ރަސޫލާއަށް ފުރައްސާރަކޮށްގެން މެލޭޝިއާ މީހަކު 10 އަހަރަށް ޖަލަށް

ކުއަލަ ލަމްޕޫރު، މެލޭޝިއާ

ކުއާލަލަމްޕޫރު (އޮކްޓޯބަރު 10): ކީރިތި ރަސޫލާ މުޙައްމަދު (ސއވ)އަށް މަލާމަތާއި ފުރައްސާރަކުރުމުގެ ކުށް ސާބިތުވެގެން މެލޭޝިއާގެ ރައްޔިތަކު 10 އަހަރާއި 10 މަހަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

އެލިސްޓާ ކޯގިއާ ނަމަކަށް ކިޔާ، މެލޭޝިއއަށް ނިސްބަތްވާ މީހާ ކުރި ކުށަކީ ކީރިތި ރަސޫލާގެ ޝަހުސިއްޔަތަށް ފުރައްސާކޮށް އަދި އިސްލާމްދީނަށްވެސް އިހާނާތްވާގޮތަށް ސޯޝަލް މީޑިއާގައި ލިޔުމެވެ. އެ މައްސަލާގައި ކޯގިއާގެ މައްޗަށް ދައުވާކޮށްފައިވަނީ މެލޭޝިއާގެ ގާނޫނުލްއުގޫބާތުގެ 298 ވަނަ މާއްދާއާއި އާއި، 505 ވަނަ މައްދާއާއި އަދި މަލްޓިމީޑިޔާއާ ބެހޭ ގާނޫނުގެ ދަށުންކަމަށްވާއިރު ކޯގިއާ ވަނީ ކޯޓުގައި އޭނާގެ ކުށަށް އިއްތިރާފް ވެފައެވެ.

އެމައްސަލާގައި 10 އަހަރަށް ޖަލަށްލުމުގެ ބަދަލުގައި މެލޭޝިއާގެ 50،000 ރިންގިޓްއިން ޖުރުމާނާކުރުމުގެ އިހުތިޔާރު ނުވަތަ ޖަލަށްލުމާއެކު ޖޫރިމާނާކުރުމުގެ އިހުތިޔާރުވެސް ކަމާބެހޭ ގާނޫނުތަކުގައި ފަނޑިޔާރުންނަށް އޮވެއެވެ. ނަމަވެސް އެމައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވަނީ ޖޫރިމަނާނުކޮށް ކޯގިއާ 10 އަހަރަށް ޖަލަށް ލުމަށެވެ. މިއީ ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލައެއްގައި މެލޭޝިޔާގައި މިހާތަނަށް ދިން އެންމެ ބޮޑު އަދަބުކަމަށް އެގައުމުގެ މީޑިއާއިން ބުނެއެވެ.

އަނެއްކޮޅުން މެލޭޝިޔާގެ ފުލުހުންގެ ވެރިޔާ ތާން ސްރީ ދާތޯ ސެރީ އަބްދުލްހަމީދު ބިން ބްރަދޯރު ވަނީ އިސްލާމް ދީނަށް ފުރައްސާކުރި ކުރި މައްސަލައެއްގައި އިތުރު ތިން މީހެއްގެ މައްޗަށް ތަހްގީގުކޮށް އެމީހުންގެ މައްޗަށް އެކަން ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. ހެކި ލިބިފައިވާތީ އެ ތިން މީހުންގެ މައްސަލަ ވަރަށް އަވަހަށް ކޯޓަށް ފޮނުވާނެކަމަށާއި ދީނަށް ފުރައްސާރަކުރުމާއި ނަސްލީ ފިތުނަ އުފެދޭ ފަދަ އަމަލުތައް ހިންގުމަކީ މެލޭޝިޔާއިން ވަރަށް ހަރުކަށިކޮށް ފިޔަވަޅު އަޅާނެ ކަންތައްތައްކަން އަބްދުލްހަމީދު ވިދާޅުވިއެވެ.

ދީނީ ގޮތުންނާއި ނަސްލީގޮތުން މުޖުތަމައުގައި ބައިބައިވުމާއި ފިތުނަ އުފެދޭ ބާވަތުގެ އަމަލުތައް ދުލާއި ގަލަމާއި އަލަމުންނާ ހަރަކާތުންނާ އަދި ސޯޝަލް މީޑިޔާގައާއި މުވާސަލާތީ ނެޓްވާކްތަކުގައި ހިންގުމަކީ މެލޭޝިޔާގައި ވަރަށް ބޮޑު އަދަބެއް ދެވޭ ކުށެކެވެ. ބޮޑު އަދަބެއް އެކަމަށް ކަނޑައަޅާފައިވަނީ އެފަދަ ކަންކަން މެލޭޝިޔާގެ މުޖްތަމައުގައި ހައްސާސްވުމުގެ ސަބަބުންނެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް