ޓީޖެޓީ އަލިފާނުގެ ހާދިސާގައި ފިހުނު އެކަކު އިތުރު ފަރުވާއަށް އިންޑިއާއަށް

މާލޭ ޓީޖެޓީ ސަރަހައްދުގައި އޮތް ތެޔޮ ބައުޒަރަކާއި އެ ސަރަހައްދު ފަޅުގައި އޮތް ލޯންޗެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހުނު އެކަކު އިތުރު ފަރުވާއަށް އިންޑިއާ އަށް ގެންގޮސްފިއެވެ.

އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް އިއްޔެ ހަވީރު އިންޑިއާއަށް ގެންގޮސްފައި ވަނީ އއ.އުކުޅަސް، ޑޭޒީމާގެ، މުހައްމަދު އުނައިޝް،25، އެވެ.

އުނައިޝްގެ އާއިލާއިން ބުނީ، އޭނާ އިންޑިއާއަށް ގެންދިޔައީ އައިޖީއެމްއެޗް އިން އެންގުމުން ކަމަށެވެ. އޭނާއަށް ފަރުވާދެނީ އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ކިމްސް ހޮސްޕިޓަލްގައެވެ.

އުނައިޝްގެ ލޭގައި ޖަރާސީމު ހުރިކަމަށް، ކިމްސް އިން އޭނާ ބެލި ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނެއެވެ.

އުނައިޝް އަށް މިހާރު އައިސީޔޫގައި ފަރުވާ ދެމުން އައި ނަމަވެސް، ދެތިން ދުވަހެއްގެ ތެރޭގައި ވޯޑަށް ބަދަލުކުރެވޭނެ ކަމަށް ބެލެވޭ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނެއެވެ.

އަލިފާނުގެ ހާދިސާގައި އުނައިޝްގެ އިތުރުން ހަ މީހަކު ވަނީ ފިހިފައެވެ.

އުނައިޝް އަކީ އަލިފާން ރޯވި "ނެވި 3" ލޯންޗުގެ ފަޅުވެރިއެކެވެ. އެ ހާދިސާގައި އެ ލޯންޗުގައި ތިބި ހަތަރު މީހަކު ވަނީ ފިހިފައެވެ.

comment ކޮމެންޓް