މަހްލޫފް، ބައްސާމް އަދި ނަޝީދު ނުހިމަނާ ގައުމީ ޓީމަށް ލަފާދޭ ކޮމިޓީ އެކުލަވާލައިފި

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން މަރިޔަމް މިރްފަތު އާއި އެ ޓީމަށް ގިނަ ދުވަހު ކުޅެފައިވާ މަރިޔަމް މުހައްމަދު (މުހައްމަދު) --- ފޮޓޯ/ ފޭސްބުކް

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށާއި ޓީމުގެ އެކްޒެކެޓިވް ކޮމިޓީއަށް ލަފާ ދިނުމަށް އެފްއޭއެމް އިން ހެދި ކޮމިޓީގައި ކުރިން ތިއްބެވި ބައެއް ބޭފުޅުން ނުހިމަނައި، އެ ކޮމިޓީ އަލުން އެކުލަވާލައިފިއެވެ.

ފަހަކަށް އައިސް ރާއްޖޭގެ ފުޓުބޯޅައަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ސަބަބުން ފުޓުބޯޅައަށް އޮތް ފޯރި އަލުން އަނބުރާ ގެނެވޭނެ ގޮތްތަކާ މެދު މަޝްވަރާކޮށް ހެދުމަށް އެފްއޭއެމް އިން އިސްނަގައިގެން ވަނީ ގައުމީ ޓީމަށް ލަފާ ދޭ ކޮމިޓީގެ ނަމުގައި ކޮމިޓީއެއް އެކުލަވާލައިފަ އެވެ.

އެ ކޮމިޓީގައި ފުރަތަމަ ހިމެނުނީ، ސްޕޯޓްސް މިނިސްޓަރު މަހުލޫފް އަދި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ކޮމިޓީގެ ޗެއާމަންގެ މަގާމުގައި މިވަގުތު ހުންނެވި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ. ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތަކާއި އެހެން ބައެއް އެސޯސިއޭޝަންތަކުގެ ޝަކުވާއާ އެކު މަހްލޫފް ވަނީ ކޮމިޓީއިން ނަން އަނބުރާ ގެންދަވާފަ އެވެ. އެހެން ނަމަވެސް އޭނަގެ ފުރިހަމަ އެއްބާރުލުން ކޮމިޓީއަށް ބޭނުންވެއްޖެ ހާލަތެއްގައި ލިބޭނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

އަދި ފަހުން އެކުލަވަލިއިރު ބައްސާމާއި މޫސާ ނާޝިދު ވެސް ހިމެނިވަޑައިނުގަންނަވަ އެވެ. ބަދަލުގައި ހިމެނީ އެފްއޭއެމްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އަހުމަދު ޝަކީބް (ޑޮކް) އާއި ގައުމީ ޓީމު ކޮމިޓީގެ ކުރީގެ މެމްބަރު އަލީ ނާޝިދު (އޮގަރު އައްޔަ) އަދި ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން މަރިޔަމް މިރުފަތެވެ.

މިރްފަތަކީ ކުރިން ގައުމީ ޓީމަށް 13 އަހަރު ވަންދެން ކުޅެދީ އެ ޓީމުގެ ކެޕްޓަންކަން ކުރި ކުޅުންތެރިޔެކެވެ. އޭނާއަކީ އެ ޓީމުގެ ފުރަތަމަ ކެޕްޓަންކަން ވެސް ކުރި ކުޅުންތެރިޔާއަށްވާ އިރު އޭނާ ވަނީ ނިއުރޭޑިއަންޓުގެ އަންހެން ޓީމަށް ވެސް ކެޕްޓަންކަން ކޮށްދީފައެވެ. އޭނާ ވަނީ އޭނާ ގައުމީ ޓީމަށް ކުޅެން ފެށި ފަހުން އެންމެ މެޗެއް ފިޔަވާ އެހެން ހުރިހާ މެޗެއް ކުޅެފައެވެ.

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން މަރިޔަމް މިރްފަތު --- ފޮޓޯ// ފޭސްބުކް

އޭނާ ގައުމީ ޓީމުން ރިޓަޔާ ކުރީ، 2017 ވަނަ އަހަރުގެ ޖަނަވަރީ މަހު އެވެ. އޭނާއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަންހެން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔަކަށް ވާ އިރު އޭނާ ވަނީ ފުޓްސަލްގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ކުލަބު މޯލްޑިވްސް ކަޕުގައިވެސް އިމިގްރޭޝަނާ އެކު މޮޅު ކުޅުމެއް ދައްކައި، ޗެމްޕިއަންކަން ހޯދައިފައެވެ.

އެ ކޮމިޓީގެ ޗެއާމަން އަލީ ވަހީދު ދާދި ފަހުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ގައުމީ ޓީމަށް ލަފާ ދޭ ކޮމިޓީގައި އަންހެން ބޭފުޅަކު އިނުމަކީ ވެސް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ފަސް ބޭފުޅަކު އެ ކޮމިޓީގައި ތިބި ނަމަވެސް ފުޓުބޯޅަ އިނގޭ އެހެން ފަރާތްތަކުގެ އެހީތެރިކަން ވެސް ކޮމިޓީއަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

މި ކޮމިޓީގެ މައިގަނޑު މަގުސަދަކީ ފުޓުބޯޅައިގެ މުސްތަގުބަލަށް އުންމީދީ ބަދަލުތަކެއް ގެނައުމަަށް ކުރަން ޖެހޭ މަޝްވަރާކޮށް ފުޓުބޯޅައާ ގުޅޭ ކަންތައްތައް ކުރިއެރުވޭނީ ކިހިނެތްތޯ ބަލައި، ދިރާސާކުރުމާއި ގައުމީ ފުޓުބޯޅަ ޓީމަށް ކާމިޔާބު ހޯދޭނެ ގޮތްތައް ހޯދައި ފޯމިއުލާއެއް އެކުލަވާލުން ކަމަށް އެފްއޭއެމުން ބުނެއެވެ.

comment ކޮމެންޓް