ބޯހިޔާވަހިކަމަށް ސަރުކާރުގެ އެތައް ހައްލެއް!

ހުޅުމާލޭގެ ފުލެޓްތަކެއް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ބޯހިޔާވަހިކަމުގެ މައްސަލައަކީ ގައުމުގައި އޮތް އެންމެ ހައްސާސް އެއް މައްސަލައެވެ. ކޮންމެ ސަރުކާރަކުންވެސް އެންމެ ބާރަށް ދައްކާ އެއް ވާހަކައަކީ ރައްޔިތުންނަށް ރަނގަޅު ފެންވަރެއްގެ ބޯހިޔާވަހިކަން އަތްފޯރާ ފަށުގައި ދޭނެ ވާހަކަ އެވެ. އެކި ނަންނަމުގައި އެކި އަހަރު މަތިން ބޯހިޔާވަހިކަމުގެ ޕްރޮގުރާމުތައް ސަރުކާރުތަކުން ކުރިއަށްގެންދިޔަ ނަމަވެސް މި މައްސަލައަށް އެންމެ އެދެވޭ ހައްލެއް އަދިވެސް ނުލިބެ އެވެ.

މި ސަރުކާރު ވެރިކަމަށް އައީ ވެސް ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމުގެ ވައުދާއެކު އެވެ. އަތްފޯރާފަށުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ހާއްސަ ކުންފުންޏެއްވެސް އުފައްދައިފަ އެވެ. ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައިވެސް ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް ލިޔެފައިއެބައޮތެވެ. އެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވަނީ ކިހިނެއްކަން ރައީސް އޮފީހުން ވަނީ ތަފްސީލްކޮށްދީފަ އެވެ.

ރައީސް އޮފީހުން އާންމުކޮށްފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް މިދިޔަ ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނުވަގަޑި ޕްރޮގްރާމުގައި އެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ފުުދުންތެރިކަން ނެތް މީހުންނަށް ހިލޭވެސް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ.

މި ސަރުކާރުން ކުރާނެ މަސައްކަތްތަކާއި، ރައީސް ކުރަން ބޭނުންވާ ލަނޑުދަނޑުތައް ކަނޑައަޅައި އެކުލަވާލި ސްޓްރެޓަޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރައްޔިތުންގެ ހާލަތު ދެނެގަތުމަށް މިހާރު ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށާއި ފުުންތެރިކަން ނެތްމީހުން ކަނޑައަޅާނީ ބައިނަލްއަގުވާމީ މިންގަޑުތަކާއެއްގޮތަށް ކަމަށް ޝައުނާ ވިދާޅުވި އެވެ. ފަގީރުންގެ ގޮތުގައި ކަނޑައަޅާނީ އދ. ގެ މިންގަޑުން ކަމަށާއި އެފަދަ މީހުންނަށް، އެމީހުންގެ ދަތިހާލުން އަރައިގަނެވެންދެންވެސް ސަރުކާރުން ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ޝައުނާ ވިދާޅުވި އެވެ.

ސަރުކާރުގެ ޕްލޭންގައިވާގޮތުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް މިހާރު 20،000 ހައުސިން ޔުނިޓު ބޭނުންވެ އެވެ. މިއީ ހަމައެކަނި މާލެ ސަރަހައްދަށް ބޭނުންވާ މިންވަރެއް ނޫނެވެ. މާލެ އާއި އަތޮޅުތެރެއާއި އެއްކޮށް 20،000 ހައުސިން ޔުނިޓު ބޭނުންވާ ކަމަށާއި ނަމަވެސް އެ ހުރިހާ ހައުސިން ޔުނިޓެއް އަޅާނީ ސަރުކާރުގެ ބަޖެޓުން ނޫން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ޕްލޭނުގައިވާ ގޮތުން ސަރުކާރުން މަސައްކަތް ކުރާނީ 2023 ވަނަ އަހަރު އަންނަންވާއިރަށް 20،000 އާއިލާއަށް ހައުސިން ޔުނިޓު އަޅައިދިނުމަށެވެ. އަދި އެ އަަހަރު އަންނަންވާއިރަށް ނޭޝަނަލް އެފޯޑަބަލް ހައުސިން ލޯނުގެ ދަށުން މަދުވެގެން އެއް ބިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށެވެ. އަދި، 2021 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުން އެހެން ރަށްރަށަށް ބަދަލުކޮށްފައިވާ ރަށްރަށުގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި، ސުނާމީގައި ހާލުގައި ޖެހުނު ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީ ނިންމަން ވަނީ އަމާޒު ހިފާފަ އެވެ.

އައްޑޫ ސިޓީގައި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްގެ ތެރެއިން އަޅާފައިވާ ފްލެޓްތަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ އޮފީހުގެ އަންޑަ ސެކްރެޓަރީ އަހުމަދު ހަމްދާން ވިދާޅުވީ ގެދޮރުއެޅުމަށް ފައިނޭންސްދޭ އިދާރާތަކާއި ފަހި ދިރިއުޅުން ކޯޕަރޭޝަނުންވެސް އެކި ސަރަހައްދުތަކުގައި ގެދޮރު އަޅާނެ ކަމަށެވެ. އަދި ހައުސިންލޯނުގެ އިންޓްރެސްޓު ކުޑަކުރުމަށް މަޝްވަރާތައް ކުރިއަށްދާކަމަށްވެސް ހަމްދާން ވިދާޅުވި އެވެ.

ކުޑައަގެއްގައި ބޯހިޔާވަހިކަން ދިނުމަށް އަޅާ 5000 ހައުސިން ޔުނިޓުގެ މަސައްކަތް އަތޮޅުތަކުގައި މިހާރު ވަނީ ފަަށައިފަ އެވެ. މި ތަންތަނުގެ ކުލި 6000 ރުފިޔާ އަށްވުރެ ބޮޑެއް ނުވާނެ އެވެ. ސަރުކާރުން ނިންމާފައިވަނީ ރަށްރަށުގައި ހުރި ފަޅުގެތަކާއި ގޯތިތަކުގައި ގެދޮރު އެޅުމުގެ ތަނަވަސްކަންނެތް މީހުންނަށް ހެޔޮ އަގުގައި ލޯނު ދީގެން އެމީހުންނަށްވެސް ގެދޮރު އެޅޭނެ މަގު ތަނަވަސްކޮށްދިނުމަށެވެ.

މި ސަރުކާރުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ފުރަތަމަ ހައުސިން މަޝްރޫއު އަންނަ މަހު ފަށާނެ އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މީގެކުރިން އިއުލާނު ކުރައްވާފައިވަނީ 4200 ހައުސިން ޔުނިޓުގެ މަސައްކަތް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފައްޓަވާނެ ކަމަށެވެ.

comment ކޮމެންޓް