އެމްޑީއެންގެ ހަރަކާތްތައް ހުއްޓުވައި އެ ޖަމްއިއްޔާ ސަސްޕެންޑްކޮށްފި

އިސްލާމް ދީނަށް ކުޑައިމީސްވާ ގޮތަށް ރިޕޯޓެއް ޝާއިއު ކުރި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ހަރަކާތްތައް ހުއްޓާލަން އަންގައި ސަރުކާރުން އެ ޖަމްއިއްޔާ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފި އެވެ.

ޖަމްއިއްޔާތަކުގެ ބެލެނިވެރި ފަރާތް ޔޫތް މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ގެ ނަމުގައި އެ ޖަމްއިއްޔާއިން ޝާއިއުކުރި ރިޕޯޓްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާތީ މިއަދުން ފެށިގެން ފުލުހުން އެ މައްސަލަ ތަހުގީގުކޮށް ނިމެންދެން އެ ޖަމްއިއްޔާގެ އެއްވެސް ހަރާކާތެއް ނުހިންގުމަށް އަންގާފައިވާ ކަމަށެވެ.

އެގޮތަށް އެންގީ، ޖަމްއިއްޔާތަކާ ބެހޭ ގަވާއިދުގެ 39 ވަނަ މާއްދާގެ ދަށުން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ވަނީ ފުރައްސާރަ ކޮށްފައެވެ.

އެ ރިޕޯޓްގައި ކީރިތި ރަސޫލާ އިސްރާ އަދި މިއުރާޖްއަށް ވަޑައިގެންނެވި ހާދިސާއާއި ކީރިތި ރަސޫލާއަކީ ހައްދު ފަހަނައަޅާފައިވާ ބޭފުޅެއް ކަަމަށް ސިފަވާފަދަ ގޮތަކަށް ފުރައްސާރައިގެ ވާހަކަތައް ވަނީ ހިމަނައިފައެވެ.

އެ މައްސަލައިގައި އެމްޑީއެން އުވާލުމަށްވެސް އާންމުންނާއި ބައެއް ސިޔާސީ ފަރާތްތަކުންވެސް ދަނީ ގޮވާލައިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީގެ ކުރިން ވިދާޅުވީ ދީނަށް ފުރައްސާރަކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

އެމްޑީއެން އުވާލުމަށްފަހު، އެ ޖައްމިއްޔާ އަށް ނިސްބަތްވާ މެމްބަރުންނާމެދު ފިޔަވަޅު އަޅައި އަދި މަގާމުގައި ތިބެއްވި އެމްޑީއެންގައި މަސައްކަތް ކުރެއްވި ސަރުކާރު މަގާމުތަކުގައި ތިއްބެވި ފަރާތްތައް ވަޒީފާ އިން ވަކިކުރުމަށްވެސް އިދިކޮޅު ޕީޕީއެމްއަދި ޕީއެންސީއިންވަނީ ގޮވާލައިފައެވެ. އެ މައްސަލައިގައި އެމްޑީއެންގެ މެމްބަރުން ސަރުކާރުން ވަކި ކުުރަން މަޖިލީހަށް ގަރާރެއްވެސް އިދިކޮޅުން ހުށަހެޅިއެވެ. ނަމަވެސް އެ ގަރާރު މަޖިލީހުން ވަނީ ބޭރުކޮށްލައިފައެވެ.

އެމްޑީއެންގެ މައްސަލައިގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ އެމްޑީއެންއާއި އަދި ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ފަރާތްތަކާވެސް ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.

comment ކޮމެންޓް