އިހުމާލުން މީހުން މަރުވުން

ހދ. ނޮޅިވަރަމް، މަންޒަރުގެ ޝާހިދާ އަލީ ދިރިއުޅުނު ގެ -- ފޮޓޯ/ ކިޔުންތެރިއެއް

މީހެއްގެ އިހުމާލުން، ނުވަތަ ކުންފުންޏެއްގެ އިހުމާލުން މަރުވި ކަމަށް ތުހުމަތު ކުރެވޭ ވައްތަރުގެ މަރު ރާއްޖޭގައި ވަރަށް ގިނަ ވެއްޖެ އެވެ. ދުނިޔަވީ ނަޒަރުން ބަލާ އިރު، ނުވާންވީ މަރެއް، ހިތާމަވެރި ގޮތަކަށް މީހަކު މަރުވެއްޖެ ނަމަ ދުވަސްކޮޅެއް ވާންދެން އެ މަރެއްގެ ވާހަކަ ނޫސްތަކުގައި ލިޔެވެ އެވެ. އެ ޚަބަރުގެ "އޮފު" ކެނޑުމުން އެ މަރުގެ ވާހަކަ ހުއްޓެ އެވެ. އެހެންނަމަވެސް ކުޑަ ދުވަސްކޮޅެއް ފަހުން ހަމަ އެ ގޮތަށް އެ ތަނުގައި އެހެން ޙާދިސާ އެއްގައި މީހަކު މަރުވެދާނެ އެވެ. އެއްގަމުގައި ދަތުރު ކުރާ އުޅަނދެއްގެ އެކްސިޑެންޓަކުން މީހަކު މަރުވެއްޖެ ނަމަ، ބައެއް ފަހަރު ދުވަސްކޮޅެއް ވާންދެން އެ ސަރަހައްދެއްގައި ދުއްވާ އެއްޗެތީގެ ކަންތައްތައް ކުރިއަށް ވުރެ ރަނގަޅަށް ބަލަހައްޓަ އެވެ. ކުޑަ ދުވަސްކޮޅަކުން އެކަން ހުއްޓެ އެވެ. އަނެއްކާ ވެސް ކުރިއެކޭ އެތްގޮތްވެ އެވެ.

ނުވާން ވީ މަރުގެ ޙާދިސާތަކަށް ބަލާ އިރު ގިނަ ފަަހަރަށް ފެންނަނީ ވަގުތީ ކަން ބޮޑު ވުމެކެވެ. ވަގުތީ ދެރަވުމެކެވެ. އެކަމާ ބެހޭ ގޮތުން ގޮތް ގޮތަށް ލިޔަނީ ނޫސްވެރިން ނެވެ. އެކަމެއް ބެލެހެއްޓުމަށް ހަވާލު ވެފައި އޮންނަ ރަސްމީ އިދާރާ އަކުން އެފަދަ ކަންތައްތައް ތަކުރާރު ވިޔަ ނުދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅޭ ކަމަށް ޤަބޫލު ކުރަން އުނދަގުލެވެ. ވަރަށް ކައިރި ކައިރީގައި އެއް ވައްތަރުގެ ޙާދިސާތައް އެއްގޮތަކަށް ހިނގާތަން ފެނުމުން ނެވެ.

ތަފާތު ވައްތަރުގެ ނުރައްކާތެރި ޙާދިސާއާ ކުރިމަތިވެގެން މަރުވާ މީހުންގެ އަދަދު މަދު ކުރުމަށް ޓަކައި ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ކުރާ ބައެއް ކަންތައް ރާއްޖޭގައި ވެސް ކުރަން ވެއްޖެ އެވެ. އެފަދަ ޙާދިސާތަކާ މެދު ރައްޔިތުން ހޭލުންތެރި ކުރުވައިގެންނެވެ. ހަނދާން ކޮށްދިނުމުގެ މެސެޖުތައް ނުވަތަ އިޝްތިހާރުތައް ބަހައްޓައިގެންނެވެ. މި ކަމުގައި ދިވެހި ރާއްޖެ އަށް ޚާއްޞަ ގޮތްތަކެއް ވެސް ޚިޔާލު ކުރެވިދާނެ އެވެ. އިޝްތިހާރު ހެދުމާއި ހޭލުންތެރި ކުރުވުމުގެ މަސައްކަތުގެ ފަންނުވެރިންގެ ތަޖުރިބާއާއި ހުނަރު ބޭނުންކޮށްގެން ނެވެ.

