ޓެކުނޮލޮޖީ ބޭނުންކުރުމަށް މުދައްރިސުން ޖެހިލުންވަނީ ކީއްވެ؟

5 އޮކްޓޯބަރު 2017: މުދައްރިސުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން: ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އުނގަންނައިދިނުމުގައި ޓެކުނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމަށް ބޭނުން ނުވާ މުދައްރިސުންނާ ތިބާއާ ބައްދަލުވޭ ހެއްޔެވެ؟ ނުވަތަ ޓެކުނޮލޮޖީ ބޭނުންކުރާނެ ގޮތް ރަނގަޅަށް ނޭނގޭ މުދައްރިސުން މިހާރު ވެސް އުޅޭ ހެއްޔެވެ؟ ވޭތުވެ ދިޔަ 10 ވަރަކަށް އަހަރު ތެރޭގައި މިފަދަ ގިނަ މުދައްރިސުންނާ އެކި ފަހަރުމަތިން އަޅުގަނޑާ ބައްދަލުވި އެވެ. އިސްކޫލުތަކާއި މަތީ ތައުލީމުދޭ މަރުކަޒުތަކުންނެވެ. އުނގަންނައިދިނުމުގައި ޓެކުނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުގެ އަޑުތައް ގަދަވެފައިވާ ޒަމާނެއްގައި މިކަން މިހެން ދިމާވަނީ ކީއްވެ ހެއްޔެވެ؟

އުނގަންނައިދިނުމުގައި ޓެކުނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމަށް މުދައްރިސުން ދެކޮޅުހަދާ އާއްމު ސަބަބު، މުދައްރިސުންގެ ޓެކުނޮލޮޖީގެ ހޭލުންތެރިކަމާ ގުޅިފައިވެ އެވެ. މިގޮތުން ރަނގަޅު މައުލޫމާތު ލިބިފައި ނެތުމުގެ ސަބަބުން ޓެކުނޮލޮޖީގެ ވަސީލަތެއް ބޭނުންކޮށްގެން ކިޔަވައިދިނުމަކީ ރިސްކެއް ކަމުގައި ގަބޫލުކުރެވި، ރިސްކެއް ނެގުމަށް މުދައްރިސުން ޖެހިލުންވެ އެވެ. އެހެނީ އުނގަންނައިދިނުމުގައި ދަރިވަރަށް ނަގުލުކޮށްދޭން ބޭނުންވާ މައުލޫމާތާއި ހުނަރު ފުރިހަމައަށް ފޯރުކޮށްދެވުމުގެ ކަށަވަރުކަން މުދައްރިސް ބޭނުންވެ އެވެ. ޓެކުނޮލޮޖީގެ ވަސީލަތެއް ބޭނުންކުރުމުން މިކަށަވަރުކަން ކުޑަވާ ނަމަ، އުނގަންނައިދިނުމުގައި މިފަދަ ވަސީލަތެއް ބޭނުންކުރުމަށް މުދައްރިސް ޖެހިލުންވުމަކީ ޠަބީއީ ކަމެކެވެ. އެހެންގޮތަކަށް ބުނާ ނަމަ، ކިޔަވައިދިނުމުގެ މާހައުލީ ނިޒާމުގެ ތެރެއަށް ބޭރުންގެނެވި ތައާރުފު ކުރެވޭ ވަސީލަތެއް ބޭނުންކޮށްގެން "މުޖައްރިބު" ނޫން ނަތީޖާއެއް ނިކުމެދާނެ ކަމެއް ކުރުމަށް މުދައްރިސް ޖެހިލުން ވަނީ އެވެ.

