ކަލިނަރީ ޗެލެންޖުގައި ސަމާ އައިލެންޑްގެ ޝެފުން ވިދާލައިފި

ކަލިނަރީ ޗެލެންޖްގައި ބައިވެރިވި ސަމާ އައިލެންޑް މޯލްޑިވްސްގެ ޝެފުން -- ފޮޓޯ: ސަމާ އައިލެންޑް މޯލްޑިވްސް

ނިމިދިޔަ ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖްގައި ބައިވެރިވެ، ސަމާ އައިލެންޑް މޯލްޑިވްސްގެ ޝެފުން މަތީ ވަނަތަކެއް ހޯދައިފިއެވެ.

ސަމާ އައިލެންޑުން ބުނީ ކަލިނަރީ ޗެލެންޖުގެ ނުވަ ކެޓަގަރީއަކުން އެ ރިސޯޓުގެ ޝެފުންނަށް އެކި ވަނަތައް ލިބިފައިވާ ކަމަށެވެ.

ސަމާ އައިލެންޑް މޯލްޑިވްސް -- ފޮޓޯ/ ސަމާ އައިލެންޑް މޯލްޑިވްސް

އެ މުބާރާތުގެ މޯލްޑިވިއަން ޑިޝް ކެޓަގަރީން މުހައްމަދު ފަނީޒަށް ރަން މެޑަލް ލިބުނުއިރު، ދިނޭޝް މަދުޝަންކަ ވަނީ ހޮޓް ކުކިންގް ބީފް ކެޓަގަރީން ރިހި މެޑަލް އަދި ހޮޓް ކުކިންގް ފިޝް ފިލޭ ކެޓަގަރީން ލޯ މެޑަލް ހޯދާފައެވެ.

އަދި ކްރިއޭޓިވް އޭޝިއަން ޑިޝް ކެޓަގަރީން ރަމޭޝް ރަމަސްވާމީއަށް ރިހި މެޑަލްއެއް ލިބުނުއިރު، ހޮޓް ކުކިންގް ފިޝް ފިލޭއާއި ހޮޓް ކުކިންގް ޕޯލްޓްރީ ކެޓަގަރީން މުހައްމަދު ކައްނަޔަން އަދި ޕުޝްކާރަށް ވަނީ ލޯ މެޑަލް ލިބިފައެވެ.

އޭގެ އިތުރުން ސަމާ އައިލެންޑްގެ އިތުރު ތިން ޝެފެއް ވަނީ އެކި ކެޓަގަރީތަކުން ވަނަތައް ހާސިލުކޮށްފައެވެ.

މިއަހަރުގެ ކަލިނަރީ ޗެލެންޖްގައި ރާއްޖެއާއެކު މެލޭޝިއާއާއި ސްރީލަންކާގެ ރިސޯޓްތަކާއި ރެސްޓޯރެންޓްތަކުން 600 އަށް ވުރެ ގިނަ ޝެފުން ވަނީ ބައިވެރިވެފައެވެ. މިއީ މިހާތަނަށް އެ މުބާރާތުގައި އެންމެ ގިނަ ފަރާތްތަކުން ބައިވެރިވި ފަހަރުވެސްމެއެވެ.

ސަމާ އައިލެންޑް މޯލްޑިވްސްއަކީ ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސްއިން ހިންގާ ރިސޯޓެކެވެ. އެ ކުންފުނިން ހިންގާ އިތުރު ޕްރޮޕަޓީތަކަކީ ކ. އެނބޫދޫގައި ހިންގާ "އެނބޫދޫ ވިލެޖް" ރިސޯޓާއި، އައްޑޫ ގަމުގައި ހިންގާ އީކުއޭޓާ ވިލެޖު ހޮޓެލްގެ އިތުރުން މާލޭގެ ކާމް ހޮޓެލް، މޫކައި ހޮޓެލް އަދި މޫކައި ސުއީޓްސްއެވެ.

comment ކޮމެންޓް