ޕީޖީ ބިޝާމް ވަކިކުރުމުގެ މަސައްކަތް ފަށައި، މަޖިލިސް ރައީސްގެ ސަމާލުކަމަށް

ބިޝާމް: އެނާ ވަކިކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރޮސެކުއުޓާ ޖެނަރަލް އައިޝަތު ބިޝާމް ވަކިކުރުމުގެ މަސައްކަތް ފަށައި، ރައްޔިތުންގެ މަޖިލިސްގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައިފި އެވެ.

ބިޝާމް ޕީޖީގެ މަގާމާ ހަވާލުވީ، ނޮވެމްބަރު 24، 2015 ގައެވެ. މިދިޔަ ސަރުކާރުގައި އެކަމަނާ މަގާމުގައި ހުންވައިގެން އޭރުގެ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ވަނީ އެތަށް ދައުވާތަކެއް ކޮށްފަ އެވެ. އެކަމާ ގުޅިގެން އޭރު އިދިކޮޅު ފަރާތްތަކުން ވަނީ އެ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށް ބުނެ ޕީޖީ ބިޝާމްގެ އިސްތިއުފާއަށް އޭރު ގޮވާލާފަ އެވެ. އަދި ފަހުން ނަވާރަ ވަނަ މަޖިލީހުގައިވެސް ބައެއް މެމްބަރުން ވަނީ ބިޝާމް ވަކިކުރަން ޖެހޭ ކަމަށް ބުނެ ވާހަކަ ދައްކަވާފައެވެ.

ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޕީޖީ ބިޝާމް ވަކިކުރުމަށް ހުށަހެޅީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވި، ވިލިނގިލީ ދާއިރާ މެމްބަރު ސައުދު ހުސައިން އެވެ. އެ ހުށަހެޅުން ފާސްވީ، ކޮމިޓީގެ އަގުލަބިއްޔަތުނެވެ.

މަޖިލިސްއާ ގަވާއިދުގެ 210 ވަނަ މާއްދާގައި ބުނާ ގޮތުން، މިނިވަން މުއައްސާތަކުގެ މެމްބަރުން، މަގާމުން ވަކިކުރުމުގެ މައްސަލަ ގާނޫނު އަސާސީގައިވާ ގޮތުގެމަތިން މަޖިލީހަށް ހުށަހެޅިދާނެ އެވެ. އަދި އެފަދަ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން އެކަން މަޖިލީހުގެ ރައީސް އިއުލާން ކުރުމަށްފަހު، ބަހުސްކުރުމަކާ ނުލައި މައްސަލަ ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ފޮނުވަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އެގޮތުގެ މަތިން ކޮމިޓީން އެ މިހަކު ވަކިކުރުމުގެ ކުރިން އެ މަސައްކަތް ފަށައި މަޖިލިސްގެ ރައީސްގެ ސަމާލުކަމަށް ގެންނަ ޖެހެ އެވެ.

comment ކޮމެންޓް