ދިރާސާތަކުން އެނގޭ ގޮތުގައި އުނގަންނައިދިނުމުގައި ޓެކުނޮލޮޖީ ބޭނުންކުރުމާއި ކުރެވޭ މިންވަރު މައިގަނޑު ދެކަމަކާ ގުޅިފައިވެ އެވެ. އެއްކަމަކީ ޓެކުނޮލޮޖީ ބޭނުންކުރުމާ ބެހޭ ގޮތުން މުދައްރިސްގެ މައުލޫމާތު ހުރިމިންވަރަކާއި އެކަމުގެ ގާބިލުކަން ލިބިފައިވާ މިންވަރެވެ. މާނައަކީ އުނގަންނައިދިނުމުގައި ޓެކުނޮލޮޖީ ބޭނުންކުރާނީ ކޮންގޮތަކަށްކަން މުދައްރިސަށް އެނގުމާ އެކު، ހަރުދަނާ ރަނގަޅުގޮތެއްގައި މި ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދެވޭނެކަމުގެ ގާބިލުކަން ހުރިކަމަށް މުދައްރިސަށް ގަބޫލުކުރެވޭ މިންވަރެވެ. އެހެނީ މުދައްރިސަށް މިކަން ގަބޫލުކުރެވޭ ނަމަ އެއީ ބޭނުންތެރި ވަސީލަތެއް ކަމުގައި އޭނާ ދެކޭނެ އެވެ. ބޭނުންތެރި ވަސީލަތެއް ކަމުގައި ދެކޭ ނަމަ އުނގަންނައި ދިނުމުގައި އެވަސީލަތް ބޭނުންކުރުމަށް ބޭނުންވާނެ އެވެ. ނުވަތަ ބޭނުންކުރާނެ އެވެ. ނަތީޖާއަކަށް ވާނީ ކިޔަވައިދިނުމުގައި ޓެކުނޮލޮޖީގެ ވަސީލަތެއް ތަޖުރިބާކުރުމަކީ ނަގާ ރިސްކެއް ކަމުގައި ގަބޫލުކުރާ މިންވަރު މިފަދަ މުދައްރިސުންގެ ކުޑަވުމެވެ.

ދެވަނަ ކަމަކީ ކިޔަވައިދޭ މާހައުލާ ގުޅިފައި ހުންނަ އާދަކާދަތަކާއި ގަބޫލުކުރުންތަކާއި، މާހައުލުން ފަހިކޮށްދެވޭ ކަންކަމެވެ. މީގެތެރޭގައި ކިޔަވައިދިނުމުގެ ތެރެއިން ހާސިލުކުރަން ބޭނުންވާ މަގުސަދުތަކާއި ކިޔަވައިދެވޭ މާއްދާގެ ބާވަތް ނުވަތަ ޒާތާއި އެ މާއްދާ ކުރިއްސުރެ އުނގަންނައިދެމުން އައިސްފައިވާ ގޮތް ހިމެނެއެވެ. އެހެނީ ކިޔަވައިދިނުމަކީ ކިލާހުގައި ހިނގާ އުނގެނުމުގެ އާއްމު ހަރަކާތަކަށް ވުރެ ފުޅާ މާނައެއްގައި މުދައްރިސުން ދެކޭ ކަމެއްކަމުގައި ފާހަގަކުރެވިފައިވެ އެވެ. މިސާލަކަށް، މުދައްރިސް ބޭނުންވާނީ ހިސާބު އިލްމުގެ ވަކި އެއްޗެއް، ސައިންސުގެ ވަކި ކޮންސެޕްޓެއް ނުވަތަ ކިޔުމުގެ ވަކި ހުނަރެއް ބޭނުންކޮށްގެން ލިޔުމެއް ކިޔަން ދަރިވަރަށް ދަސްކޮށްދިނުމަށެވެ. މިހެންވުމުން ކިޔަވައިދިނުމުގެ ފުޅާ މާނައަށް ވުރެ ބޮޑަށް އުނގަންނައިދިނުމުގެ މަގުސަދަށް މުދައްރިސްގެ ވިސްނުން އަމާޒުވާކަމަށް ފާހަގަކުރެވެ އެވެ. ނަތީޖާއަކީ ކިޔަވައިދިނުން ފަރުމާކޮށް، ލެސަންޕްލޭން ހެދުމުގައި ކިޔަވައިދޭން އެކަށައަޅާ ގޮތްތަކާއި، ބޭނުންކުރާނެ ގޮތްތަކާއި އާލާތްތައް، ފިލާވަޅުގެ މަގުސަދާ ފުށުއަރާ ނަމަ، ނުވަތަ ފުށުއަރައިފާނެ ކަމަށް މުދައްރިސަށް ގަބޫލުކުރެވޭ ނަމަ އެގޮތެއް ނުވަތަ އާލާތެއް ބޭނުން ނުކުރުމެވެ. މުދައްރިސާ ބީރައްޓެހި، ޔަގީންކަން ނެތް ޓެކުނޮލޮޖީގެ ވަސީލަތްތައް ބޭނުން ނުކުރުމެވެ.

