ނަޝީދު އުޅުއްވަނީ މަޖިލިސް ތެރެއިން ޕާޓީ ހިންގަން: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ މަޖިލިސް ތެރެއިން ޕާޓީ ހިންގަން ކަމަށް އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ކޮމިޓީތަކުން މިހާރު އެމްޑީޕީގެ އެޖެންޑާ19 ގެ ބިލުތައް ޑްރާފްޓްކުރަން ވަނީ ފަށައިފައެވެ.

މިރޭ 'އަންނަނީ އަންނަނީ" ނަމުގައި އިދިކޮޅުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، މިއަދު އޮތީ "ޕެރަލައިޒް" ވެފައި އޮތް ސަރުކާރެއް ކަމަށެވެ. އެގޮތުން މި ސަރުކާރު އައީ އެތަކެއް ވައުދުތަކެއް ވެގެން ކަމަށާއި ނަަމަވެސް ވީ ވައުދުތައް ފުއްދުމަށް ބިލުތަކެއް މަޖިލީހަށް ނާންނަ ކަމަށެވެ.

" ދަނޑުވެރިންގެ ބިލެކޭ ކިޔާފައި، ޕެސްޓިސައިޑް ބިލެއް ގެނައީ. ދެން އެމްޑީޕީގެ ރައީސް [ނަޝީދު]އަށް މިކަމަށް ކެތްތެރިކަން ކޮޅުން ލައިފި. މި ސަރުކާރަކަށް ނޭނގޭ މި ސަރުކާރުން ރައްޔިތުން ވީ ވައުދެތައްވެސް. އެމްޑީޕީގެ ރައީސަކަށް އިންނެވި ބޭފުޅަކު މަޖިލިސް ރައީސް، އެމަނިކުފާނަށް މިކަން ރޭކާލައިގެން މިހާރު ސަރުކާރުން ކުރާ ކަންތައް މަޖިލިސް ތެރެއިން ކުރާތަން ފެންނަނީ. ޕާޓީއެއް ހިންގާތަން މަޖިލިސް ތެރެއިން ފެންނަނީ،" ޝީޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، މި ސަރުކާރުން މީގެ ކުރިން ޑްރާފްޓް ކުރި ބިލުތަކަށް މަޖިލިސް ރައީސް، ނަޝީދު ހިތްހަމަޖެހިވަޑައި ނުގަތް، މިހާރު މަޖިލިސް ތެރެއިން ބިލު ޑްރާފްޓް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް ހައްލު ހޯދައިދޭނަމޭ ކިޔާފައި މަޖިލީހަށް ވެއްދި ބިލަކީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ސަރުކާރުގައި ހަދާފައިވާ ބިލެއް ކަމަށެވެ. ނަމަވެސް އެ މުޅި ބަދަލު ކުރަން ޖެހުނު ކަމަށާއި އެ ބިލުން މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބުނު ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މަސްވެރިންނަށް ހަމަ އަގު ދޭނަމޭ ކިޔާފައި [މި ސަރުކާރު] ގެނައީ. އަޅުގަނޑުމެންގެ ސަރުކާރުގެ ފަހުކޮޅު 25 ރުފިޔާއަށް ހުރި މަސް މިހާރު ހުރީ 12 ރުފިޔާ އަށް. މަސްކޮޅު ކިރާލެވެނީކީ ނޫން. ކިއު ގައި ހަ ދުވަސް ހަތް ދުވަސް. މަސް ކިލޯ އެއް ކިރާލެވެނީ އެއް ނޫން އައިސް ނެތުނީމަ މި ޖެހެނީ މަސްކޮޅު އުކާލަން،" ޝީޔާމް ވިދާޅުވިއެވެ.

ޝީޔާމް އިތުރަށް ވިދާޅުވީ، އިދިކޮޅުން ސަރުކާރު ޒިންމާދާކުރުމުގައި ސާބިތުވެ ތިބޭނެ ކަމަށެވެ. ތަފާތު އެކި ގޮންޖެހުންތައް އަންނަމުންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން ކައިރި ގައުމެއްގެ އަޅުވެތިކަމަށް ރާއްޖެ އެއްކޮށް ގޮސްފައިވާ ކަމަަށް ޝިޔާމް ވިދާޅުވިއެވެ.

"ކައިރި އަވައްޓެރި ގައުމެއްގެ އަޅުވެތިކަމަށް އަޅުގަނޑުމެން އެއްކޮށް ހިނގައްޖެ. އެމީހުން ބޭނުންވާ ގޮތައް މަސައްކަތް ކުރީ ވެރިކަމަށް އަންނަން. އެހެންވީމަ ވެރިކަމަށް އައިސް އެމީހުންގެ ވަކިތަކުން ސަލާމަތްވެވޭކަށް ނެތް. ދަރުމަވަންތަ ހޮސްޕިޓަލަށް ހޮސްޕިޓަލް ނުކިޔުނީ އަޅުގަނޑުމެންނަށް އެނގޭ މިވާ ގޮތް. މިއަދު ލާދީނީ ފިކުރުތައް މިތަނަށް ވެރިވަނީ އަޅުގަނޑުމެންނަށް އެނގޭ މި ވާގޮތް. މިދަންނަވާ ބޮޑެތި ގައުމުތަކުގެ މަގުސަދަކީ މާދަމާ މިތާގައި ފަޅި އެޅުން،" ޝިޔާމް ވިދާޅުވިއެވެ.

ސޔާސީ މީހުން ދީނުގެ ވާހަކަ ނުދައްށޭ ބުނާ ބުުނުމަށް ރައްދު ދެއްވައި ޝިޔާމް ވިދާޅުވީ، ސީޔާސީ ވުމުގެ ކުރިން އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށާއި އިސްލާމް ދީނުގެ ދިފާއުގައި ތެދުވާނެ ކަމަށެވެ.

ކުންފުނިތަކަށް ބޮޑެތި އަދަދުން ބަދަލު ދިނުމާ ގުޅޭ ގޮތުން ޝިޔާމް ވިދާޅުވީ، އެއީ މީހާރު އާ ވައްތަރެއްގެ ވައްކަމެއް ކަމަށާއި މުޅި ދައުލަތުގެ ބައިތުންމާލުން މި ސަރުކާރުގެ ގާތް މީހުންގެ ކުންފުނިތަކަށް ބަހަަމުންދާ ކަމަށެވެ.

comment ކޮމެންޓް