ކޮލަމް ފޮޅުވަތް: އަނދިރި އިގްތިސާދު ބަންދު ވެއްޖެ! ވޭން ބޮޑުވާނެ!

އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް ހަދަމުން ދިޔަ ދުވަސްވަރުގެ ފޮޓޯއެއް: ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާ ދަށަށް ގޮސް އޭގެ ނުބައި އަސަރު ވަނީ ފެންނަން ފަށާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގައި ފްލެޓް އެޅި ކުންފުނިން ޝަކުވާ ކުރަނީ އެ ފްލެޓްތައް ގަންނާނެ މީހަކު ނުވެގެން އެވެ. ކަންމަތީ ފިހާރައިގެ ސޭޓްގެ ޝަކުވާއަކީ އޭނާގެ ވިކުރާ މާ ބޮޑަށް ދަށްވުމެވެ. މުދާ އުފުލާ ދޯނީގެ އޮޑިވެރިޔާގެ ޝަކުވާއަކީ އޭނާގެ ދޯންޏަށް ސަޕްލައި ނުލިބި ދޯނި ފަޅުގައި ބާއްވަން ޖެހުމެވެ. ކޮންސްޓްރަކްޝަން ގްރޫޕްތަކުގެ ޝަކުވާއަކީ، އެ މީހުން މަސައްކަތެއް ނެތި، އަތް އުރާލައިގެން ތިބެން ޖެހުމެވެ. މިއީ މިދިޔަ ދެތިން މަހެއްހާ ދުވަހު ރާއްޖޭގެ އިގްތިސާދުން އިވޭ ގޮވެލި ފައްޗެކެވެ.

މީގެ ނަތީޖާއަކީ، ވިޔަފާރި ދަށްވެ ވިއްކާލާ ފިހާރަތަކާއި ކެފޭތައް ގިނަވުމެވެ. ރާއްޖޭގެ ނިސްބަތުން އިމާރާތް ކުރުމުގެ ދާއިރާގެ މެގަ ކުންފުނިތައް ވެސް 400،000 އެއްހާ ރުފިޔާގެ ކުދިކުދި މަޝްރޫއުތަކުގެ ފަހަތުން ވެސް ދުވަން މަޖުބޫރުވުމެވެ. ގިނަ އަދަދަކަށް ބިދޭސީ މަސައްކަތްތެރިން ގެންގުޅުނު ކުންފުނިތަކުން އެ މީހުން ވަކިކޮށް ފޮނުވާލަން ވެސް ޖެހިއްޖެ އެވެ. މި ހުރިހާ ކަމަކުން ޔަގީންވާ އެއްކަމަކީ އިގްތިސާދަށް ނުބައި ބަދަލުތަކެއް އަންނަ ކަމެވެ. އިގްތިސާދީ ނަޒަރިއްޔާއަކަށް މި ހާލަތު ފައްތާ ނަމަ، މިއީ އިގްތިސާދީ ދުވެލި ނޫނީ ގައުމުގެ އުފެއްދުންތެރިކަން، ޖީޑީޕީ މަޑުޖެހޭ ކަމުގެ ވަރަށް ފުރިހަމަ ހެކިތަކެކެވެ.

އެއްބައެއްގެ ނަޒަރުގައި، މި ހާލަތު ކުރިމަތިވީ ސަރުކާރަށް ބަޖެޓް ޑިސްޕާސް ކުރެވޭ ވަރު ކުޑަވެ، އުމްރާނީ މަޝްރޫއުތައް މާބޮޑަށް މަދުވެގެން އެވެ. އެއީ ކޮންމެވެސް ވަރެއްގެ ހަގީގަތްތަކެއް ވެސް އޮތް ވާހަކަ އެކެވެ.

އެކަމަކު މިހާރު ރާއްޖޭގެ އިގްތިސާދަށް ވެގެން މިއުޅޭ ގޮތުގެ އަސްލު ހޯދަން އެހެން، ބަހުސަކަށް ފުރުސަތު އެބަ އޮތެވެ.