މިނުކުތާގައި ފާހަގަކޮށްލަން ބޭނުންވާ އަނެއް ކަމަކީ މުދައްރިސްގެ ކިޔަވައިދިނުމުގެ މާހައުލުގައި ކަންކަން ބައްޓަން ވެފައިވާ ގޮތަކީ، އޭނާގެ ވިސްނުމަށް ނުފޫޒުފޯރުވާ ކަންތައްތަކެއްކަން ދިރާސާތަކުން ފާހަގަ ކުރެވިފައި ވާކަމެވެ. ޚާއްސަކޮށް އެކުގައި މަސައްކަތްކުރާ އެހެން މުދައްރިސުންގެ ވިސްނުމާއި ފިކުރުން، އުނގަންނައި ދިނުމުގައި ޓެކުނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމާ މެދު މުދައްރިސް ދެކޭގޮތަށް އަސަރުކުރާކަން ފާހަގަކުރެވެ އެވެ. ނަތީޖާއަކީ އެހެން މުދައްރިސުންގެ ރައުޔަށް ބުރަވެ، ކިޔަވައިދިނުމުގެ ވަކިގޮތަކީ، ނުވަތަ ޓެކުނޮލޮޖީގެ ވަކި ވަސީލަތެއް ބޭނުންކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނޭ ކަމެއް ނޫންކަމުގައި މުދައްރިސަށް ވިސްނި، އެގޮތަށް އަމަލުކުރުމެވެ. ނުވަތަ މީގެ އަނެއް ކޮޅެވެ. އެއީ އޭގެ ޒާތުގައި މާބޮޑު މަންފާއެއް ނެތްގޮތެއް، ނުވަތަ އާލާތެއް ބޭނުންކޮށްގެން ކިޔަވައިދިނުމަކީ މާމޮޅުކަމެއް ކަމުގައި މުދައްރިސަށް ގަބޫލުކުރެވުމެވެ.

އިސްވެ ދިޔަ ސަބަބުތަކަށް ޓަކައި ޓެކުނޮލޮޖީއަށް މުދައްރިސުން އަހުލުވެރި ކުރުވުމަށް ޓަކައި ޕުރޮފެޝަނަލް ޑެވެލޮޕްމެންޓް ހަރަކާތްތަކުގެ ތެރެއިން ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. މިފަދަ ހަރުދަނާ މަސައްކަތްތަކެއް ކުރެވިއްޖެ ނަމަ ޓެކުނޮލޮޖީ ބޭނުންކުރުމުގެ މައުލޫމާތާއި ހުނަރުވެރިކަން މުދައްރިސުންގެ ބޮޑުވާނެ އެވެ. އޭރުން ޓެކުނޮލޮޖީ ބޭނުންކުރުމަށް މުދައްރިސުންގެ ޖެހިލުންވުން ކުޑަވެ، އޭގެ ބޭނުންތެރިކަން ބޮޑުކަމަށް އިހުސާސްވާނެއެވެ. ދެވަނަ ކަމަކީ އުނގަންނައި ދިނުމުގައި ޓެކުނޮލޮޖީ ބޭނުންކުރުމުގެ އުސޫލެއް ނުވަތަ އާއްމު ސިޔާސަތެއް އިސްކޫލުން ކަނޑައަޅައި މުދައްރިސުންނާ ހިއްސާކުރުމެވެ. ނަމަވެސް މިފަދަ ސިޔާސަތެއް ވާން ވާނީ އުނގަންނައިދެވޭ މާހައުލާއި، ކިޔަވައިދެވޭ ވަކިވަކި މާއްދާތަކުގެ ޒާތަށް ރިއާޔަތްކުރެވިގެން ހެދޭ އެެއްޗަކަށެވެ. އަދި މުދައްރިސުންނަށް އެކަށީގެންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދެވޭ ނިޒާމަކާ އެކު ހެދޭ އެއްޗަކަށެވެ. އޭރުން ޓެކުނޮލޮޖީއާމެދު ބީރައްޓެހި ނަޒަރަކުން ބަލާ މުދައްރިސުން ވެސް ވަޒީފާގެ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް ފުރިހަމަކުރުމަށް މިވަސީލަތްތަކުގެ ބޭނުންހިފަން ފަށާނެ އެވެ. އާޚިރު ނަތީޖާއަކަށް ވާނީ، މަޑުމަޑުން ޓެކުނޮލޮޖީއަށް ފަރިތަ ބަޔަކަށް މުދައްރިސުން ވުމެވެ. ކިޔަވައިދޭ މާހައުލަކީ ޓެކުނޮލޮޖީ ބޭނުންކުރުމަށް ފަހި ތަނަކަށް ވުމެވެ.

comment ކޮމެންޓް