ޔާމީން ރަޝީދު މައްސަލައިގެ ހުކުމް އިންސާފުވެރިވާނެ ކަމަށް ރައްޔިތުންނަށް ގަބޫލެއް ނުކުރެވޭނެ: ވަކީލް މައުމޫން

މައުމޫން ހަމީދު: އޭނާ އަކީ ޔާމީންގެ މައްސަލައިގައި ދައުވާ ލިބޭ އިސްމާއިލް ރަޝީދުގެ ވަކީލު --

ތޫނު އެއްޗަކުން ހަމަލާދީ ރަހުމްކުޑަ ގޮތަކަށް މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމީން ރަޝީދު މަރުގެ މައްސަލައިގައި ކޮންމެ ގޮތަކަށް ހުކުމް ކުރިއަސް އެ ހުކުމް ކުރީ އިންސާފުން ކަމެއް ރައްޔިތުންނަށް ގަބޫލު ކުރަން ދަތިވާނެ ކަމަށް އެ މައްސަލައިގައި ދައުވާ ލިބޭ އިސްމާއިލް ރަޝީދުގެ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.

ޔާމީން ރަޝީދު މާރާލީ 2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ. އެ މައްސަލާގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާކޮށްފައި ވަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި، ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދެވެ.

އެ މައްސަލައިގައި މި މަހުގެ 10 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ބުނެފައި ވަނީ، ދައުލަތުގެ ފަރާތުން ހުށަހެޅި ސިއްރު ހެކިވެރިންނަށް އަނިޔާކޮށް، ބިރުދައްކަމުންދާ ކަމަށެވެ. އެހެންކަމުން ބައެއް މީހުން ހެކިބަސް ދޭން ބިރުގަންނަ ކަމަށް ދައުލަތުން ބުންޏެވެ.

އެ އަޑުއެހުމުގައި، އިސްމާއިލް ރަޝީދުގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ، އަނިޔާކޮށް ބިރުދައްކާ ކަމުގެ ތުހުމަތަކީ ސީރިޔަސް ތުހުމަތެއް ކަމަށާއި އެ ތުހުމަތު ރައްދު ވަނީ ދައުވާ ލިބޭ އެންމެނަށް ކަމަށެވެ.

ޔާމީން ރަޝީދުގެ މަރު: ޖިސްމާނީ އަނިޔާ ކުރާތީ ހެކިބަސްދޭން ދެކޮޅު ހަދަނީ

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައިވެސް މައުމޫން ވަނީ އެކަން ތަކުރާރުކުރައްވައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެފަދަ ތުހުމަތެއް ދައުވާ ލިބޭ އެންމެންގެ މައްޗަށް ދައުލަތުން ކުރާ، އިރު އެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ މައްޗަށް ދައުވާކޮށްފައި އޮތްތޯ ކުޑަމިނުން ބުނެދޭން މައުމޫން އެދިވަޑައިގަތެވެ.

ދައުލަތުގެ ވާހަކަތަކުގެ ސަބަބުން މުޖުތަމައުގައި އެކި ގޮތްގޮތަށް ބިރު ދެއްކުމުގެ ވާހަކަ ދެކެވެމުންދާ ކަމަށް މައުމޫން ވިދާޅިވި އެވެ. އަދި ރިޔާސީ ކޮމިޝަނެއްގެ އިސްވެރިއަކުވެސް ހެކިވެރިންނަށް ބިރުދައްކާ މައްސަލައިގައި އެއްޗެއް ބުނެފައިވާ ކަމަށް ވިދާޅުވެ، މައުމޫން ސުވާލު އުފެއްދެވީ، ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ވަނީ ކިހާ ހިސާބަކަށް އެކަންތައް ދިޔުމުންތޯ އެވެ.

ޖަވާބުގައި ދައުލަތުން ބުނީ، ހެކިވެރިންނަށް ބިރުދައްކައި އަނިޔާ ކުރި މައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ. އެކަމަކު، އިތުރު މައުލޫމާތެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.

މައުމޫން މިއަދު މިއަދު ވިދާޅުވީ، ހެއްކަށް ނުފޫޒު ފޯރުވާ ކަމުގެ ވާހަކަތައް ދައުލަތުން ބުނުމުން، ދެން އެ މައްސަލައިގައި ކޮންމެ ގޮތަކަށް ހުކުމް ކުރިއަސް އެ ހުކުމަކީ އިންސާފުވެރި ހުކުމެއް ކަމަށް ރައްޔިތުންނަށް ގަބޫލެއް ނުކުރެވޭނެ ކަމަށެވެ.

ޔާމީންގެ ވާހަކަތައް ތަކުރާކު ކުރައްވާ ކަމަށް އެ މައްސަލައިގައި ދައުވާ ލިބޭ ދިފްރާންގެ ވަކީލު ވަނީ ވިދާޅުވެފަ އެވެ.

ޔާމީން(މ) އަށް ހަމަލާ ދިން ކަމަށް ތުހުމަތުކޮށް ފޮޓޯ އާއްމުކުރި ދެ މީހުން ދެ ފަރާތުގައި ---

ދެ ފުލުހެއްގެ ހެކިބަސް ނެގި

މިއަދު ބޭއްވި އަޑުއެހުމަކީ ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިންގެ ތެރެއިން، ފިންގަޕްރިންޓް ރިޕޯޓާއި ކްރައިމް ސީން ރިޕޯޓް ހެދި ފުލުހުންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ.