އެއީ، މިދިޔަ ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދުގެ ސިނާއަތްތަކުގެ ތެރެއިން އިމާރާތް ކުރުމުގެ ދާއިރާ ފަތުއަޑުކިޔާފައި ކުރިއެރުމާ ހަމައިން ފަށަން ޖެހޭ ވާހަކަ އެކެވެ. ހުޅުމާލޭގައި ބޮޑެތި ފްލެޓް އިމާރާތްތައް ހިއްލެން ފެށި އެވެ. އާ އެތައް ރިސޯޓެއްގެ މަސައްކަތް އެއް ފަހަރާ ފެށުނެވެ. އެއާ ގުޅިލާމެހިގެން އެތައް ބައިވަރު، ފައިސާއެއް އިގްތިސާދުގެ ތެރޭގައި ދައުރުވާން ފެށި އެވެ. ވިޔަފާރި ވެރިން ދުއްވައިގަތީ، އެ ދާއިރާއަށް އިންވެސްޓް ކުރާށެވެ. މިއީ އިގްތިސާދީ ފޮތްތަކުގައި ލިޔެފައިވާ ފަދަ "އިކޮނޮމިކް ބަބުލް" އެއްގެ ގިނަ އަލާމާތްތައް އޭގައި ހިމެނޭ ކުރިއެރުމެކެވެ.

އެހެންވީއިރު، އިކޮނޮމިކް ބަބުލް އަކީ ކޮބައި ހެއްޔެވެ؟

އިކޮނޮމިކް ބަބުލް އާންމު ބަހުރުވައަށް ތިރިކުރާނަމަ އެއީ، ސިނާއަތެއް ނޫނީ ހިދުމަތެއް، ނޫނީ އެއްޗަކަށް މުސްތަގުބަލުގައި ބޮޑު ޑިމާންޑެއް އޮންނާނެ ކަމަށް ލަފާކުރެވި، އަސްލު ޑިމާންޑަށް ވުރެ ސަޕްލައި މާ ގިނަވެގެން އަންނަ ކުރިއެރުމާއި އެއަށް ފަހު އޭގެ އަސްލު އަގަށް ރުޖޫއަވާ މަރުހަލާގައި ދެން ކުރިމަތިވާ އިގްތިސާދީ ދަތި ހާލަތްތަކެކެވެ.

ސައިބޯނި ބޮކިން މިސާލު ނަގަމާ ހިނގާށެވެ. ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގެ އިންވެސްޓްމަންޓްތައް އައީ ދުވަހެއް ދުވަހަކަށް އިތުރުވެ ފުފެމުންނެވެ. ސައިބޯނި ބޮކި ވެސް ވަކި ވަރަކަށް ބޮޑުވެ މައްޗަށް އެރުމުން، ދެން ދާނީ ފަޅައިގެންނެވެ. އެއީ ލޮލަށް ދައްކާލާ ޒާތެއްގެ ދަޅަ އެކެވެ. ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ މިހާރު މި އޮތީ ބޮކި ފަޅައިގެން ދާ މަރުހަލާގަ އެވެ.

ހަދަން ފެށި ރިސޯޓްތަކުގެ މަސައްކަތް ނިމިއްޖެ އެވެ. އުމްރާނީ ބޮޑެތި މަޝްރޫއުތައް ވެސް ނިމި، ދެން މި އަންނަނީ އެ މަޝްރޫއުތަކަށް ނެގި ލޯނު ދައްކަން ޖެހޭ މަރުހަލާ އެވެ. ފްލެޓް އެޅި ވިޔަފާރިވެރިންނަށް އެ ފްލެޓްތައް ވިއްކޭ ގޮތެއް ނުވެ އެވެ. ސަބަބަކަށް ވަނީ ބޭންކްތަކުން ވެސް ހައުސިން ލޯނުތައް ތާށި ކުރަމުން ދިޔުމެވެ. ހީވާ ގޮތުން ބޭންކުތަކުން ވެސް ނަގާ ބިރަކީ ދެން މާކެޓަށް ވާނެ ގޮތް ނޭނގުމެވެ. އަދި މިދިޔަ ދެތިން އަހަރު މާކެޓް ފްލަޑްވާހާ ގިނައިން އިމާރާތް ކުރުމުގެ ދާއިރާއަށް ބޭންކުތަކުން ލޯނު ދޫކޮށް ހުސްކޮށްފި އެވެ.

އެ ކަންބޮޑުވުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިފަހުން ފާޅު ކުރައްވަމުން ވިދާޅުވި ގޮތުގައި، އަމިއްލަ ފަރާތްތަކުން ހުޅުމާލޭގައި ހަދާފައިވާ 7491 ފްލެޓެއް އަންނަ އަހަރުގެ ތެރޭގައި ހައުސިން މާކެޓަށް ނެރޭނެ އެވެ. އެ ތަންތަން ގަންނަން ޖުމްލަ 16 ބިލިއަން ރުފިޔާ ބޭނުންވާ އިރު، ކުރިއަށް އޮތް ތިން އަހަރަށް ހައުސިން ލޯނަށް ދޫކުރަން ބީއެމްއެލް އިން ކަނޑައަޅާފައި އޮތީ ހަތަރު ބިލިއަން ރުފިޔާކަން ރައީސް އެ ދުވަހު ހާމަކުރެއްވި އެވެ. އެހެން ވީމާ، އެ ފްލެޓްތައް ގަންނަން އިތުރަށް، 12 ބިލިއަން ރުފިޔާ ބޭންކްތަކަށް ބޭނުންވެ އެވެ.

ރައީސް އެދުވަހު ފާޅުކުރެއްވި ކަންބޮޑުވުމަކީ އެ ފްލެޓްތައް ގަންނަން ބޭންކްތަކަށް އާންމުންނަށް ފައިސާ ނުދެވޭ ނަމަ ދެން ވާނެ ގޮތަކާ މެދު އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އޮތްހާ ވެސް ގޮތަކީ އިތުރަށް ފައިސާ ހޯދުމެވެ.

މީގެ އިތުރަށް އިމާރާތް ކުރުމުގެ ދާއިރާ ކުރިއަރައިގެން ގޮސް، އުފެދުނު އޮޔެވަރުގައި ފެށި އާ ވިޔަފާރިތައް ވެސް ދެން ބަނގުރޫޓްވުމާ ދިއުން ކައިރި އެވެ. އަދި އެކަމަށް ނެގި ލޯންތައް ނުދެއްކުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

އެންމެ ފަހުން އެމްއެމްއޭ އިން ނެރުނު، ތަފާސްހިސާބުތަކުގައިވާ ގޮތުގައި، ރާއްޖޭގެ އުފެއްދުންތެރިކަން ނޫނީ ޖީޑީޕީ މިދިޔަ އަހަރު ނިމުނު އިރު 4.7 ޕަސެންޓަށް އިތުރުވި، ނަމަވެސް އެ އަދަދު މަޑު ޖެހި 3.1 ޕަސެންޓަށް ވަނީ ވެއްޓިފަ އެވެ. ސަބަބަކީ، އިމާރާތް ކުރުމުގެ ދާއިރާ ދަށަށް ދިޔުމެވެ. އެމްއެމްއޭ އިން ވެސް ފާހަގަ ކުރާ ގޮތުގައި އެކަމުގެ އަސަރު ހޯލް ސޭލް އަދި ރިޓެއިލް ވިޔަފާރީގެ މާކެޓަށް ވެސް ކުރެ އެވެ. އަދި ވަޒީފާގެ ބާޒާރަށް ވެސް ކުރާނެ އެވެ.

މިހާލަތާ ހަމަޔަށް އިގްތިސާދު އަރާ ހަމަކޮށްފައިވާ އިރު، ދެން އޮތް ގޮތަކީ ސަރުކާރުގެ އުމްރާނީ މަޝްރޫއުތައް ނޫނީ އިންވެސްޓްމަންޓްތަކެއް އިތުރު ކުުރުމެވެ. އެކަމަކު، ސަރުކާރަކަށް ވެސް މަޝްރޫއުތައް ހިންގުމުގެ ހަކަތަ ހުންނާނީ ވަކި ވަރަކަށެވެ. އަދި އިންވެސްޓްމަންޓް ގެނައުމަކީ އެއަށް ވުރެ މާ އުނދަގޫ ކަމެކެވެ.

