ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ކަމަށް ފަތުހުﷲ އާއި ނާޝިދުގެ ނަން ފޮނުވައިފި

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރުމަށް ރައީސް ނަން ފޮނުއްވި ފަތުހުﷲ ޖަމީލް (ވ) އަދި އިސްމާއިލް ނާޝިދު (ކ)

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނުކުރުމަށް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކުރީގެ ޑިރެކްޓަރު ފަތުހުﷲ ޖަމީލް އަދި ކަސްޓަމްސްގެ އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނާޝިދުގެ ނަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވައިފިއެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ އިތުރުން، ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ޝަރުތު ހަމަވާ ބޭފުޅުންގެ ނަންތައް، ރައީސް އިސްކަންދެއްވާ ތަރުތީބުން މިއަދު ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ކަމަށް އައްޔަން ކުރުމަށް ރައީސް ފޮނުއްވާފައި ވަނީ ފަތުހުﷲ އާއި ނާޝިދުގެ ނަން އެކަންޏެވެ. ރައީސް އެ ދެ ބޭފުޅުންގެ ނަންތައް ތަރުތީބުކުރެއްވީ ފަތުހުﷲއަށް އިސްކަން ދެއްވާފައެވެ.

ނަމަވެސް ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހަ ބޭފުޅެއްގެ ނަން ރައީސް ވަނީ ފޮނުއްވައިފައެވެ. އެ ބޭފުޅުންނަކީ:

  • މުހައްމަދު ސިރާޖު މުނީރު / ދަނޑިމަގު، ނިއުލައިޓް، ޏ. ފުވައްމުލައް
  • އަސްމާ ޝަފީއު / ވައިޖެހޭގެ، ހއ. އިހަވަންދޫ
  • އިސްމާއިލް ސާޖިދު / މއ. ވިލާރޮދި
  • އަހްމަދު ޝަރީފް / އަނބުގަސްދޮށުގެ، ނ. މަނަދޫ
  • އަހްމަދު ވާފިރު / ވ. އެލަމް
  • ހަމްދީ އަގީލް / ހ. ރަންގަލި 4

މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެ ދެބޭފުޅުންގެ ނަން ދިރާސާ ކުރަން އިގްތިސާދީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް މީހަކު ހޯދުމަށް މިދިޔަ މަހު އިއުލާނުކުރީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހަކާ އެކު އެވެ. އޭރު އެ މަގާމުގައި ހުންނެވީ ޔަޒީދު މުހައްމަދެވެ. ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވީ ހަސަން ޒަރީރެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް މިފަހުން މަޖިލީހުން ގެނައި ބަދަލުގައިވާ ގޮތުގައި ބިލް ތަސްދީގުކުރާ ތާރީހުން ފެށިގެން، 30 ދުވަހުގެ ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަނާއި އޭނާގެ ޑެޕިއުޓީގެ މަގާމަށް ރައީސް ބޭފުޅުން ހަމަޖައްސަވަން ޖެހެ އެވެ.

އެ މުއްދަތު މިދިޔަ ހޮނިހިރު ދުވަހު ހަމަވެފައި ވާއިރު، މީރާ މިވަގުތު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ.

comment ކޮމެންޓް