ފިންގަޕްރިންޓް ރިޕޯޓު ހެދި ފުލުހުންގެ އޮފިޝަލު އަހުމަދު އަދުހަމް ވިދާޅުވީ، ޔާމީން މަރާލި އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ލިފްޓުގެ ބޭރުގައި ހުރި ކެމެރާއަކުން ނެގި ފިންގާޕްރިންޓް ހައިޝަމްގެ ފިންގާޕްރިންޓާ ދިމާވާ ކަމަށެވެ. ރާއްޖޭގައި ފިންގަޕްރިންޓު ދިމާވާ ކަމަށް ނިންމަނީ އަށް ސިފަ ދިމާވުމުން ކަމަށް އޭނާ ވިދާޅުވި އެވެ. ކެމެރާއިން ފެނުނު ފިންގަޕްރިންޓުގައި ހުރި 14 ސިފަ ހައިޝަމްގެ ފިންގަޕްރިންޓާ ދިމާވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ހައިޝަމް ފިޔަވައި އެހެން މީހެއްގެ ފިންގަޕްރިންޓަށް ނުވާނެ ކަމަށްވެސް އަދުހަމް ވިދާޅުވި އެވެ.

ހައިޝަމްގެ ވަކީލު، އަދުހަމްއާ ސުވާލު ކުރަމުން އެހީ، ދައުވާ ލިބޭ އެންމެންގެ ފިންގާޕްރިންޓާއި ކެމެރާއިން ފެނުނު ފިންގާޕްރިންޓާ އަޅާކިތޯ އެވެ. އަދުހަމް ވިދާޅުވީ އޭނާ އެގޮތަށް އަޅާކީ ކަމަށެވެ. ފިންގަޕްރިންޓު ސާމްޕަލް ނެގެމުން ދިޔުމުގެ ކުރިން އެހެން ފުލުހުންތަކެއް ފިންގަޕްރިންޓު ނަގަން މަސައްކަތް ކުރިތޯ ސުވާލު ކުރުުން އަދުހަމް ވިދާޅުވީ، އެކަން އެނގިފައި ނުވާ ކަމަށެވެ. ފިންގްޕްރިންޓު ހައިޝަމްގެ ފިންގާޕްރިންޓާ ދިމާވީ ސޮފްޓްވެއާއެއް ބޭނުން ކޮށްގެންތޯ އެހުމުން އަދުހަމް ވިދާޅުވީ، ފިންގާޕްރިންޓު ނަގަނީ މެނުއަލްކޮށް، އަމިއްލައަށް އަޅާ ކިޔައިގެން ކަމަށެވެ. އޭގެ އިތުރުން، ފިންގަޕްރިންޓު ރިޕޯޓުގައި ނަތީޖާއަށް ވާސިލުވިގޮތް ނެތީ ކީއްވެތޯވެސް ވަކީލު ސުވާލު ކުރެއްވި އެވެ. އަދުހުމް ވިދާޅުވީ، ނަތީޖާއަށް ވާސިލުވި ގޮތް ބަޔާން ކުރުން ކޮންމެހެން މުހިންމު ނޫން ކަމަށެވެ. އަދި އެއީ އެހެން ގައުމުތަކުގައިވެސް އަމަލު ކުރާ ގޮތް ކަމަށް ވިދާޅުވި އެވެ.

ހައިޝަމްގެ ވަކީލު ވަނީ ކްރައިމް ސީން ރިޕޯޓުގައި ޗެއިން އޮފް ކަސްޓަޑީގައި މައްސަލައެއް އުޅޭ ކަމަށް ބުނެ އެ ރިޕޯޓް ތައްޔާރު ކުރި ފުލުސް އޮފިޝަލުގެ ހެކިބަސް ނެގުމަށް އިއުތިރާޒުކޮށްފަ އެވެ. އޭނާ ފާހަގަ ކުރެއްވި މައްސަލައަކީ، ފިންގަޕްރިންޓާ ހަވާލުވި މީހެއްގެ ގޮތުގައި ކްރައިމް ސީން ރިޕޯޓު ތައްޔާރު ކުރި އޮފިސަރު ސޮއި ކުރުމަށް ފަހު އެ ސޮއި ކަނޑާލައި ފަހުން އަދުހަމްގެ ސޮއިކޮށްފައިވާ މައްސަލައެވެ. އެކަމަށް ދެކޮޅު ހަދަމުން ދައުލަތުން ބުނީ، އެ ހެކި ބަލައިނުގަތުމަށް ޝަރީއަތުގައި ނޭދެވޭނެ ކަމަށާއި، އެގޮތަށް އެދެވޭނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ކަމަށެވެ.

މިއަދު ސީން އޮފް ކްރައިމް ރިޕޯޓު ތައްޔާރު ކުރި އޮފިސަރުގެ ހެކިބަސްވެސް ވަނީ ނަގައި ނިންމާލައިފަ އެވެ. އެ އޮފިސަރު ވިދާޅުވީ އެ ރިޕޯޓަކީ އޭނާ އެކުލަވާލި ސައްހަ ރިޕޯޓެއް ކަމަށެވެ. ފިންގާޕްރިންޓު ހިމެނޭ ގޮތަށް ސީނުން ނެގި ހުރިހާ އެވިޑެންސް ގެންދިޔައީ އޭނާ ކަމަށްވެސް އޮފިސަރު ވިދާޅުވި އެވެ. ދިފާއީ ވަކީލު އެ އޮފިސަރާ ސުވާލެއް ނުކުރައްވަ އެވެ.

ޔާމީންގެ މައްސަލައިގައި އަދިވެސް އިތުރު ހެކިވެރިންގެ ހެކިބަސް ނެގުން އެބަ އޮތެވެ. ދެން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާނީ އަންނަ މަހު އެވެ.

comment ކޮމެންޓް