ސުވާލަކީ ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާއަށް ބޫމްއެއް އައީ، ކީއްވެ ހެއްޔެވެ؟ ލަފާކުރުމަކީ މީގެ ދެތިން އަހަރު ކުރިން އިގްތިސާދީ އިންޖީނު އެހާ ބާރަށް ހިނގައި ގަތީ ކަޅު ފައިސާތަކެއް އިގްތިސާދަށް ވަދެ، ފައިސާ ދައުރުވާ ވަރު އިތުރުވުމުން އެވެ.

އެމްއެމްޕީއާރުސީގެ ތެރެއިން ހިންގި ބޮޑު ކޮރަޕްޝަންގެ ތެރެއިން ރިސޯޓް ހަދަން ރަށްތައް ދޫކުރަމުން ދިޔުމާ އެކު އެ ރަށްތައް ތަރައްގީ ކުރަން ވެސް ފެށި އެވެ. އޭސީސީގެ ތަހުގީގު ރިޕޯޓުން ފެނުނު މަންޒަރަކީ، އެ ރަށްތައް ކުއްޔަށް ދީގެން ލިބުނު ފައިސާ ދައުލަތުގެ މާލިއްޔާއިން ނެރެ، ބޭރު ފައިސާގެ މާކެޓަށް އެ ފައިސާތައް ދޫކޮށް ސާފު ކުރަމުން ދިޔަކަމެވެ. އަދި އޭގެއިން ބައެއް ފައިސާ އެކި ފަރާތްތަކަށް ބެހިގެން ގޮސް، ފްލެޓްތަކާއި ޕްރޮޕަޓީތައް ގަތުމާއި އެތައް ވިޔަފާރިތަކެއް ވެސް ފެށި އެވެ. އެ ފައިސާތައް ރާސްލާފައި އިގްތިސާދުގައި ދައުރުވި އެވެ. ބައެއް ބޭފުޅުން މަހަކު އެއްފަހަރު އާ ވިޔަފާރިއެއް ފައްޓަވަ އެވެ. ދެތިން ހަތަރު ފްލެޓް ހުޅުމާލެއިން ބައްލަވައި ގަނެ އެވެ. އަނެއް ބައި ބޭފުޅުން ރިސޯޓް ހައްދަވަން ވެސް ފެއްޓެވި އެވެ.

އެކަމަކު މިހާރު އެފަދަ ނުހަމަ ބޮޑު ފައިސާގެ ހަރަކާތެއް ރާއްޖޭގައި ހިނގައިގެން އުޅޭ މަންޒަރެއް ނުފެނެ އެވެ. ހަގީގަތުގައި އޭރު އުފެދުނު އަނދިރި އިގްތިސާދު މިއަދު ބަންދުވެއްޖެ އެވެ. އިގްތިސާދުގެ ތެރެއަށް ނުހަމަ ފައިސާ ވަނުމުގެ ދޮރުތައް ވަރަށް ބޮޑަށް މިހާރު ބަންދުވީ ކަމަށްވުން ކައިރި އެވެ.

އޭރު އެ ފެނުނީ ދިވެހި އިގްތިސާދުގެ ހަގީގީ ހަކަތައެއް ނޫނެވެ. ދެން މިހާރު މި ފެންނަނީ، އޭރު އުފެނުނު އަނދިރި އިގްތިސާދު ނިމުމުން ދެން އަހަރުމެންގެ އިގްތިސާދުގައި އަޅާނެ ވޭނެ އެވެ. އެއީ، އެންމެ އާދައިގެ މީހާ ވެސް ތަހަންމަލް ކުރަން ޖެހޭ ވޭނަކަށް ވެދާނެ އެވެ. ވިޔަފާރިތައް ބަނގުރޫޓްވުމެވެ. ލޯނުތައް ޑީފޯލްޓްވެ، ބޭންކަށް އޭގެ ލޮޅުން އެރުމެވެ. ބޭރު ފައިސާގެ ބާޒާރު ތާށިވުމެވެ. މިހެން ގޮސް ފެންނަން ބޭނުން ނުވާ އެތައް މަންޒަރެއް އިގްތިސާދުން ފެނުން ވަރަށް ކައިރި އެވެ.

comment ކޮމެންޓް