ނުވާންވީ މަރުކަމަށް ފާހަގަ ކުރެވޭ މަރުގެ ބައެއް ވައްތަރުތައް ދަންނަވާލާނަމެެވެ.

ގެނބިގެން ފަތުރުވެރިން މަރުވުން: ގެނބިގެން ފަތުރުވެރިން މަރުވާ ޚަބަރު ވަރަށް ގިނައިން އިވެ އެވެ. ބައެއް މީހުން މަރުވަނީ މާފުން ނޫން ހިސާބުގައި ކަމުގައި ވެސްވެ އެވެ. އަދި ބައެއް މީހުން ނަށް އޮއި ގަދަ ހިސާބަކަށް ދެވުމުން އޮޔާއި ދަމައިގަންނަނީ ކަމުގައި ވެސް ވެ އެވެ. ފަތުރުވެރިންނަށް ޚާއްޞަކޮށް ތައްޔާރު ކުރެވިފައި ހުންނަ ރަށް ރަށުގައި މޫދަށް އެރޭ ސަރަހައްދުގައި ނުރައްކާތެރި ހިސާބެއް އޮންނަ ކަމުގައި ވަނީ ނަމަ އެކަން އެނގޭ ގޮތަށް ބޯޑު ވެސް ޖަހާފައި ހުރެ އެވެ. އަދި ފުން ސަރަހައްދު އެގޭ ގޮތަށް ވެސް ވަރަށް ގިނަ ރަށް ރަށުގައި ބޯޑު ޖަހާފައި ހުންނަ ކަމުގައިވެ އެވެ. އިނގިރޭސި ބަސް ނުދަންނަ އަދި ނުރައްކާތެރި ކަމުގެ ނިޝާން ނޭނގޭ މީހަކަށް ބޯޑުން ބުނެދޭން އުޅޭ އެއްޗެއް އޮޅުން ނުފިލާ ނަމަ ބޯޑަކުން އެހީތެރިކަމެއް ނުލިބޭނެ އެވެ. ބައެއް ރިޒޯޓްތަކުގައި މަސައްކަތް ކުރާ މީހުން ބުނާ ގޮތުގައި މި ސަރަހައްދުގެ ބައެއް ޤައުމުތަކުން އަންނަ މީހުން ބުނާ އެއްޗެއް ޤަބޫލެއް ނުކުރެ އެވެ. ޗުއްޓީގައި އުޅޭ އިރު ގިނަ މީހުން އެފަދަ ވިސްނުމެއް ގެންގުޅެފާނެ އެވެ. ފަތުރުވެރިން ޗުއްޓީ ހޭދަ ކުރުމަށް ރިޒޯޓަކަށް ދިއުމާ އެކު އެ މީހުން ގެންނަ އޭޖެންސީ އަކުން އެ ބަޔަކު ވާހަކަ ދައްކާ ބަހުރުވަޔަކުން އިރުޝާދު ދިނުމަކީ ވަރަށް ގިނައިން ކުރާ ކަމެކެވެ. މި ގޮތަށް ދެވޭ މަޢުލޫމާތުގައި މޫދަށް އެރި އުޅޭ އިރު ބަލަންވީ ކަންކަމާއި ސަލާމަތީ ކަންކަމާއި ބެހޭ ގޮތުން އިރުޝާދު ދިނުން ލާޒިމް ކުރެވެންވީ އެވެ. އަދި ސްޕޯޓުސް ސެންޓަރުތަކުގައްޔާއި ޑައިވިންގް ސެންޓަރުތަކުގައި ސަލާމަތީ ރައްކާތެރި ކަމުގެ މުހިއްމު މެސޭޖް ދޭ ބޯޑުތައް ބެހެއްޓިފައި ހުންނަން ވީ އެވެ.

މަސްވެރިކަމުގައި ފީނުމުގައި މަރުވުން: މަސްވެރިން ބައެއް ފަހަރު އެން ދެމުގައްޔާއި މަސް ހިފުމާއި، މަސްވެރިކަމުގެ ތަފާތު މަސައްކަތުގައި ފީނަންޖެހިގެން ފީނުމުގެ ތެރޭގައި މަރުވާ މީހުން ވެސް މިހާރު ވަރަށް ގިނަ އެވެ. ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި މިގޮތަށް ބައެެއް ފަހަރު ދިމާވަނީ ފީނުމަށް ފަހު މައްޗަށް އަރާ އިރު ފައްތަރަކުން، ފައްތަރަކުން ކުރަން ޖެހޭ ބައެއް ކަންތައްތައް ނުކުރެވުމުން ނެވެ. މަސްވެރިކަމުގެ ކަންތައްތައް ބަލަހައްޓާ އޮފީހުން މި ބާވަތުގެ ކަންތައްތަކުގައި މަސްވެރިންނަށް އިރުޝާދު ދިނުމަކީ އެތަނުގެ މަސައްކަތެއް ކަމަށް ނުދެކޭ ކަމުގައި ވެދާނެ އެވެ. އެހެންނަމަ ވެސް އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން "ގެއްލިފައި ތިބިކަމަށް" ދެކޭ ބައެއް ޒުވާނުން އަމިއްލަ އަށް ރާއްޖޭގެ އެކި އަތޮޅުތަކަށް ދަތުުރުކޮށް މިބާވަތުގެ އިރުޝާދު ހިލޭ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތު ބައެއް އަތޮޅުތަކުން ލިބިފައިވެ އެވެ. ސަރުކާރުގެ ކަމާ ބެހޭ އޮފީހަކުން ކުރިން ދެންނެވުނު ގޮތަށް ޚިދުމަތްދޭ ބަޔަކާ ގުޅިގެން މިފަދަ ޚިދުމަތެއް އަހަރަކު އެއްފަހަރު މުޅި ރާއްޖޭގައި ދެވޭތޯ ބަލަންވީ އެވެ. ފީނާ މަސްވެރިންގެ ރައްކާތެރި ކަމަށެވެ.

ބަނދަރުން ބޯޓަށް އަރާ ސަރަހައްދުގައި ސަލާމަތީ ކަންކަމުގެ ބޯޑު ބެހެއްޓުން: މޫސުން ރަނގަޅު ނޫން އިރުގައި ދަތުރު ކުރުމުގެ ސަބަބުން ވަރަށް ހިތާމަވެރި ހާދިސާއާ ކުރިމަތި ވެފައި އެބަހުއްޓެވެ. އަދި އެތައް ފުރާނައެއް ގެއްލިފައިވެ އެވެ. އެފަދަ ކަންތަކުގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަރަށް ބޮޑެތި ޚަރަދު ވެސް ކުރަން ޖެހެ އެވެ. އެ ޚަރަދަކީ ރައްކާތެރިކަމާ އެކު ދަތުރު ރޭވިއްޖެ ނަމަ ކުރަން ނުޖެހޭނެ ޚަރަދެކެވެ. ދަތުރު ކުރާ އުޅަނދުގައި ހުރުން ލާޒިމްކުރާ ސަލާމަތީ އެއްޗެތީގެ ކުރެހުން ޖެޓީ ސަރަހައްދުގައި ދަތުރު ކުރާ މީހުންނަށް ފެންނަ ގޮތަށް ބެހެއްޓެންވީ އެވެ. އަދި މޫސުން ގޯސް އިރު ދަތުރު ކުރުން ރައްކާތެރި ނޫން ކަމުގައި، ނަސޭޙަތްތެރި ވެފައި އޮންނަ ތަން، ބަހައްޓާ ބޯޑަކުން ނުވަތަ އިޝްތިހާރަކުން ވެސް ފެންނާނެ ހެން ބެހެއްޓެން ވީ އެވެ. ބޭރުގެ ބައެއް ޤައުމުތަކުގެ ޖެޓީތަކުން މިހަލަ ލިއުންތައް ފެނިފައިވާކަން ފާހަގަ ނުކުރެވުނަސް ޓެކްސީގައި ދަތުރު ކުރާ އިރު ބައެއް ޤައުމުތަކުގެ ޓެކްސީގެ މީޓަރުގެ ކައިރީގައި ހުންނަ ސްކްރީނަކުން މިކަހަލަ ލިއުންތައް މުޅި ދަތުރުގައި ފެންނަން ހުރެ އެވެ. މިސާލަކަށް ދަންނަވާ ނަމަ ދަރިފުޅު ބުނާ އެއްޗެއްގެ ގޮތުގަ އެވެ. "ރައްކާތެރި ކަމާ އެކު ބައްޕަ ސަލާމަތުން އެނބުރި ގެއަށް އާދޭ" ކަހަލަ މެސެޖް އެވެ. ގުދު ގުދު ލާފައި ހުންނަ ފަރުބަދަ މަތީގެ މަގުތަކުން ދަތުރު ކުރާ އިރު ރައްކާތެރި ކަމަށް މަސައްކަތް ކުރާ އަމިއްލަ ޖަމުޢިއްޔާތަކުން، ރައްކާތެރިކޮށް ދުއްވުމަށް ނަސޭޙަތްތެރިވާ މެސެޖް ފަރުބަދައިގެ ކަނޑައި ފައި ހުންނަ ހިލަ ގަނޑުގައި ދުރަށް ފެންނަ ގޮތަށް، ދުއްވާ މީހުންގެ ސަމާލު ކަމަށް ލިޔެފައި ހުރެ އެވެ. މިކަހަލަ ކަންކަމުގައި ރާއްޖެ އިން ކުރާ ކަމަކީ ރައްކާތެރި ކަމުގެ ވާހަކަ ނުވަތަ އިޝްތިހާރުތައް ޓީވީ އިން ދެއްކުމެވެ. ނުވަތަ ރޭޑިއޯގެ ޒަރީޢާ އިން ފޮނުވުމެވެ. މި ވަސީލަތްތައް ބޭނުން ކުރާ ބައެއް މީހުންނަށް މިފަދަ އިޝްތިހާރުތައް ފެނިދާނެ އެވެ. އެހެން ނަމަވެސް ކުރިން ދެންނެވުނު ޚިދުމަތްތައް ބޭނުން ކުރާ މީހުން ޚިދުމަތް ހޯދުމަށް ދާ މަރުކަޒުތަކުގައި އެފަދަ އިރުޝާދުތައް ފެންނަ ހެން އިޝްތިހާރު ބޯޑުތައް ބެހެއްޓިއްޖެ ނަމަ އެ ޚިދުމަތެއް ހޯދަން ދާ އެންމެނަށް ވެސް ފެންނާނެ ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ.

އިމާރާތްކުރާ ތަންތާގައި ގެންގުޅޭ އެއްޗެތި ވެއްޓުމުގެ ސަބަބުން މީހުން މަރުވުން: މިގޮތަށް މީހުން މަރުވަނީ މަސައްކަތް ކުރާ މީހުންގެ ފަރުވާ ކުޑަކަމުން ނެވެ. މަސައްކަތް ކުރުވާ މީހުން މަސައްކަތުގެ ސަލާމަތީ ކަންކަމާ މެދު އިހުމާލު ވުމުން ނެވެ. އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ތިބޭ މީހުންނަށް ރައްކާތެރި މާހައުލެއްގައި މަސައްކަތް ކުރެވޭނެ ހަރުދަނާ ނިޒާމެއް ގައިމު ނުކުރެވިގެން ނެވެ. ނުބެލެހެއްޓިގެން ނެވެ. މަސައްކަތް ކުރާ ތަންތާގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގެ އަޑު އިވުން މަދެއް ނުވެ އެވެ. މިއީ ކަމާ ބެހޭ ފަރާތްތަކަށް މާ ބޮޑު ކަމެއް ނޫން ހެން ވެސް ހީ ވެ އެވެ. މި ކަމުގެ މުހިއްމުކަން ބޮޑުކަން ނިންމުން ނިންމާ ހިސާބުގައި މަސައްކަތް ކުރާ މީހުންނަށް އިޙްސާސް ވާންދެން ނޫސްވެރިން މި ކަމުގައި ކޮށްދޭ ހޭލުންތެރި ކަމުގެ މަސައްކަތް ވާނީ ރައްޔިތުންނަށް ކޮށްދެވޭ ވަރަށް ބޮޑު ޚިދުމަތަކަށެވެ.

comment ކޮމެންޓް