ދަ ގްރާންޑޭއިން ގްރީން ހިފެހެއްޓި އިރު އީގަލްސްއިން މާޒިޔާގެ ރެކޯޑަށް ނިމުން ގެނެސްފި

ދިވެހި ޕްރިމިއާ ލީގުގައި ރޭ މާޒިޔާއާއި ގްރީން ސްޓްރީޓް ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ކުޅުނު މެޗުތަކުގައި ދަ ގްރާންޑޭއިން ފަހު ވަގުތު ޖެހި ގޯލުން ގްރީން ސްޓްރީޓްސްއާ އެއްވަރު ކުރި އިރު މާޒިޔާއިން ލީގުގެ އެއްވެސް މެޗަކުން ބަލި ނުވެ ހަދަމުން އައި ރެކޯޑަށް އީގަލްސް ނިމުން ގެނެސްފި އެވެ.

ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ދަ ގްރާންޑޭއާއި ގްރީޒް އެއްވަރުވީ 1-1 ގެ ނަތީޖާ އަކުންނެވެ. އެ މެޗުން މޮޅުވެގެން އެއްވަނައިގައި އޮތް މާޒިޔާއާއި ފަރަގު ކުޑަ ކުރުމަށް ލިބުނު ފުރުސަތު ގްރީން ސްޓްރީޓުން ވަނީ ނަގާލައިފަ އެވެ. އެ މެޗުން ލިބުނު ޕޮއިންޓާ އެކު ގްރީން ސްޓްރީޓް މިވަގުތު ތާވަލުގެ ތިން ވަނައިގައި އޮތީ 17 ޕޮއިންޓާ އެކު އެވެ. ދަ ގްރާންޑޭ އޮތީ 15 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.

މިފަހަރުގެ ލީގަށް އެންމެ ބޮޑަށް ތައްޔާރުވީ ޓީމުތަކުގެ ތެރޭގައި ހިމެނޭ ގްރީން ސްޓްރީޓުގައި ތަޖުރިބާހުރި ގިނަ ކުޅުންތެރިންތަކެއް ތިބި އިރު އެކަށީގެންވާ ނަތީޖާއެއް އެ ޓީމަށް ނުނެރެވޭ ވާހަކަ އަކީ ސީޒަނުގެ ފުރަތަމަ ބުރުގައި ވެސް އެންމެ ގަދަޔަށް ދެކެވުނު އެއްވާހަކަ އެވެ. ތިން ޕޮއިންޓް ހޯދޭނެ މެޗުތަކުގައި ވެސް ފަސޭހަ ކޮށްލެވުމުގެ ސަބަބުން މެޗު ޕޮއިންޓްތައް ގެއްލިގެންދާކަމަށް ގްރީންގެ ކޯޗު ސުޒޭން އަލީ ވަނީ މީގެ ކުރިން ވެސް ފާހަގަ ކޮށްފަ އެވެ.

އިއްޔެގެ މެޗަށް ދެ ޓީމުން ވެސް ވަރުގަދަ ސްކޮޑަކާ އެކު ނުކުތް އިރު ދެ ޓީމު ވެސް މެޗު ފެށީ ޕްރެޝަރެއް ނެތި އެވެ. ދެ ޓީމު ވެސް ހަމަޖެހިލައިގެން ކުޅެމުން ދިޔަ އިރު މާ ގިނަ އެޓޭކްތަކެއް އުފެއްދޭ ގޮތެއް ނުވި އެވެ. ނަމަވެސް ދެ ޓީމުގެ ރަނގަޅު ހަމަލާއެއް އުފެއްދުމަށްފަހު ގްރީން އިން މެޗުގައި ލީޑު ނެގީ 32 ވަނަ މިނަޓުގަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އޭނާ ވަނީ އެންމެ ފަހުން ވޯލްޑް ކަޕު ކޮލިފައިންގައި ސީރިއާއާއި ދެކޮޅަށް ކުޅުނު މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ.

