަޅާފައި އޮތް ކަމެއް." ޖިނާ ވިދާޅުވި އެވެ.

ދިއެފްއެމް އިން ބުނީ 11 ނޮވެމްބަރު 2011 ވީ ހުކުރު ދުވަހުގެ ރޭ 8:00 ގައި އެމްއެންބީސީގެ ހަބަރު އޮޅިގެން ދިއެފްއެމް އިން ބްރޯޑްކާސްޓް ކުރެވުނީ ސާކް ސަމިޓް ނިމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ މުހައްމަދު ނަޝީދު ދެއްވި ނޫސްވެރިންގެ ބައްދަލުވުން ގައުމީ ކަމެއްގެ ގޮތުގައި ބްރޯޑްކާސްޓް ކުރުމަށް އެމްސީއާރުން އެމްއެންބީސީގެ ލައިވް ފީޑް ދިޓީވީގެ ސްޓޫޑިއޯ އަށް ދެވިފައިވުމުން ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން އެމްއެންބީސީގެ ސީއީއޯ މުހައްމަދު އާސިފާ ގުޅުއްވައި ކަން ހިނގި ގޮތް ކިޔައިދީ މައާފަށް ވެސް އެދިފައިވާނެ ކަމަށާއި އަދި މައްސަލައެއް ނެތް ކަމަށް އާސިފް ވިދާޅުވި ކަމަށާއި ނަމަވެސް އޭގެ ފަހުން އެމްއެންބީސީން އަމަލު ކުރި ގޮތާ މެދު ދިއެފްއެމް އިން ހިތާމަ ކުރާ ކަމަށް ދިއެފްމުން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އަހުމަދު ޝިޔާމު މިއަދު ވިދާޅުވީ ޖިނާހު ފުލުސް އޮފީހަށް ހާޒިރު ކުރީ އެމްއެންބީސީ އިން ހުށަހަޅާފައިވާ މައްސަލައެއްގައި އެކަން ބެލުމަށް ކަމަށެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

Mohammed Jinaah (mp3)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު