ކޮންމެ ލެކްޗަރާއަކަށްވެސް އެމްޑީއެންގެ ރިޕޯޓާމެދު ބަސްބުނެވެން ވާނެ: ފަވާޒް

ގައުމީ ޔުނިވާސިޓީގެ ކުރީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

އިސްލާމް ދީނާ ދެކޮޅަށް އެމްޑީއެން އިން ލިޔެފައިވާ ރިޕޯޓަށް ފާޑުކިޔައި ބަސްބުނުމުގެ ހައްގު ކޮންމެ ލެކްޗަރާއަކަށްވެސް އޮންނާނެ ކަަމަށް ގައުމީ ޔުނިވާސިޓީގެ ކުރީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވެއްޖެއެވެ.

ޑރ. އަލީ ފަވާޒް އެފަދައިން ވިދާޅުވިއިރު ގައުމީ ޔުނިވަސިޓީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު އިއްޔެ އެ ޔުނިވާސިޓީގެ ލެކްޗަރާއިންނަށް ފޮނުވި އެންގުމެއްގައި އެމްޑީއެންގެ ރިޕޯޓާމެދު އެއްވެސް ލެކްޗަރާއަކު ސޯޝަލް މީޑިއާގައި ވާހަކަ ނުދެއްކުމަށް އަންގަވައިފައެވެ. އޭގެ ތެރެއިން ބައެއް ލެކްޗްރާއިން ހިމެނޭ ގޮތަށް ރާއްޖޭގެ ދީނީ ގިނަ އިލްމްވެރިންތަކެއް ވަނީ އެ ރިޕޯޓް ކުއްވެރިކޮށް އެކަމާމެދު އަވަހަށް ފިޔަވަޅު އެޅުމަށް ގޮވާލައްވައިފައެެވެ.

އެކަމާ ގުޅިގެން ފަވާޒް މިއަދު ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ އެދުރަކުވެސް އެ ރިޕޯޓް ކިޔުއްވާ އެބޭފުޅެއްގެ ބަސް ބުނަންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަދި ވަކިން ޚާއްސަކޮށް އަޅުގަނޑުމެންގެ އިސްލާމް މުގައްރަރުގެ މައްސޫލުވެރިންގެ ބަހެއް ދަރިވަރުންނަށާއި ބެލެނިވެރިންނަށް ވަރަށް މުހިންމެވެ. ވަކިން ޚާއްސަކޮށް މިދުވަސްވަރަކީ އިސްލާމް މުގައްރަރު މުރާޖާކުރާ ދުވަސްވަރެއްކަމުގައި ތައުލީމީ ވުޒާރާއިން ރައްޔިތުންގެ މަޖްލިސްގައި ވިދާޅުވެފައިވާތީ މިކަން އިތުރަށް ސާފުވުން މުހިންމެވެ." ޑރ. ފަވާޒް ވިދާޅުވިއެވެ.

އެ ރިޕޯޓްގައި އިސްލާމްދީނާ ދެކޮޅަށް ލިޔެފައިވާ ބައެއް ކަންތައްތައް ފަވާޒް ވަނީ ފާހަގަކުރައްވައިފައެވެ.

އެގޮތުން ސްކޫލްތަކުގެ އިސްލާމް ފޮތުގައި އަޅުގަނޑުމެންގެ ދަރިންނަށް ﷲ ވޮޑިގެންވުން ކިޔަވައިދޭން ފަށަނީ ﷲ ވޮޑިގެންވުމަކީ ސުވާލު ނުއުފެދޭވަރަށް ޔަގީންވާކަމެއްކަމުގައި އޮތްއޮތުމާމެދު ސުވާލު އުފެދޭގޮތަށް އެރިޕޯޓުގައި ލިޔެފައިވާކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

އެ ރިޕޯޓާމެދު ފަވާޒް އިތުރަށް ފާހަގަކުރެއްވި ކަންތައްތައް

  • ކީރިތި މާތް ނަބިއްޔާއަކީ އެހެން ހުރިހާ އިންސާނުންނަށްވުރެ މުސްލިމުން ލޯބިވާންވާ ފަރާތެއްކަމުގައި އިސްލާމް މުގައްރަރުގައި އޮތުމުން އެކަމާ އެރިޕޯޓުގައި ފާޑު ކިޔައިފައިވުން
  • ކީރިތި މާތް ނަބިއްޔާއަކީ ހަރުކަށި ވިސްނުމުގެ ބޭފުޅެއްކަމަށް ދޭހަވާގޮތަށް އެރިޕޯޓުގައި ލިޔެފައިވުން
  • މައްކާގެ މުޝްރިކުން ކީރިތި މާތް ނަބިއްޔާއަށް ކުރި އަނިޔާ އާއި ދުއްތުރާތަައް އިސްލާމް މުގައްރަރުގައި އޮތުމުން އެކަމަކީ މާތް ނަބިއްޔާއަށް އިސްލާމުންގެ މެދުގައި ހަމްދަރުދީ އުފެދޭކަމެއްކަމަށާއި އެކަން އެގޮތައް އޮތުމުން މުސްލިމުން އެހެން ދީންތަކުގެ މީހުންނާ މެދު ނަފްތަރު އުފެދޭކަމަށް އެރިޕޯޓުގައި ލިޔެފައިވުން
  • މައްކާގެ މުޝްރިކުން މުސްލިމުންނަށް ކުރި އަނިޔާ އާއި ދުއްތުރާތަައް އިސްލާމް މުގައްރަރުގައި އޮތުމުން އެކަމަކީ އިސްލާމުނަށް ހަމްދަރުދީ އުފެއްދުމަށް ލިޔެފައިވާ ބައެއްކަމަށާއި އޭގެ ސަބަބުން މުސްލިމުން އެހެން ދީންތަކުގެ މީހުންނާ މެދު ނަފްތަރު އުފެދޭކަމަށާއި ޒުވާނުން ޖިހާދަށް ފޯރިހުންނަކަމަށް އެރިޕޯޓުގައި ލިޔެފައިވުން
  • އެއް މުސްލިމަކު އަނެއް މުސްލިކާ ލޯބިވާންވާނޭކަމަށް އިސްލާމް މުގައްރަރުގައި އޮތުމުން އެރިޕޯޓުގައި ފާޑު ކިޔައިފައިވުން
  • ކީރިތި ގުރުއާނުގައި ޔަހޫދީންނާއި ނަސާރާއިންނަކީ މުސްލިމުންނަށް އިހްލާސްތެރި ބަޔަކަށް ނުވާނެކަމަށް އޮތްއޮތުން އިސްލާމް މުގައްރަރުގައި އޮތުމުން އެކަން މިރިޕޯޓުގައި ކުށްވެރިކޮށްފައިއޮތުން
  • އިސްރާ އާއި މިއުރާޖުގެ ހާދިސާ އަކީ ފުލޯކެއްގޮތުގައި ދޭހަވާގޮތައް އެރިޕޯޓުގައި ލިޔެފައިވުން
  • އެއް ޖިންސުން ގުޅުންހިންގުމާއި ކައިވެނީގެ ކުރިން ގުޅުންހިންގުމާއި ކައިވެނީގެ ބޭރުން ގުޅުންހިންގުމަކީ އިސްލާމު ދީނުގައި ހުއްދަ ނޫން ކަންކަން ކަމުގައާއި އޭގެ ސަބަބުން މުގްތަމައުއަށް ނޭދެވޭ އަސަރުކުރާނެކަމަށް އިސްލާމް މުގައްރަރުގައި އޮތްއޮތުމަށް އެރިޕޯޓުގައި ފާޑު ކިޔައިފައިވުން
comment ކޮމެންޓް