އެއަށްފަހު ވެސް ގްރީންއަށް ލީޑު ފުޅާ ކުރާނެ ގިނަ ފުރުސަތުތަކެއް ވަނީ ލިބިފަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ފައިސަލަށް އަނިޔާވެގެން އޭނާ ވަނީ ބަދަލުކޮށްފަ އެވެ. ބަދަލުގައި ކުޅެން އެރީ އިޔާން އަބްދުލް އަލީމް (ޗިކީ) އެވެ. އޭނާ އަކީ ދަ ގްރާންޑޭ ދެ ވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

ދަ ގްރާންޑޭއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ދަ ގްރާންޑޭގެ އެންޑިއޫ އަށް ގްރީން ސްޓްރީޓްސްގެ މުހައްމަދު އާރިކް (ބަކާ) ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އަކުންނެވެ. އެ ޕެނަލްޓީ ކާމިޔާބު ކުރީ އިރާގުގެ ފޯވާޑް އޮބައިދާ ކަދުމް އެވެ.

ގްރީން ސްޓްރީޓް ފަހަތަށް ޖައްސާލުމަށްފަހު އީގަލްސްއިން ތާވަލުގެ ދެވަނައަށް ޖެހިލީ ރޭގެ މެޗުން ވަރުގަދަ މާޒިޔާ ބަލިކޮށްގެންނެވެ. އެ މެޗުން އެ ޓީމު މޮޅު ހޯދީ 0-1 ގެ ނަތީޖާ އަކުންނެވެ.

މި ސީޒަނުގައި އެއްވެސް މެޗަކުން ބަލިނުވެ މާޒިޔާ ދަމަހައްޓަމުން އައި ރެކޯޑަށް ރޭގެ މެޗުގައި އީގަލްސްއިން ނިމުން ގެނައި ނަމަވެސް މާޒިޔާ އަދިވެސް އޮތީ ތާވަލުގެ އެެއްވަނައިގަ އެވެ. ކުޅުނު 10 މެޗުން 23 ޕޮއިންޓް ހޯދައި މާޒިޔާ އެއްވަނައިގައި އޮތް އިރު ދެވަނައިގައި އޮތް އީގަލްސްއަށް ލިބިފައި ވަނީ 18 ޕޮއިންޓް އެވެ.

ރޭގެ މެޗު ފަށައިގެން މާޒިޔާ އާއި އީގަލްސްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ކުރީކޮޅުގައި ރަނގަޅު ފުރުސަތުތައް ތަނަވަސްކުރީ މާޒިޔާ އިންނެވެ.

ނަމަވެސް މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދި މާޒިޔާއަށް ރޭގެ މެޗުގައި އީގަލްސްގެ ގޯލު ފޫއަޅުވާލެވޭނެ ގޮތެއް ނުފެނުނެވެ. މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ވެސް ބުނީ މެޗުގެ 95 ޕަސަންޓު ކޮންޓްރޯލް ކުރީ މާޒިޔާއިން ކަމަށާއި މެޗުގައި ދިމާވި މައްސަލަ އަކީ ގޯލެއް ނުޖެހުން ކަމަށެވެ.

އެ މެޗުގައި ޖެހި ހަމައެކަނި ގޯލު އީގަލްސްއަށް މެޗުގެ 30 ވަނަ މިނަޓުގައި ޖަހައިދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭ އަކީ އަމިއްލަ ސަބަބަކާ ހުރެ ގައުމީ ޓީމުގެ ޕްރެކްޓިހަށް ނިދުޔުމުން ޓީމުން ވަކި ކުރި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރި އެކެވެ. އެ މައްސަލައިގައި އެފްއޭއެމުން ވަނީ ދާދި ފަހުން ސެންޓޭއަށް ބޮޑު ޖޫރިމަނާ އެއްވެސް ކޮށްފަ އެވެ.

comment ކޮމެންޓް