ގައުމީ ޓީމަށް ލަފާދޭ ކޮމިޓީގެ ޗެއާމަނަކަށް އަލީ ވަހީދު

އަލީ ވަހީދު -- ސަން ފޮޓޯ: މުޒައްޔިން ނާޒިމް

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ކަންކަމުގައި ލަފާދީ އެހީތެރިވެދޭން އެފްއޭއެމުން އެކުލަވާލި ފަސް މެމްބަރުންގެ ކޮމިޓީގެ ޗެއާމަނަކަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އައްޔަންކޮށްފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ޒުވާން ގައުމީ ޓީމު ހޯދި ކާމިޔާބީގެ ފާހަގަ ކުރުމަށް ހޮޓެލް ޖެންގައި މިރޭ ވަނީ ހާއްސަ ބައްދަލުވުމެއް ބާއްވައިފަ އެވެ. މި ބައްދަލު ވުމުގައި ކުޅިވަރާ ބެހޭ ވަޒީރުގެ އިތުރުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި ގައުމީ ސީނިއާ ޓީމުގެ ބައެއް ކުޅުންތެރިން ވެސް ވަނީ ބައިވެރިވެފަ އެވެ. މިރޭގެ އެ ބައްދަލުވުމުގައި ފުޓުބޯޅައިގެ މުސްތަގުބަލާއި މެދު އުންމީދީ ގިނަ ވާހަކަތަކެއް ދެކެވިގެން ދިޔައިރު އެންމެން ވެސް އެންމެ ފާހަގަ ކުރި ކަމަކީ ރާއްޖޭގެ ޒުވާން ޓީމުތައް ހޯދަމުން އަންނަ ކާމިޔާބީތަކުގެ ވާހަކަތަކެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެފްއޭއެމް ރައީސް ވަނީ ފުޓުބޯޅައަށް ކުރަމުން އަންނަ އުންމީދަށް ވަރަށް ބޮޑަށް އަލިއަޅުވާލައިފަ އެވެ. އަދި އޭގެން ނެރެން ބޭނުންވާ ނަތީޖާތައް ނެރުމަށް ގައުމީ ޓީމަށް ލަފާދޭ އެކްޒެކެޓިވް ކޮމިޓީއެއް ހަދަން ނިންމަވާފައިވާ ކަން މީގެ ކުރިން ވެސް ފާހަގަ ކުރައްވާފައިވާ އިރު، މިރޭ ވަނީ އެ ކޮމިޓީގެ ޗެއާމަނަކަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އައްޔަން ކުރައްވާފައިވާ ކަން އިއުލާން ކޮށްފަ އެވެ.

"މިހާރު އޮތް ކޮމިޓީއަށް ލަފާ ދިނުމަށް އަޅުގަނޑުމެންވާނީ އެކްޒެކެޓިވް ކޮމިޓީއެއް އެކުލަވާލައިފަ. މިއަދު އަޅުގަނޑުމެން ނިންމި ނިންމުމަކީ މި ކޮމިޓީގެ ޗެއާމަންކަމުން ދުރަށް އަޅުގަނޑު ޖެހިވަޑައިގެން އެ މަގާމު އަދުގެ ޒުވާން، އަދި ހީވާގި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދާއި ހަވާލު ކުރެއްވުމަށް،"

ބައްސާމް ވިދާޅުވީ، އަލީ ވަހީދަކީ ޓުއަރިޒަމް މިނިސްޓްރީގެ މަގާމުގައި ހުންނެވި ނަމަވެސް ފުޓުބޯޅައިގެ މީހެއް ކަމަށެވެ. އެގޮތުން ފުޓުބޯޅަ ކުލަބުތަކުގެ މެނޭޖަރުކަން ވެސް މީގެ ކުރިން ކުރައްވާފައިވާ އަލީ ވަހީދު ވަނީ ފުޓުބޯޅައަށް އިންގިލާބީ ބަދަލެއް ގެންނަވާފައިވާ ކަމަށް ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމްއިން ކުރިން އިއުލާން ކުރި ގައުމީ ޓީމަށް ލަފާ ދޭ ކޮމިޓީގައި ދެން ހިމެނެނީ ސްޕޯޓްސް މިނިސްޓަރު މަހުލޫފް އަދި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދެވެ.

ނަމަވެސް ރައްޔިތުންގެ ފާޑު ކިޔުމާއި ބައެއް އެސޯސިއޭޝަންތަކުގެ އެދުމުގެ މަތިން ގައުމީޓީމަށް ލަފާ ދޭ ކޮމިޓީގައި ބައިވެރި ނުވާން މަހްލޫފް ވަނީ ނިންމާފަ އެވެ. އެއާ އެކު އެ މަގާމަށް ޔޫތް މިނިސްޓްރީގެ އެހެން ބޭފުޅަކު އައްޔަން ކުރައްވާނެ ކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.

"ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފްގެ އެހީތެރިކަން މި ކޮމިޓީއަށް އަބަދުވެސް ލިބިގެންދާނެ. އެގޮތުން އެބޭފުޅާގެ ބަދަލުގައި ރެޕްރެޒެންޓޭޓް ކުރާނެ ފަރާތެއް ކޮމިޓީގައި ހިމެނިގެންދާނެ." ބައްސާމް ވިދާޅުވި އެވެ.

މީގެ އިތުރުން، އެފްއޭއެމްގެ ޓުވާޑްސް ފިއުޗާރގެ ބެނާގެ ދަށުން ޒުވާން ޓީމުތަކާ ސީނިއާ ޓީމުތަކުގެ އިތުރުން ޖުމްލަކޮށް މުޅި ފުޓުބޯޅައަށް ބަދަލުތަކެއް ގެނައުމުގައި މި އެކުލަވާލި ކޮމިޓީގައި އަލީ ވަހީދުގެ އިސްނެގުމާ އެކީ މަސައްކަތް ކުރެވިގެންދާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް ބައްސާމް ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ، ކޮމިޓީގެ މައްސަލައިގައި މިހާތަނަށް އެއްޗެއް ނުބުނެ މަޑު ޖައްސާލައްވައިގެން ހުންނެވީ ރައީސްގެ ހުއްދަ އެކަމަށް ލިބިވަޑައިގަންނަވަންދެން ކަމަށެވެ. އަދި އެ ހުއްދަ ރައީސް މިހާރު ދެއްވާފައިވާ ކަމަށާއި ކޮމިޓީގެ ކަންކަމަށް ދުވާލަކު 90 މިނިޓުގެ ވަގުތު ހޭދަ ކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް